ކަމެއްވާނީ ބުނެފައެއް ނޫން. މިކަމާ އުޅޭނީ ކޮން އިރަކުން ؟

DSCN8390-1.jpg

މިއުޅެނީ ފެނަކައިން ހިންގާ އޭދަފުށީ އިންޖީނުގޭގެ ކަރަންޓުގެ ހާލަތުގެ ވާހަކަ ކިޔައިދޭކަށް ނޫނެވެ.  ކަރަންޓު ކެނޑޭ ވާހަކައާ ވޯޓޭޖާ އެއްވަރަށް ކަރަންޓު ނުލިބޭތީ ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހަލާކުވާ ވާހަކަ ދައްކާކަށްވެސް ނޫނެވެ. އިންޒާރެއްނެތި ކަރަންޓު ކަނޑާލާތީވެ އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނު ތައް ހަލާކުވާތީ އެ ޝަކުވާ ކުރާކަށްވެސް ނޫނެވެ. މި ދައްކަނީ އޭދަފުށީގެ ބޮޑު މަގެއް ހުރަސްކޮށް ދިމާ ހާމައަށް އެއްވެސް ރައްކާތެރިކަމެއް ނެތި އޮތް 120ސްކެއަރ އެމްއެމްގެ ކަރަންޓު ކޭބަލްގެ ވާހަކައެވެ. ކުޑަކުދިންނާއި ދުއްވާ އެއްޗެތި މެދު ނުކެނޑި ދަތުރުކުރާ މަގަކު އެކޭބަލް އެގޮތަށް އޮންނަތާ މިހާރު ގައިމުވެސް ފަސްމަސް ވެދާނެއެވެ.

ކޭބަލް ވަޅުނުލާ އެއޮތީ ނުވަތަ ބަދަލުގައި އާކޭބަލެއް ނޭޅި މިހާ ގިނަ ދުވަސް ތަކެއް ވޭތުވެގެން މިދަނީ ކީއްވެގެން ބާއެވެ؟ އެކަމަކު އެގޮތަށް ކަރަންޓު ކޭބަލެއް ރައްކާތެރިކަމެއް ނެތި ގިނަ ދުވަސް ތަކެއް ވަންދެން އޮތުމަކީ ނުރައްކާތެރި ކަމެކެވެ. ކޮންމެ ވަގުތެއްގައިވެސް ގޮވައިފާނެ ބޮމެއްގެ ގޮތުގައި ސިފަ ކުރެވިދާނެ އެވެ.

އިލެކްޓްރިކް އިންޖިނިއަރިންގ ރޮގުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ސްޓެލްކޯގެ ސީނިއަރ ބޭފުޅަކު، އެގޮތަށް ހާމައަށް އޮންނަ ކޭބަލެއްގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރިކަން ކިޔައިދެއްވުމުގެ ކުރިން ފުރަތަމަވެސް ވިދާޅުވީ ސްޓެލްކޯގެ ގަވާއިދު އޮންނަ ގޮތުން ވަގުތީ ކޭބަލެއް ވިޔަސް އެގޮތަށް ބާއްވަން ޖެހޭނީ ގިނަވެގެން އެއްމަސް ދުވަހަށެވެ.

ސްޓެލްކޯއާ ފެނަކައަކީ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރު ކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ދެ މުވައްސަސާ އެވެ. ސްޓެލްކޯގެ ގަވާއިދުގައި އެގޮތަށް އޮންނަ ކޭބަލް ބަދަލު ކުރުމަށް ގިނަ ވެގެން އެއް މަސްދުވަސް އޮންނަ އިރު ފެނަކައިގެ ގަވާއިދުވެސް އޮންނާނީ އެގޮތަށް ކަމުގައި ބެލެވިދާނެއެވެ. އެހެންކަމަށް ވާނަމަ މި ކޭބަލް މިގޮތަށް އޮވެ ފަސް މަސް ދުވަސް ފާއިތުވެގެން ދާއިރު އެކަމާ ޒިންމާ ވާނީ ކާކު ހެއްޔެވެ؟

އޭނާ ވިދާޅުވީ އެ ކޭބަލަކީ އޭގެ ޒާތުގައި ނުރައްކަލެއް ނޫންކަމަށް ހީވިޔަސް ކޭބަލްގެ ދާފަރާއިން ކުޑަކުޑަ ތަންކޮޅެއް ހަލާކުވިޔަސް އެހިސާބުން ގޯސްވީއެވެ.

