ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދިރާސާކުރަމުން އަންނަ އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ކެންސަރު ބަލި ޖެހިފައިވާ މީހުން އިތުރުވުމުގެ ކަންބޮޑުވުން މިދިޔަ އަހަރުގެ ތެރޭ ވަނީ ފާޅުކޮށްފައެވެ. އެގޮތުން، ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ބ. ގޮއިދޫގައި ކެންސަރު ބަލި އާންމުވުމުގެ ކަންބޮޑުވުމާއެކު އެކަމުގެ ސަބަބު ދިރާސާ ކޮށްދިނުމަށާއި، އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަނެއް ހިންގައި ދިނުމަށް މިދިޔަ ޑިސެންބަރު މަހު އެރަށުގެ ރައްޔިތަކު އެދިފައިވެއެވެ.
އެ ރަށުގެ ރައްޔިތަކު އެގްރިކަލްޗާ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީތަކުގައި ވަނީ މިދިޔަ ފަސް އަހަރު ތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާކަން ފާހަގަކޮށްފައެވެ. އަދި އެ ރަށުގެ ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާ މިންވަރަށް ‘ޕެސްޓިސައިޑްސް’ ހުންނަ ތަކެތި ކަމަށް ބުނެ، އެކަން ބަލައި ދިނުމަށް އެދިފައިވެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މާރިޔާ ވިދާޅުވީ، ގޮއިދޫގައި ކެންސަރު އާންމުވާ ސަބަބު ހޯދަން އެމްއެފްޑީއޭ އިން މިހާރު ޓެސްޓުތައް ހަދައި، ދިރާސާތައް ހަދަމުން އަންނަ ކަމަށެވެ.
“އެކަމުގައި އަޅުގަނޑުމެން އެމްއެފްޑީއޭއަށް އެއްބާރުލުން ދީ، އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރަމުން ދަނީ، އިރާދަކުރެއްވިއްޔާ އަވަސް ހައްލެއް ލިބޭނެ،” އޭނާ ވިދާޅުވިއެވެ.
ދަނޑުތަކުގައި ބޭނުންކުރާ ބޭސް ނުވަތަ ޕެސްޓިސައިޑަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ކަމާ ގުޅުން ހުރި ގާނޫނެއް އޮތް ނަމަވެސް މިހާތަނަށް ވެސް ސިޔާސަތެއް ހަދައިފައިނުވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު މި ސަރުކާރުން ވަނީ ޕެސްޓިސައިޑް ބޭނުންކުރުމާ ގުޅޭ ސިޔާސަތެއް ހެދުމުގެ މަސައްކަތް ފަށާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ޕޮލިސީ ތަންފީޒުވެގެން ދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ،” މާރިޔާ ވިދާޅުވިއެވެ.
ގޮއިދޫގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން، ރާއްޖޭގެ ފުރަތަމަ ކްލިނިކަލް އޮންކޮލޮޖިސްޓް ޑރ. މުޙައްމަދު އަމްރު އަޙްމަދު ކުރިން ވިދާޅުވީ، ދަނޑުވެރިންނާއި ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނާއި ދަނޑުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން, ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާނަމަ, ޕެސްޓިސައިޑުން ލިބޭ ގެއްލުންތަކަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ނަމަވެސް ، ކެންސަރު ޖެހެނީ ހަމައެކަނި ޕެސްޓިސައިޑުން ނޫންކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އާއިލީގޮތުން ވާރުތަވުމާއި އިންފެކްޝަނެއްގެ އަސަރުކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އެ މީހާ ދިރިއުޅޭ މާހައުލު ބޮޑު ދައުރެއް އަދާ ކުރާ ކަމަށެވެ.






