30އަހަރުފަހުން ގޯތި ދޫކުރަން ކުރި އިއުލާނު, 30ގަޑިއިރު ފަހުން ބާތިލް!

eydhafushi.jpg

ތިރީސްއަހަރުގެ ދިގު އިންތިޒާރަށްފަހު އޭދަފުށިން ގޯތިދޫކުރަން އިއުލާނު ކުރިތާ ތިރީސް ގަޑިއިރު ފަހުން ބާތިލްކޮށްފިއެވެ.

އޭދަފުށިން ގޯތި ދޫކުރުމަށް ނިންމައި އެކަން 24 ސެޕްޓެންބަރ 2019 ދުވަހު އޭދަފުށީ ކައުންސިލުން އިއުލާނު ކުރުމަށް ފަހު އެއިއުލާނު ބާތިލު ކުރީ އިއްޔެ އިރު އޮއްސުނު ފަހުންނެވެ. އޭދަފުށީ ކައުންސިލުން ބުނީ “އިއުލާން ބާތިލް ކުރީ މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އާބަން ޑިވެލޮޕްމަންޓުން އެންގެވުމާ ގުޅިގެން” ކަމަށެވެ.

މިކަމާ ގުޅިގެން އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން އާ އީވީން ގުޅާލުމުން ވިދާޅުވީ އިއުލާނު ބާތިލްކުރީ މިނިސްޓްރީ ހައުސިންގެ އެންޑް އާބަން ޑިވެލޮޕްމަންޓަށް އާންމުންގެ ފަރާތުން ހުށައެޅި ޝަކުވާ އަކާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއްކަންކަން ފުރިހަމަ ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.

“އަސްލު މައްސަލައަކީ މިނިސްޓްރީން ވިދާޅުވަނީ އިއުލާން ކުރުމުގެ ކުރިން، ގޯތި ދޫކުރުމުގެ އުސޫލުތައް މިނިސްޓްރީއަށް ފޮނުވައި ހުއްދަ ހޯދަން ޖެހޭނެކަމަށް. އެހެންނަމަވެސް އަޅުގަނޑުމެން ކުރިޔަށް މިގެންދިޔައީ މިފަހުން ގޯތި ދޫކުރުމަށް ހުއްދަދިން ރަށްރަށުގައިވެސް ކަންކަން ކުރިއަށް ގެންދިޔަ އުސޫލުން. ތުޅާދޫންވެސް ކުރިޔަށް ގެންދިޔައީ އޭދަފުށިން މިގެންދިޔަ އުސޫލުން”

ތޮލާލް ވިދާޅުވީ މިވަގުތަށް އިއުލާނު ބާތިލު ކުރިނަމަވެސް ވަރަށް އަވަހަށް އަލުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

“އިއްޔެ އަލުން އިއުލާނާއި އުސޫލުތައް ވަނީ މިނިސްޓްރީއަށް ފޮނުވިފައި. މިހާރު މިނިސްޓްރީން ބަލަމުން ދަނީ. އުއްމީދުކުރަން ވަރަށް އަވަހަށް އަލުން އިއުލާނު ކުރެވޭނެކަމަށް” ތޮލާލް ވިދާޅުވިއެވެ.

30 އަހަރަށްފަހު އޭދަފުށިން ބަންޑާރަ ގޯތިދޫކުރަން އިއުލާންކުރުމުގެ ކުރިން ގޯތި ހޯދުމަށް އެދި މިދިޔަ އަހަރުތަކުގައި އެކިފަހަރުމަތިން ރައްޔިތުން ކައުންސިލް އިދާރާއަށް އެކި ގޮތަށް ހުށައެޅުންތައް ހުށައެޅިއެވެ. އެގޮތުން 2005 ވަނައަހަރު ގޯތިހޯދުމަށް އެދި އޭދަފުށީގެ ދުއިސައްތައަށްވުރެ ގިނަމީހުން ކައުންސިލަށް ސިޓީ ހުށައެޅިއެވެ. ކައުންސިލްތައް އުފެދުނުފަހުން 2017ވަނަ އަހަރު އޭދަފުށިން ގޯތިދުކުރަން ހައުސިން މިނިސްޓްރީއާއެކު އޭރުގެ ކައުންސިލުން މަޝްވަރާކޮށް އުއްމީދުތަކެއް ލިބުނުނަމަވެސް އެފަހަރުވެސް އަލިމަގެއް ނުފެނުނެވެ. އެންމެފަހުން އޭދަފުށިން މިއަހަރު ގޯތި ދޫކުރައްވާނެކަން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ މިދިޔަ މަޖިލިސް ކެންޕޭންގެ ތެރޭގައި އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެގޮތުން މިއަތޮޅު ތުޅާދޫންވެސް ގޯތި ދޫކުރުމުގެ އިދާރީ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެ ބިމުގައި 100 ހައުސިންގް ޔުނިޓް އެޅުމަށް ފާއިތުވެ ދިޔަ ދެއަހަރު ބަޖެޓްވެސް ކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top