ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިހާރު ވަނީ ނިމުމާ ކައިރީގައި ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.
ހިތާދޫ ބަނދަރު މަޝްރޫއުގެ އަދާހަމަ ހާމަ ކުރަމުން އެމްޓީސީސީ އިން ބުނި ގޮތުގައި އެ މަސައްކަތުގެ 95 އިންސައްތަ މިހާރުވަނީ ނިމިފަ އެވެ. އަދި މިހާރު ކުރިއަށް ދަނީ ހާބަރުގެ ޕޭމަންޓް މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުން ކުރާނެއެވެ. އަދި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 19.80 މިލިއަން ރުފިޔާއެވެ.







