އަންނަ އަހަރު، ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނާއި އަދި ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް އެއް ހަމަކުރަން ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އެގޮތުން ޓީޗަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރަ މިހާރު ވަނީ ބޮޑުކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ 56.6 ބިލިއަން ރުފިޔާގަ ބަޖެޓެކެވެ.