ހުނަރުވެރި ކުދިން މުދައްރިސުންނަށް ވުމަށް ވަޒީރު އެދިވަޑައިގެންފި

large_16344982224358kF.jpg

އޭ ލެވެލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން އެންމެ ހުނަރުވެރި ދަރިވަރުން މުދައްރިސުންނަށް ވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފި އެވެ. 

އެކަމަނާ ވިދާޅުވީ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ކޮށްދެވޭނޭ އެންމެ ބޮޑު އެއް ޚިދުމަތަކީ ޓީޗަރަކަށްވުން ކަމަށެވެ. އަދި އުނގަންނައިދިނުމުގެ މަސައްކަތަކީ، އޭގެ އަސަރުތައް އެތައް ޖީލަކަށް ފެތުރިގެންދާ، ދުނިޔެ އާއި އާހިރަތުގައި ހެޔޮ ޖަޒާ ލިބޭ، އަބުރުވެރި މަސައްކަތެއް ކަމަށް ވިދާޅުވެ ޓީޗަރުންނަށް އަހުލުވެރިކުރުވުމަށް ހިތްވަރުދެއްވިއެވެ.

ފިންލަންޑް އާއި ސިންގަޕޫރު ފަދަ ގައުމުތަކުން މިސާލު ނަންގަވައި މިނިސްޓަރު ވިދާޅުވީ އެގައުމުތަކުގެ އެންމެ ހުނަރުވެރިކުދިން ޚިޔާރުކުރާ އެއް މަސައްކަތަކީ މުދައްރިސްކަން ކަމަށެވެ.
ހުނަރުވެރި ކުދިން ޓީޗަރު ކަމުގެ ދާއިރާއިން ކުރިއަށް ދާނަމަ ތައުލީމީ ދާއިރާ ކުރިއަރާނެކަން މިނިސްތަރު ފާހަގަ ކުރެއްވި އެވެ. އަދި އެންމެ ބޮޑު ކާމިޔާބީއަކީ އެ ކުދީން ހޯދި އިލްމާއި ހުނަރު އެންމެ ފުޅާ ދާއިރާއެއްގައި ގައުމަށް ފޯރުކޮށްދީ، އެންމެ ގިނަ ބަޔަކަށް އެކުދީންގެ ހެޔޮ އަސަރުތައް ފޯރުކޮށްދީ، ލިބޭ މުސާރައަށް ވުރެ، އިޖްތިމާއީ މަންފާއަށް ޚިދުމަތުގެ އަތުކުރި އޮޅާލި ކުދިންކަމަށް ވިދާޅުވި އެވެ.  
މިނިސްޓަރުގެ ވާހަކައިގައި ދަރިވަރުން ރަންވަނަތައް ހާސިލު ކުރުމުގައި ބެލެނިވެރިން އެތައް ރެއެއްގެ ނިދި ނަގާލާ، ގުރުބާނީތަކެއް ވެފައިވާކަން ފާހަގަ ކުރެއްވިއެވެ.
“ދަރިންދެކެ ވާ ލޯބިން ނުވަތަ ކިޔެވުމަށް ބުރޫއަރާފާނެތީ އެކުދިން ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫން. ކޮންމެ ކުއްޖަކުވެސް މައިންބަފައިންނާއި ވަކިން ދިރި އުޅޭނެ ދުވަހެއް އަންނާނެ،” މިނިސްޓަރު ވިދާޅުވިއެވެ. 
މީގެ އިތުރުން އިލްމު އުނގެނުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ތިމާއަށް ކަންކަން މާ ބޮޑަށް ދަސްވެ އެނގިއްޖެ ކަމަށް ގަބޫލު ކުރެވުން ކަމަށާއި، ކާމިޔާބީގައި ވެސް އެގޮތަށް އަމަލުނުކޮށް ކޮންމެ ދުވަހަކީ ވެސް އާކަމެއް އާއެއްޗެއް ދަސްވާ ދުވަހަކަށް ހެދުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

”އެހެންކަމުން ކާމިޔާބުގެ ވަގުތުގައި ތިޔަކުދިން ހިތްތިރިކޮށް ތަވާލުއު ވެރިކަން އިސްކުރުމަށް ގޮވާލަން. ތިޔަ ކުދިންނަށް ދުނިޔެއިން އެނގޭ މިންވަރަކީ ދުނިޔޭގައިވާ ވެއްޔާ އަޅާބަލާއިރު، އެންމެ ވެލިފުކެއްގެ މިންވަރު ކަމުގައި ދުށުމަށް އެދެން.“ މިނިސްޓަރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top