އޭދަފުށީގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވާ ބޮސްކާލިސް އިންޓަނޭޝަނަލްގެ އިންޖިނިއަރުންގެ އެޑްވާންސް ޓީމް އަންނަ
ހަފްތާތެރޭގައި އޭދަފުއްޓަށް އައުމަށް ހަމަޖެހިއްޖެކަމަށް އޭދަފުށީ ކައުންސިލް އިދާރާއިން ބުނެފިއެވެ.
އޭދަފުށީ ކައުންސިލް އިދާރާއިން ބުނީ މިކަމާގުޅޭ ޓީމް އަންނަ ހަފްތާގައި އޭދަފުއްޓަށް އައިސް ބިންހިއްކަން ފަށާނެ ސަރަހައްދު ކަނޑައެޅުމާ، ހޮޅިލައިން އެޅުމާބެހޭ މަސައްކަތް ފަށައިގަންނާނެކަމަށެވެ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ބިންހިއްކާ ބޯޓްވެސް މިހާރު ރާއްޖެއަށް ދަތުރު ކުރަމުންދާކަމުގެ މައުލޫމާތު ސަރުކާރުގެ އިސްވެރިންގެ ފަރާތުން ލިބިފައިވާކަމަށެވެ.
“މިހާރު ބޯޓް އައުމުގެ ކުރިން ނިންމަންޖެހޭ ބައެއްކަންކަން ހުންނާނެ ދެއްތޯ. އެކަންކަން އެޑްވާންސް ޓީމުން ފަށާނީ. ބޯޓް މިހާރު ދަތުރުކުރަމުން އެބަދޭ ރާއްޖެއަށް އައުމަށް. އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން ސީދާ އަންނާނީ އޭދަފުއްޓަށް” އަލީ ވަހީދު އީވީއަށް ވިދާޅުވިއެވެ.
ބިމުގެ ދަތިކަން ބޮޑުވެފައިވާ އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ބޮސްކާލިސް އިންޓަރނޭޝަނަލް އާ ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ. ޖުމްލަ 125 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނޭކަމަށް ލަފާކުރެވޭ މިޕްރޮޖެކްޓްގެ ދަށުން އޭދަފުށީގެ ފަޅުން 25.9 ހެކްޓަރުގެ ބިން ހިއްކިގެންދާނޭކަމަށްވެއެވެ.
ބިންހިއްކުމުގެ މަޝްރޫއު އޭދަފުއްޓަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހާ، ސަރުކާރުގެ ތެރެއިން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް މިދިޔަ މަހު ވިދާޅުވީ ބިންހިއްކައި ރިވެޓްމަންޓް ޖަހާ ނިމޭއިރު އޭދަފުށީގެ ގޭގެއަށް ސާފުބޯފެން ފޯރުކޮށްދިނުމަށް ހޮޅިލައިން އެޅުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި ރަށުގެ ބޮޑެތިމަގުތަކުގައި ގާޖެހުމުގެ މަސައްކަތް ފެށުމައްޓަކައި ކުވައިތު ފަންޑުން އެހީހޯދުމުގެ މަސައްކަތް މިހާރުފެށިގެން ކުރިޔަށްދާކަމަށެވެ.
އޭދަފުށީގެ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ކުޑަތަން ވަމުންދާއިރު އޭދަފުށީގައި އިތުރު ބޮޑެތި މަޝްރޫއުތަކެއްވެސް ވަރަށް އަވަހަށް ފެށިގެންދާނޭކަމުގެ ސިގްނަލްތައް ދަނީ ލިބެމުންނެވެ. އެގޮތުން ސްޕޯޓްސް އެރީނާއާ، އިރުމަތީ ހުރަސްވާޓަރުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.