ބ.އޭދަފުށީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް އިމާރާތްކުރުމުގެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް، ޑރ. ޢަލީ ހައިދަރު އަހްމަދު އެވެ.
މި ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙުމަދު ސަލީމާއި، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އޭދަފުށީ ކައުންސިލްގެ މެންބަރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޯގަސްޓްމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ ދަށުން 720 ދުވަހުގެ ތެރޭގައި އެކަޑެމިކް، އިދާރީ، އަދި ރެސިޑެންޝަލް ފެސިލިޓީތައް ހިމެނޭ ގޮތަށް މަލްޓި ބްލޮކް ޔުނިވަރސިޓީ ކެމްޕަހެއް ފުރިހަމައަށް ޑިޒައިންކޮށް އިމާރާތްކުރެވޭނެއެވެ. އަދި 6000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާ ހިމެނޭގޮތުނ،ް ދަރިވަރުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 3200 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާ ހިމެނ،ޭ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި 3000އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ.
3,500 މީހުންގެ އާބާދީއެއް އޮންނަ، އޭދަފުށީގައި މި ކެމްޕަސް ޤާއިމުކުރެވިގެން ދިއުމާއެކު، އޭދަފުށީގެ އިތުރުން ބ. އަތޮޅުގައި ދިރިއުޅޭ ދަރިވަރުންނަށް އަމިއްލަ އަތޮޅުގައި ތިބެގެން މަތީ ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން މަތީ ތަޢުލީމަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، އޭދަފުއްޓަށާއި މުޅި ބ. އަތޮޅަށް ބޮޑެތި ލުއިފަސޭހަތަކަކާއި ފައިދާތަކެއް ލިބިގެންދާނެއެވެ.






