ސަރުކާރާއި މަސައްކަތްކުރާ އޮފީސް ބަދުނާމު ވާގޮތަށް އަމަލުކުރުން ޓީޗަރުންނަށް މަނާކޮށް, މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުސޫލެއް މިއަދު އާންމުކޮށްފިއެވެ.
ދަރިވަރުންގެ ކަރާމަތާއި ރައްކާތެރިކަން ކަށަވަރުު ކުރުމުގެ ގޮތުން, ދައުލަތާއި ސަރުކާރާއި މަސައްކަތްކުރާ އޮފީސް ނުވަތަ އިދާރާ ބަދުނާމުވާފަދަ އެއްވެސް އަމަލެއް މުދައްރިސަކު ކޮށްގެން ނުވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
ދިރާސީ އަހަރު ފަށަން ކުޑަތަންވެފައި ވަނިކޮށް މި އުސޫލެއް އެކުލަވާލީ މީގެ ދެ އަހަރު ކުރިން، އޮގަސްޓު 2021 ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުންނެވެ.
އުސޫލުގައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކަންކަން ކުރަން ރާވައިފައިވާ ގޮތް ދެނެގަނެ އެކަންކަމާ ބެހޭ މައުލޫމާތު ތައުލީމީ ދާއިރާގެ ހިއްސާދާރުންނަށް އޮޅުންފިލުވައި ދޭން ޖެހޭނެ އެވެ.
މި ސުލޫކީ މިންގަނޑުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ މުުދައްރިސުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ އަހުލާގާއި އާދަތައް ހަރުދަނާކުރުމުގެ އިތުރުން ކޮންމެ މުދައްރިސަކީ ވެސް ޒިންމާ އަދާކުރުމުގައި ތެދުވެރި މީހަކަށް ހެދުމެވެ.
އެގޮތުން އިހުލާސްތެރި ކަމާއި ޒިންމާދާރު ކަމާއެކު މަަސައްކަތްކޮށް އަދި ކަމަށް ކަމޭހިތާ މީހަކަށް ހެދުން ކަމުގައި ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން މުދައްރިސުންގެ ސުލޫކީ މިންގަނޑު ބިނާވެފައި އޮންނަނީ ހަތް އަސާސެއްގެ މައްޗަށެވެ.
އެއީ ދަރިވަރުންގެ ކަރާމަތާއި ރައްކާތެރިކަމާއި ތައުލީމީ ދާއިރާގެ އިތުބާރުގެ މައްޗަށާއި ދަރިވަރުންގެ ފަރުދީ ތަފާތުތަކުގެ މައްޗަށާއި ފަންނީ އަދި ރަސްމީ ގުޅުންތަކާއި ފަންނީ އަހްލާގާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި ޒަމާނާ އެކަށޭނެ އިލްމާއި ފަންނުވެރިކަމުގެ މައްޗަށެވެ.
މީގެ އިތުރުން މި އުސޫލުގައި އިތުރަށް ބުނެފައިވަނީ ދަރިވަރުންގެ ހައްގުތައް ރައްކާތެރިކޮށް، އެ ހައްގުތައް ކަށަވަރުކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.