އަތޮޅުތެރެ އާއި މާލޭގައިވެސް ކާބޯތަކެތީގެ އިންފްލޭޝަން މިދިޔަ ދެތިން މަހު ވަރަށް ބޮޑަށް ދަށްވެ، 5.6 ޕަސެންޓުގައި ހުރި ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ މާރިޗު މަހަށްފަހު ކާބޯތަކެތީގެ އިންފްލޭޝަން ވަރަށް ބޮޑަށް އުފުލެމުންގޮސް، މާރިޗު މަހު 1.9 ޕަސެންޓުގައި ހުރުމަށްފަހު އެންމެ މައްޗަށް ދިޔައީ ޖޫން މަހުއެވެ. އެ މަހު އިންފްލޭޝަން 7.3 ޕަސެންޓަށް އުފުލުނުނަމަވެސް، އޭގެ ފަހުން ދިޔައީ ދަށްވަމުންނެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު އިންފްލޭޝަން ވަނީ ޖޫން މަހަށްވުރެ 1.6 ޕަސެންޓަށް ދަށްވެފައެވެ.
މާލެ އަދި ރާއްޖެތެރެ: މާލޭގައި ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ ޖޫން މަހު (7.5 ޕަސެންޓު) ގައެވެ. އަދި ރާއްޖެތެރޭގައި އަގުތައް އެންމެ ބޮޑަށް އުފުލުނީ ޖޫން މަހާއި ޖުލައި މަހުއެވެ. އެ ދެ މަހުވެސް އިންފްލޭޝަން ހުރީ 7.1 ޕަސެންޓުގައެވެ. މިއަހަރު ފެށުނުއިރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 1.2 ޕަސެންޓުގައެވެ.
ދަތުރުފަތުރުގެ ދާއިރާ: މިދިޔަ އޮގަސްޓް މަހު ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ 8 ޕަސެންޓުގައެވެ. މާޗް މަހުން ފެށިގެން ދަތުރުފަތުރުގެ އިންފްލޭޝަން 8 އާއި 9 ޕަސެންޓާ ދެމެދުގައި އުޅުނުއިރު، އަގުތައް އުފުލުނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުތައް ކުރުމުގެ ޚަރަދު ބޮޑުވުމުންނެވެ.
ދަތުރުފަތުރުގެ އަގުތައް އުފުލުނު ނަމަވެސް، އެހެން ދާއިރާތަކުން އަގުތައް އުފުލޭ މިންވަރު ދަށްވުމާ ގުޅިގެން ޤައުމުގެ ޖުމްލަ (އޯވަރޯލް) އިންފްލޭޝަން ހުރީ 0.8 ޕަސެންޓުގައެވެ.




