އައިނު ހަދަން އާސަންދަ އިން ދޭ 1،000ރ.ގެ ބަދަލުގައި 2000ރ.އަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައި ހެދުމަށް އާސަންދައިން ދޭ އެހީ ބޮޑުކުރުމަކީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެގޮތުން އެކަމަށްޓަކާ ހަދަންޖެހޭ ހުރިހާ ހިސާބެއް މިހާރު ހަދައި ނިންމާފައިވާ ކަމަށެވެ.
”އަޅުގަނޑު ވާނީ ކަމާބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައި. ޖޫން އެކަކުން ފެށިގެން އައިނު ހެއްދުމަށް ދޭ 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރެވިގެން ދާނެ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާސަންދައިގެ ތެރެއިން ކުރަމުން އަންނަ އިސްރާފު ކުޑަކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އައިނު ހެދުމަށް ދޭ އެހީ ބޮޑުކުރުމަކީ ވެސް އާސަންދައިގެ ތެރެއިން ކުރަމުންދާ އިސްރާފު ކުޑަކޮށް އެއްކުރެވޭ ފައިސާގެ ތެރެއިން ކުރާ ކަމެއް ކަމަށާއި މި ނޫނަސް އެހެން ކަންކަން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.