ވަޒީފާ އަދާކުރާ ތަނުގެ %60 ދިވެހިންނަށްވުން ލާޒިމް ކުރަން ހުށައެޅި އިސްލާހު ފާހެއް ނުވި!

medium_152878.jpg

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - ފޮޓޯ: ވީނިއުސް

ސީނިއާ މެނޭޖްމަންޓުގެ 60 އިންސައްތަ ވަޒީފާ ދިވެހިންނަށް ދޭން ލާޒިމްކުރާ ގޮތަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން، ވަޒީފާއާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހު ފާހެއް ނުވިއެވެ.

އަލީގެ އެ އިސްލާހުގައި ބުނެފައިވަނީ ރިސޯޓުތަކާއި ސަފާރީތަކާއި އަދި 10 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތް ކުރާ ތަންތަނުގެ 60 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިން ކަމުގައި ވާންވާނެ ކަމަށެވެ.

މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި އިގްތިސާާދީ ކޮމިޓީ އިން ބިލު ދިރާސާ ކުރުމަށް ފަހު ހުށަހަޅާފައިވާ ރިޕޯޓްގައިވާ ގޮތުން، ޓޫރިޒަމް ވިޔަފާރިތަކާއި 50 މުވައްޒަފުންނަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ތަންތަނުގެ ސީނިއާ މެނޭޖްމަންޓްގެ ވަޒީފާތަކުގެ 60 އިންސައްތަ ދިވެހިންނަށް ދޭން ޖެހޭނެއެވެ.

އެކަމަކު އެ މާއްދާއަށް އަމަލު ކުރާނީ ގާނޫނު ތަސްދީގު ކުރާތާ ފަސް އަހަރު ހަމަވުމުންނެވެ.

ކޮމިޓީ ރިޕޯޓަށް ވެސް ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު އިސްލާހެއް ހުށަހެޅުއްވިއެވެ.

އެއީ ފަސް އަހަރުގެ ބަދަލުގައި ދެ އަހަރު ހަމަވުމުން އެ މާއްދާއަށް އަމަލު ކުރާ ގޮތަށެވެ. އަދި 50 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުގެ ބަދަލުގައި 10 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުން އެއަށް އަމަލު ކުރާ ގޮތަށެވެ.

ނަމަވެސް މަޖިލީހުގެ ތަޅުމުގައި އަލީ ހުސައިންގެ އިސްލާހަށް ނެގި ވޯޓުގައި 57 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށެވެ. އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.

ފަސް އަހަރު ފަހުން އެ މާއްދާއަށް އަމަލު ކުރަން އޮތުމުން ކޮމިޓީގައި ވެސް ވާދަވެރި ޕާޓީތަކުގެ މެންބަރުން ފާޑު ވިދާޅުވިއެވެ. ފަސް އަހަރު ފަހުގެ މުއްދަތުގައި މިހާރު މި ހިނގާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދައުރު ވެސް ހަމަވެގެން ނިމޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top