ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު ބ. ފުޅަދޫގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި ފަތުރުވެރިން އުޅޭނަމަ، އެ ފަތުރުވެރިޔާއަށް ޚިދުމަތްދޭ ގެސްޓްހައުސްއެއް 750 ރުފިޔާއިން ޖޫރިމަނާކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ފުޅަދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، އާންމު ތަންތަނުގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
ތިން ސަތޭކަ ސާޅީހެއްހާ މީހުން ދިރިއުޅޭ ފުޅަދޫގައި، އެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ކަމަށް ފުޅަދޫ ކައުންސިލުން ބުންޏެވެ.
އެހެންވެ ކައުންސިލުން މިހާރު ނިންމާފައި ވަނީ، އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ފަތުރުވެރިން އުޅޭނަމަ، އެ ފަތުރުވެރިޔާ ރަށަށް ގެނައި ގެސްޓްހައުސް 750 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.
ތިން ސަތޭކަ ސާޅީހެއްހާ މީހުން ދިރިއުޅޭ ފުޅަދޫގައި އެ ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ފުޅަދޫ ކައުންސިލުން ބުނެފައިވެއެވެ.
އާންމު ތަންތަނުގައި ބިކިނީގައި އުޅުން ފަދަ ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭނަމަ ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ އޮންލައިން ޕޯޓަލްއަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައެވެ.







