އަންނަ ހަފްތާތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކެންދުއަށް ކުރައްވާ ދަތުރުފުޅުގައި ކެންދޫ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާނެކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.
ރައީސްގެ ދަތުރުފުޅަށް ވަމުންދާ ތައްޔާރީތަކާބެހޭގޮތުން މިއަދު އީވީން ދެއްނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލްގެ ރައީސް އަހްމަދު ސަލީމް ވިދާޅުވީ ރައީސްގެ ދަތުރުފުޅަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށްޓަކައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ތައްޔާރުވަމުންދާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
“އަޅުގަނޑު ދަންނަވާނީ ރައްޔިތުންގެ ތެރެއިން ހަތްދިހަ ނުވަތަ އައްޑިހަ ޕަސެންޓް ރައްޔިތުން ރައީސްއަށް މަރުހަބާ ދެންނެވުމަށް ނުކުންނާނޭ. ރައީސްގެ ރަސްމީ ޖަލްސާ އޮންނަ ބަނދަރު ސަރަހައްދުގައި ދަރުބާރުގެއެއް އެޅުމުގެ މަސައްކަތް މިހާރުމިދަނީ ވަރަށް ފޯރީގައި ކުރިޔަށް. އިރާދަކުރެއްވިއްޔާ ދުވަހަށް ހުރިހާ ކަމެއް ނިމޭނެ” ޕީޕީއެމްގެ ފަރާތުން ކައުންސިލް ތަމްސީލު ކުރައްވާ ރައީސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ވޭތުވެދިޔަ ހަތަރުވަރަކަށް އަހަރުދުވަހުގެ ތެރޭގައި ކެންދޫގައި މިސަރުކާރުން ކާމިޔާބުކަމާއެކު ވަރަށްބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކަމަށާ، މިހާރު ހިނގަމުންދާ މަޝްރޫއުތަކާމެދުވެސް ރައްޔިތުންގެ ސަޕޯޓް ބޮޑުކަމަށެވެ.
“ކިހާ ފެންވަރު ރަނގަޅު ބަނދަރެއްތޯ މިއޮތީ މިސަރުކާރުން އަޅުއްވައިދެއްވާފައި، ފެނުގެ މަޝްރޫއު މިހާރު ކުރިޔަށް މިދަނީ. އަނެއްކާ ކޯޓްގެ އާއިމާރާތް، އާ އިންޖީނުގޭގެ މަސައްކަތް އެއޮއްފަށަނީ. އަޅުގަނޑުމެން މިތިބީ ހަމަ ވަރަށް އުފަލުން” ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ކުރިން އެމްޑީޕީގެ ބޮޑު ތާއީދެއް އޮތް ކެންދޫގެ ރައްޔިތުންގެ ބޮޑު މެޖޯރިޓީ މިހާރު މިސަރުކާރުގެ ޕާޓީ ޕީޕީއެމުން ހޯދާފައިވާ ކަމަށާ، އެކަމުގެ ހެއްކަކަށް އެންމެފަހުން ބޭއްވި ކައުންސިލްގެ 2 އިންތިހާބު ނަތީޖާވެސް ފުދޭކަމަށެވެ. އޭނާ ވިދާޅުވީ ރައީސްގެ މިދަތުރުފުޅުގައި ކެންދޫ ރައްޔިތުން އުފާވާނޭ އިތުރު ހަބަރުތައް ރައީސް ހާމަކުރައްވާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ.
ރައީސް ޔާމީން ބ. އަތޮޅަށް މިމަހުގެ 25 ވަނަދުވަހު ފައްޓަވާ ދަތުރުފުޅުގައި ކެންދޫގެ އިތުރުން އޭދަފުއްޓާ، ތުޅާދުއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.