ބަރުލަމާނީ ނިޒާމެއްގައި ރާއްޖޭގައި އޮންނާނީ އިންޑިޔާއިން ބޭނުންވާ ވެރިކަމެއް: އަބްދުއްރަހީމް

original_1695296857337.jpeg

ދިވެހިރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ، ރާއްޖޭގައި ވެރިކަން ކުރާނީ އިންޑިޔާ ފަދަ ފައިސާ ހުރި ގައުމުތަކުން ބޭނުން ބައެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމާއި ގުޅިގެން ދެން އޮންނާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ތަޅުމުން ފާސްކުރުމެވެ. އެ ގަރާރަށް ބަހުސް ކުރުމަށްފަހު ގަރާރު ފާސްވެއްޖެ ނަމަ، އެ ވޯޓު ނެގުން އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބޭއްްވުމަށް ގަރާރުގައި ވަނީ އެދިފައެވެ.

ރ އިންނަމާދޫގައި މިއަދު ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ސަރުކާރާއި ދަ ޑިމޮކްރެޓްސް އިން މަސައްކަތް ފަށާފައިވަނީ “ސީދާ އިންޑިޔާ އަޑީގައި އޮވެގެން” ކަމަށެވެ. އެގޮތުން އިންޑިއާ ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ލިބޭނެ އެހެން ގޮތެއް ނުވަތަ، އެގައުމު ބޭނުންވާގޮތަށް ރާއްޖޭގެ ވެރިކަން ކުރާނެ ބައެއްގެ މައްޗަށް ވެރިކަން ގެންދަން ކަމަށް އަދުރޭ ވިދާޅުވި އެވެ. ނަމަވެސް އެގޮތަށް އެކަން ވިޔަނުދޭން އޭނާއެދިވަޑައިގެންނެވިއެވެ.

އަދުރޭ ވިދާޅުވީ، ރާއްޖޭގައި ގާނޫނު އަސާސީ އެކުލަވައިލެވުނުއިރު، ވެރިކަން ކުރާނެ ނިޒާމެއް ރައްޔިތުން ކަނޑައަޅައި ނިންމާފައިވާ ކަމަށާ، އެއީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި ރިޔާސީ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރާތާ އަދި 20 އަހަރުވެސް ނުވާ ކަމަށާ އެހެން ކަމުން އިތުރު ނިޒާމެއް ރާއްޖެއަށް ގެންނަން ނުޖެހޭ ކަމަށް ވެސް އަދުރޭ ވިދާޅުވިއެެވެ.

މިއާއެކު އަދުރޭ ވިދާޅުވީ، ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރިޔާސީ ނިޒާމު ކަމަށާ، ބަރުލަމާނީ ނިޒާމު އައުމުން އިންޑިއާ ފަދަ ފައިސާ ހުރި ގައުމުތަކުން ބޭނުންވާ މީހަކަށް ރާއްޖޭގައި ވެރިކަން ކުރެވޭނެ ކަމަށެވެ. އަދި އެއީ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ސަބަބުތަކާއި ހުރެ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ޕީޕީއެމް/ޕީއެންސީން ތާއީދު ނުކުރާ ކަމަށް އަދުރޭ ވިދާޅުވިއެެވެ. އަދި ޕީޕީއެމް/ޕީއެންސީ އަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ބޭނުންވާ ބައެއް ކަމަށާ، ނިޒާމީ ވޯޓު ނެގި އިރު %62 ރައްޔިތުން ތާއީދު ކުރީ ރިޔާސީ ނިޒާމަށް ކަމަށް އަދުރޭ ވިދާޅުވިއެެވެ. އަދި އެކަން ގާނޫނު އަސާސީގައިވެސް ލިޔެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top