އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުންތަކާ ގުޅިގެން، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ބަދަލު އަތުވެއްޖެ އެވެ.
މި ބަދަލާއެކު ކުރިން 13.50ރ. އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުން ދާނީ 16.01ރ. އަށެވެ. މިއީ 2.51ރ. ގެ ބޮޑުވުމެކެވެ.
ޑީސަލް ލީޓަރެއް ކުރިން ވިއްކަމުން އައީ 13.92ރ. އަށެވެ. ނަމަވެސް މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކަމުން ދާނީ 17.54ރ. އަށެވެ. މިއީ 3.62ރ. ގެ ބޮޑުވުމެކެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ބަދަލުގައި ގަލްފު ސަރަޙައްދުގައި އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުން، ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އެކްސްޕޯޓްކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި މި ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ރާއްޖެ ފަދަ ތެޔޮ އިމްޕޯޓްކުރުމަށް މުޅިން ބަރޯސާވާ ގައުމުތަކުގައި ތެލުގެ އަގު އެތައް ގުނައަކަށް އުފުލިގެންދާނެއެވެ.
ދިވެހިރާއްޖެއަކީ ބޭނުންވާ ތެޔޮ މުޅިންހެން ރާއްޖޭން ބޭރުން އިމްޕޯޓްކުރާ ގައުމަކަށް ވުމުން، ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ބަދަލެއްގެ ނޭދެވޭ އަސަރު ވަގުތުން ރާއްޖޭގެ ބާޒާރަށް ކުރެއެވެ. ޕެޓްރޯލާއި ޑީސަލްގެ އަގު މިހާ ބޮޑަށް އުފުލުމުގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދުތަކާއި ކަރަންޓު އުފެއްދުމަށް ހިނގާ ޚަރަދު އިތުރުވެ، އޭގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މުދަލާއި ޚިދުމަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.







