ބ.އަތޮޅު ހޮސްޕިޓަލްގެ އާއިމާރާތް އަލުން ޑިޒައިންކުރަނީ .

269212_3_2e3e8651e58492ed7906f469bd946f2f90eb8728_large.jpg

އޭދަފުށީގައި ސަރުކާރުން އިމާރާތްކުރާ އާ ހޮސްޕިޓަލްގެ ކުރެހުމެއް: އެ ހޮސްޕިޓަލް އިމާރާތް ކުރަން ނިންމާފައިވަނީ ހިއްކި ބިމުގައި.

ބ.އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ޑިޒައިން ހަދާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ވާތީ، އަލުން ޑިޒައިން ކުރަނީ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލް ހިމެނޭ ގޮތަށް އިތުރު ދެ ހޮސްޕިޓަލުގެ ކުރެހުންވެސް އަލުން ހަދަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ބ. އޭދަފުއްޓާއި ދ. ކުޑަހުވަދޫ އަދި ހއ.ދިއްދޫ ގައި އަޅާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތަކެއް އާއްމުކުރީ ފެބްރުއަރީ 27، 2020 ގައި ހެލްތު މިނިސްޓަރަކަށް އަބްދުﷲ އަމީން ހުންނެވިިރު ދުވަސްވަރު ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.

އަމީން އޭރު ވިދާޅުވީ، އެ ތިން ހޮސްޕިިޓަލްގެ އާ އިމާރާތްތަައް ހުންނާނެ ގޮތް ފެނިވަޑައިގަތުމުން އެއީ ހޮސްޕިޓަލްތަކެކޭ ވިދާޅުވާ ހިތް ނެތް ކަމަށެވެ.

“ހޮސްޕިޓަލަކަށް ވުރެ މާ ފުޅާ ވިސްނުމަކާ އެކީގައި މިހާރު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން ހުރީ،” އޭނާ ވިދާޅުވި އެވެ.

އަދި ބ.އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތާއެކު މިހާރު ބޭނުންކުރާ އިމާރާތުގެ ބޮޑު ބައެއް ކުރިއެކޭ ވެސް އެއްގޮތަށް ބޭނުން ކުރާނެ ކަމަށާއި ބ.އަތޮޅު ހޮސްޕިޓަލަށް އަލަށް އިތުރު ކުރެވޭ ބައި ފަރުމާކޮށްފައި ވަނީ ޒަމާނާ އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލް ތަކެއްގެ ގޮތަށް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން  ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި ހަ ޕްރައިވެޓްރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ތިން އެނދުގެ އައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރު އަދި 12 އެނދުގެ އަށް ވޯޑު ހިމެނިގެންދާނެ ކަމަށްވެސް އެދުވަހުގެ ރަސްމިއްޔާތުގައި އަމީން ވިދާޅުވިއެވެ.

ނަމަވެސް އިމާރާތުގެ ކުރެހުންތައް އާއްމުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެކަމުގެ ހަބަރެއް ނުވެ އޮއްވާ މިއަދު ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް “މިހާރު” އަށް ވިދާޅުވީ އެ ތިން ހޮސްޕިޓަލްގެ ޑިޒައިންތައް ވަރަށް ރީތި ނަމަވެސް އެ ތަންތަން ހުރީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑުވާ ގޮތަށް ކަމަށެވެ. އެހެންވެ، ކުރެހުންތައް ރިވިއުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ އަންނަ މަހުގެ 20 ގައި އާ ޑިޒައިންތައް ލިބޭނެ ކަމަށެވެ. އެއަށްފަހު، ޓެންޑާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ހޮސްޕިޓަލްގެ އިމާރާތް އަޅަން މި އަހަރުގެ ބަޖެޓުގައި ނެތުމުން އިތުރު އެހީ ހޯދައިގެން އެ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި އަހަރު ފެށޭތޯ މަޝްވަރާކުރަމުން އަންނަ ކަމަށާއި ދިއްދޫ އަދި ކުޑަހުވަދޫ ހޮސްޕިޓަލް ހަދަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނެއްގަ އެވެ. އެ މަޝްރޫއުގެ އީޕީސީ އެގްރިމެންޓު ހެދުމަށްފަހު މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް އާދިލް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top