އަރަފާތް ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ‘ޢަރަފާތު ދުވަހުގެ މާތްކަން’، މި މައުޟޫއުގެ މައްޗަށެވެ.
އަރަފާތް ދުވަހަކީ ހައްޖުމަހުގެ ނުވަވަނަ ދުވަހެވެ.
މިއަދުގެ ޚުތުބާގައި ބުނީ އަހަރެމެން ވޭތިކުރަމުން މި ދަނީ ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށާއި، އެއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ. އެއީ ތަގުވާވެރިވުމާއި ކުރެވިފައިވާ ކުށް ފާފަތަކުން ތައުބާވުމުގެ ދުވަސްތަކެއް ކަމަށާއި، ހެޔޮ އަމަލުކުރުން ގިނަކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރަންވީ ދުވަސްތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މި ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތް ދުވަހެވެ. އެ ދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިވާ ހައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތްﷲ ފުއްސަވައިދެއްވާނެ ކަމަށާއި، އެއީ ފާފަފުއްސެވުމާއި، އަފޫކުރެއްވުމުގެ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ ނަރަކައިން ދިންނަވައި، މުއްތިކުރެއްވުމުގެ ދުވަސް ކަމަށާއި، އެ ދުވަހަކީ މާތްﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން އަހުދު ކަށަވަރު ހިއްޕެވި ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ.
އަރަފާތް ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަސް ކަމަށާއި، އަރަފާތް ދުވަހު ޒިކުރުކޮށް ދުއާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މި މައްސަރުގެތެރޭގައި އަންނަ އަނެއް ދުވަހަކީ އަޟުޙާ އީދު ދުވަސް ކަމަށާއި އެގޮތުން އުޟްޙިޔާ ކަތިލުމުގެ މުހިންމުކަން ވެސް ޚުތުބާގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެއީ ތަނަވަސްކަން ލިބިފައިވާ މީހުންނަށް ގަދަވެގެންވާ ސުންނަތެއްކަމާއި، ގިނަގުނަ ދަރުމައާއި ސަވާބު ލިބިގެންވާ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މާތްﷲ ގެ އޯގާވަންތަކަމާއި، ތަނަވަސް ރަހުމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އެ ދުވަހުގެ ސަވާބުން މަހުރޫމު ނުކުރައްވާކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ޙައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތް ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމަށެވެ. އަދި އަރަފާތް ދުވަހު ރޯދަހިފުމަކީ ފާއިތުވި އަހަރާއި، އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލާގެ ޙަދީސުން ސާބިތުވާ ކަމަށެވެ.