ޝެފުންގެ ދުވަސް ފާހަގަކުރުން މިއަހަރު އޭދަފުށީގައި

12046562_797651880351678_8206106317737758652_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ " "ބޮޑުކައްކާ " މުބާރާތުގެ ތެރއިން - ފޮޓޯ : ސޮބާ ފޭސްބުކް

ދުނިޔޭގެ ޝެފުންގެ ދުވަސް މިއަހަރު އޭދަފުށީގައި ބާއްވަން ހަމަޖައްސައިފިއެވެ. ޝެފުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ 20ވަނަ ދުވަހެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން މި ދުވަސް އޭދަފުށީގައި ފާހަގަ ކުރުމަށް ނިންމާފައިވަނީ ގިނަ ހަރަކާތްތަކަކާވެސް އެކުގައެވެ.

މި ގޮތުން ދުނިޔޭގެ ޝެފުންގެ ދުވަހުގެ މިއަހަރުގެ ޝިއާރުކަމުގައިވާ “ހެލްދީ ހީރޯ ” ގެ ދަށުން އޭދަފުށީގައި ބާއްވާ ފުރަތަމަ ހަރަކާތް އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ހަވީރު ކަމަށް ސީޖީއެމް އިން ބުނެއެވެ. މި އިވެންޓްގައި ބައިވެރިވެވޭނީ އެ ސްކޫލުގެ ގްރޭޑް 1-5 ގެ ދަރިވަރުންނަށެވެ.

ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ބޮޑު ހަރަކާތް އޮންނާނީ މިމަހު 28 ވަނަ ދުވަހު އެވެ. އެދުވަހު މުޅި ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މިމުބާރާތާބެހޭ މައުލޫމާތު އީވީއާ ހިއްސާކުރައްވަމުން  ސީޖީއެމްގެ ރައީސާ މަރިޔަމް ނޫރުއްދީން ވިދާޅުވީ މި އިވެންޓްގެ އެންމެ ބޮޑު ބޭނުމަކީ އެކި އަތޮޅުތަކުގައި ކައްކައިއުޅޭ ތަފާތު ބާވަތްތަކުގެ ތަފާތު ރަހަތައް ތައާރަފްކުރުމާއެކު ގިނަބަޔަކަށް މިކަން ހިއްސާކުރުން ކަމުގައެވެ.

“އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް. މި އިވެންޓްތައް ބައްލަވައިލެއްވުމަށް ކައިރި ރިސޯތްތަކުގެ ބޭފުޅުންވެސް ވަޑައިގެން މިކަމުގައި ބައިވެރިވެ ވަޑައިގަތުން . ” ރައީސާ މަރްޔަމް ވިދާޅުވިއެވެ.

ރަޢީސާ އިތުރަށް ވިދާޅުވީ އޭދަފުށީގައި މި ދުވަސް ފާހަގަ ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު މިކަމުގައި ރަށު ކައުންސިލާ ފޭލި ޖަމިއްޔާގެ އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ދުނިޔޭގެ ޝެފުންގެ ދުވަސް ސީޖީއެމްއިން  އޭދަފުށީގައި ފާހަގަކުރާއިރު މި މުބާރާތުގައި އެކި ކެޓަގަރީތަކުން ވަނަ ލިބޭ ފަރާތްތަކަށް ތައްޓާއި މެޑަލް ދިނުމަށް ހަމަޖެހިފައިވެއެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) އިން މި ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2004 ގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top