ބ. އަތޮޅަށް އެކި ރޮނގު ރޮގުން ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށާއި އަތޮޅަށް ރީތި ނަން ހޯދައިދޭ ފަރާތްތައް ފާހަގަކޮށް އެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބ. އަތޮޅު ކައުންސިލްގެ ފަރާތުންއަލަށް ތައާރަފްކުރި ރަންނާ އެވޯޑް ދިނުމުގެ ހަފްލާ ރޭ އޭދަފުށީގައި ބާއްވައިފިއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ހަފްލާ ޝަަރަފްވެރި ކޮށްދެއްވީ މިނިސްޓަރއޮފް ހޯމްއެފެއާޒް އަޒްލީން އަހްމަދުއެވެ. މިނިސްޓަރގެ ވާހަކައިގާ އަތޮޅުތަކުގެ ކައުންސިލްތައް ބާރުވެރި ކުރުމުގެ ގޮތުންނާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން 13 މަޝްރޫއެއް ފަށައިގެން މިހާރު ކުރިއަށް ދާކަމަށާއި ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން މަސައްކަތްކުރުމުގައި އެއީ ކޮން ދިމާލަކުން އައިސް ތިބި ބައެއްތޯ ބެލުމުގެ ބަދަލުގައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަަތް ދިނުމަށް ގޮވާ ލެއްވިއެވެ. އަދި ބ. އަތޮޅު ކައުންސިލުން މި ފަދަ އެވޯޑެއް ދިނުމަށް އިސްނެންގެވީތީވެ ޝުކުރު އަދާކުރާ ކަމުގައި ވިދާޅުވަމުން އެހެން ކައުންސިލްތަކުންވެސް މި ނަމޫނާ ނެންގެވުމަށް އެދިވަޑައިގެންނެވިއެވެ.
މިހަފްލާގައި ރަންނާ އެވޯޑްގެ ކަންތައް ކުރިއަށް ދިޔަ ގޮތުގެ ރިޕޯޓް ހުށަހަޅުއްވަމުން އަތޮޅު ކައުންސިލް މެންބަރު ހަސަން ސިރާޖް ވިދާޅުވީ ބައެއް ރަށު ކައުންސިލްތަކުން އަތޮޅުކައުންސިލުން އެދިވަޑައިގެންނެވި މައުލޫމާތު ފޯރުކޮށްދީފައި ނުވުމާއި އެވޯޑާމެދު އާއްމުންގެ ހޭލުންތެރިކަން ކުޑަވުމުގެ އިތުރުން މިކަމަށް ދީފައިވާ ސަމާލުކަން ކުޑަވުމަކީ ދިމާވި ދަތިކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ. ސިރާޖް އިތުރަށް ވިދާޅުވީ މިފަދަ ބޮޑު އިޖްތިމާއީ ކަމެއް ކުރާއިރު ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާނެކަމުން ، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް މި ކަމުގެ ސާފު މައުލޫމާތު ފޯރުކޮށްދީފައި ވާނޭކަމަށާއި އެހެން ނަމަވެސް އިޖާބަދެއްވީ ހަމައެކަނި ޕީއެސްއެމް އާއި މޯލްޑިވިއަންކަން ފާހަގަކުރައްވިއެވެ.
މި ހަފްލާގައި ބ. އަތޮޅަށް އެކި ތަފާތު ދާއިރާތަކުން ޚިދުމަތްކޮށްދެއްވި 13ފަރާތަކަށް ހިތްވަރުދިނުމުގެ އިނާމާއި 2 ބޭފުޅަކަށް ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވީ ބ. ތުޅާދޫ އިބްރާހިމް ޒުބައިރަށާއި އޭދަފުށި އޯކިޑްވިލާ އަބްދުއްރައްޒާގު މުހައްމަދަށެވެ.
ހިތްވަރު ދިނުމުގެ އެވޯޑް ލިބިވަޑައިގެންނެވި ބޭފުޅުންގެ ގޮތުގައި ހިމެނެނީ
އަބްދުއްރަހްމާން މޫސާ، ސޯސަންވިލާ، ތުޅާދޫ
އަބްދުލްހަކީމް އަބްދުއްރަހްމާން، ހެޕީކޮލެޖް، ދޮންފަނު
އަބްދުﷲ ސަބާހް، ބިންހިމަގެ، އޭދަފުށި
އަބްދުﷲ މުއާޒު ޔޫސުފް، ދޭލިޔާގެ، ދަރަވަންދޫ
ނުއުމާން އަބޫބަކުރު
މުހައްމަދު ޝުޖާއު އަބްދުއްރަހީމް، އޭނާޒް، ދަރަވަންދޫ
އަހްމަދު އަލީ، ފިނިފެންމާގެ، އޭދަފުށި
ޚާލިދު ޔޫސުފް، ދޮންދުނބުރިގެ، އޭދަފުށި
އަހްމަދު ނާފިއު، ހިޔަލީ ގުލްޝަން، ދަރަވަންދޫ
ހަސަން މުހައްމަދު މަނިކު، ރޯޒްމީޑް، ކުޑަރިކިލު
ހައްވާ އަބްދުއްރަހްމާން، ހުވަނދުމާގެ، ކިހާދޫ
އަބްދުއްރަހްމާން ހަސަން، މާފަރު، އޭދަފުށި
މީގެ އިތުރުން މަތީ ދަރަޖަ ހާސިލުކޮށްފައިވާ ފަރާތްތަކަށާ ސާނަވީ އަދި މަތީ ސާނަވީ އާއި ކުޅިވަރުގެ ރޮނގުން ފާހަގަކުރެވޭ ވަނަތައް ހޯދާފައިވާ ފަރާތްތަކަށާއި ބ. އަތޮޅަށް އެންމެ ޚިދުމަތްތެރި ރިސޯޓުގެ ގޮތުގައި ހޮވިފައިވާ ރޯޔަލް އައިލެންޑް ރިސޯޓަށާއި އެންމެ ހިންގުންތެރި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ކޮމިޓީގެ ގޮތުގައި ހޮވިފައިވާ ކުޑަރިކިލު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް އެވޯޑް ދީފައިވެއެވެ.