ސިޓީ ހޮޓާގެ ޕްރޮޖެކްޓް ލަސްވާތީ މާޅޮހު ކައުންސިލުން ކަންބޮޑުވެއްޖެ

14547805_1318864258132280_5918177549036290048_n.jpg

ބ. މާޅޮސް. ސިޓީ ހޮޓާގެ ޕްރޮޖެކްޓް ހުއްޓިފައިވާތީ އެރަށު ކައުންސިލުންވަނީ ކަންބޮޑުވުން ފާލުކޮށްފައި / ފައިލް ފޮޓޯ

ބ. މާޅޮހުގައި ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންއަންނަ ސިޓީ ހޮޓާ ބިން ބީލަމަށް ނުލެވި ޕްރޮޖެކްޓް ހުއްޓިފައިވާތީ މާޅޮހު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސިޓީ ހޮޓާއެޅުމަށް މާޅޮހުގެ އިރު ދެކުނު ސަރަހައްދުން 27000 އަކަފޫޓްގެ ދެ ބިމެއް 50 އަހަރުގެ މުއްދަތަކަށް ކުއްޔަށްދޭން ސަރުކާރުގެ ހުއްދަލިބުމާއެކު، އެކަމަށް ޝައުގުވެރިވާ 8 ކުންފުންޏަކުން މިދިޔަ ޑިސެމްބަރމަހު މާޅޮހު ކައުންސިލްގައި ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މާޅޮހު ކައުންސިލްގެ ނާއިބްރައީސް އަހްމަދު މުޖްތަބާ އީވީއަށް ވިދާޅުވީ ޕްރޮޖެކްޓް ހުއްޓުމަކަށް އައިސްފައިވަނީ އެޕްރޮޖެކްޓްގެ ބައެއް ލިޔެކިއުންތަކަށް ބަދަލުގެނެސް ޓޫރިޒަމްގެ ހުއްދައަކަށް އެދުނު ހިސާބުންކަމަށެވެ. ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ މުޖްތަބާ ވިދާޅުވީ ހުއްދަލިބުން ލަސްވެފައިވަނީ ގެންނަ ބަދަލުގެ ލަފައަކަށް އެމިނިސްޓްރީން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައިއެދިފައިވާތީ ކަަމަށެވެ. ނަމަވެސް މުޖްތަބާ ވިދާޅުވީ މިމައްސަލަ މިހާ ދިގުދެމިގެންދާތީ، ކަންބޮޑުވާކަމަށެވެ.

“އަޅުގަނޑުމެން ޖެނުއަރީމަހު މިނިސްޓްރީގައި ދެންނެވީ އެމެންޑްމަންޓެއް ގެންނަން. 6 މަސްވީއިރުވެސް ލަފާފުޅެއް ހޯދާ މިކަން ހަމަނުޖެއްސިވުމަކީ ކަންބޮޑުވާކަމެއް. އަނެއްކާ މާބޮޑު ބަދަލެއްވެސް ގެންނާކަށް ނޫން މިއުޅެނީ. ކުރިން މިއޮތީ ޕްރޮޖެކްޓް ކުރިޔަށް ގެންދަން ހުއްދަލިބިފައި” މުޖްތަބާ ވިދާޅުވިއެވެ.

މުޖްތަބާ ވިދާޅުވީ މިޕްރޮޖެކްޓަކީ މާޅޮހު ރައްޔިތުންގެ އުއްމީދުތަކަ ގުޅިފައިވާ ވަރަށް ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެކަމަށެވެ. ނަމަވެސް ކަންކަން ލަސްވަމުންދާވަރަކަށް މިއުއްމީދު ފަނޑުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

“ރަށުގައި ތިބެގެން އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާ ޕްރޮޖެކްޓެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. އަނެއްކޮޅުން އިގްތިސާދަށް ބެއްޔަސް ރަށަށް ބޮޑު އިންގިލާބެއް އަންނަވަރުގެ ކަމެއްމީ.” އެމްޑީޕީ ކައުންސިލަރ މުޖްތަބާ ވިދާޅުވިއެވެ.

600 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް މާޅޮހަކީ ގެސްޓް ހައުސް ވިޔަފާރިވެސް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރަށެއްކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އަދިމިއަހަރު އިތުރު 2 ގެސްޓް ހައުސް ހުޅުވާނެކަމަށް ކުރިން ކައުންސިލުން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top