މަތީ ގްރޭޑްތަކަށް ގުރުއާނުން އިމްތިހާނު ދިނުން މަޑުޖައްސާލައިފި

64519370_2998421070184423_4280292200203419648_o.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މަތީ ގްރޭޑް ތަކުގެ ދަރިވަރުން ކޮޅެއް.-- ފޮޓޯ :ބއތމ.ގެ އެފްބީ

މަތީ ގްރޭޑްތަކުގެ ނުވަތަ ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފި އެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށާއި މަންހަޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު، އެ މަންހަޖެއްގައި ހިމެނޭ ހުރިހާ މަރުހަލާއެއްގައި ވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށް ވެސް ފުރިހަމައަށް ލިބެންޖެހޭ ކަމަށެވެ.

ސާކިއުލާގައި އިތުރަށް ބުނަނީ ގްރޭޑު 9 އަދި 10 ހިމެނޭ ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މުޅިން އަލަށް ކަމަށެވެ. އެހެންވެ އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމާއި އިމްތިހާން ކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާ މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން ތިބީ ގުރުއާން މާއްދާ އިން އިމްތިހާނެއް ހަދަން ތައްޔާރުކޮށްފައި ނޫންކަމަށެވެ.

“ކީސްޓޭޖް 4 ގައި މިހާރު ތިބި ދަރިވަރުންނަކީ މި ބަޔާންކުރި ތަރުތީބުން ގައުމީ މަންހަޖު ފުރިހަމަ ކުުރުމުގެ ފުރުސަތު ލިބިފައި ނުވާ ދަރިވަރުން. މި ތަރުތީބު ފުރިހަމަނުކޮށް މަންހަޖެއް ތަންފީޒު ކުރުމަކީ އެ މަންހަޖެއްގެ ފުރިހަމަ އަރުތަ ދަރިވަރުންނަށް ހާސިލްވުމަށް ހުރަސް އެޅޭނެ ކަމެއް،” ސާކިއުލާގައި ވެ އެވެ.

“މި ކަންކަމަށް ރިޔާއަތްކޮށް، ކީސްޓޭޖް 4 އެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިހާނު ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކޮށްލުމަށް ވަނީ ހަމަޖެހިފައި. މިގޮތަށް ނިންމީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުުރުމަށްފަހު، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް މަޝްވަރާ ކުރެވުނު ގިނަ ފަރާތްތަކަށް ފެންނާތީ.”

އެޑިއުކޭޝަނުން ބުނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސުކޫލްތަކުގައި ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އެޑިއުކޭޝަނުން މި ސާކިއުލާ ނެރެފައި މިވަނީ ކީރިތި ގުރުއާން އިހުތިޔާރީ މާއްދާއަކަށް ހަދާ، ގުރުއާނަކީ އިމްތިހާނު ނުކުރެވޭ މާއްދާއަކަށް ހަދަން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވާ ދުވަސްވަރެއްގައިކަން ފާހަގަ ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top