248 ސިޔާސީ މުވައްޒަފުން ވަކިކޮށްފި

373258_f0d54d1c-2_.jpg

ރައީސް މުއިއްޒު: ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ލިބޭނެ ރީތި ނަމެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 248 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މުވައްޒަފުން ވަކިކުރާނެކަން ރައީސް އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 15 ގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިކޮނަމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، 31 އޮކްޓޯބަރުގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އެއީ، ރައީސް އިއުލާނުކުރެއްވި އަދަދަށްވުރެ 20 މުވައްޒަފުން އިތުރު އަދަދެކެވެ.

ހީނާ ވިދާޅުވީ، މުވައްޒަފުން ވަކިކުރުމާ އެކު، ދެން ތިބި ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް ބަލާނެ ނިޒާމެއް ގާއިމުކުރަން ވެސް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ. އެ ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެކިއެކި ފެންވަރުގައި ސަރުކާރަށް އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ވަކިކުރި މުވައްޒަފުންގެ ތަފުސީލުތައް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވި ނަމަވެސް އެކަން އިއުލާނު ކުރެއްވިއިރު ރައީސް މުއިއްޒު ވިދާޅުވީ، ވަކިކުރާނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށެވެ.

ސަރުކާރުގެ ވައުދަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުވިޔަނުދީ ހިފެހެއްޓުމެވެ. އެކަމަކު، އެ އަދަދު މިހާރު 2،000 އަށްވުރެ އިތުރުވާނެ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ސަރުކާރުން އެކަން ދޮގުކުރި ނަމަވެސް ސީދާ އަދަދު ހާމައެއް ނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top