“ދާފަރާ ހަލާކުވެފައިވާ ކުޑަކުޑަ ތަންކޮޅެއްގައި އަތްލެވުނަސް އެމީހަކަށް އެލިބޭ ޝޮކުގައި ފަރުވާއެއް ދެވޭނެ ވަގުތުކޮޅެއްވެސް ނުލިބި މަރުވުމަކީ ވަރަށް ގާތް ކަމެއް. އެގޮތް މާލޭގައި ދިމާވެފައި ވެސް އެބަހުރި.” އޭނާ ތަފްސީލު ކޮށްދެއްވިއެވެ.

އޭނާ ވިދާޅުވީ މިކަހަލަ ވިއްސާރަ މޫސުމެއްގައި އެގޮތަށް ހާމައަށް އޮންނަ ކޭބަލެއް ފެންގަނޑެއްގެ ތެރޭގައި އޮވެގެން ލީކެއް ވިޔަސް މުޅި ފެންގަނޑަށް ކަރަންޓް އައިސް އެތައް ބައެއްގެ ފުރާނަ ދިއުމުގެ ފުރުސަތުވެސް ބޮޑު ކަމުގައެވެ.

ކަރަންޓު ކޭބަލެއް މިގޮތަށް އޮތުމުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަމަށް ޓަކައި އޭދަފުށީ ކައުންސިލުންވެސް ވަނީ އިންޖީނުގޭގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

މިކަމުގެ ކަންބޮޑުވުން އެހިސާބު ގަނޑުގައި ދިރިއުޅޭ މީހުން ފާޅު ކުރާތީއާވެސް އެކު އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ، އަހުމަދު އަންވަރާ ގުޅާލުމުން ވިދާޅުވީ އެއީ ކޭބަލެއްގައި މައްސަލަ ޖެހިގެން ދަމާފައިވާ ވަގުތީ ކޭބަލެއް ކަމުގައެވެ. އެ ކޭބަލް ނެގޭނީ އާ ކޭބަލެއް ލިބިގެން ކަމަށާ، އެއީ މާލެއިން އާއްމުކޮށް ގަންނަން ލިބޭ ސައިޒަކަށް ނުވާތީ ރާއްޖެއިން ބޭރުން ގެންނަން މިހާރުވަނީ އޯޑަރު ކޮށްފައި ކަމަށެވެ. އަދި ނުގެނެވިގެން އުޅެނީއެވެ.

“120 ސްކެއަރ އެމްއެމްގެ ކޭބަލެއް އެއީ. މާލެއިން އާއްމުކޮށް ގަންނަން ލިބޭ ސައިޒެއް ނޫން އެއީ. އެހެންވެ ބޭރަށް އޯޑަރު ދީގެން ގެންނަން މިޖެހެނީ. މިހަފްތާ ތެރޭގައި (އާ ކޭބަލް) ލިބޭނެހެން ހީވަނީ. މިހާރު ހަމަ ގާތްގަނޑަކަށް ލިބުމުގެ މަގުމަތީގަ އުޅެނީ. މަސައްކަތް ކުރަން އެބަ. އެކަމަކު ކޭބަލް ލިބިގެންތާ އެޅޭނީ.” އަންވަރުގެ ވާހަކައަކީ މިއެވެ.

އާއެކެވެ. ކޭބަލް ނުލިބި އާ ކޭބަލެއް ނޭޅޭނެއެވެ. އެކަމަކު އާއްމުންގެ ކަންބޮޑުވުމަކީ އެއީއެއް ނޫނެވެ. އެކޭބަލް އެގޮތަށް އޮތުމުވެ. ވަގުތީ ކޭބަލެއްކަމަށް ވިޔަސް ރައްކާތެރިކަމެއް ނެތް ގޮތުގައި ދިމާއަށް އޮތުމުން ލިބިދާނެ ބޮޑު ގެއްލުމެއްގެ ކަންބޮޑުވުމެވެ. އެކަމަށް އިންޖީނުގެއިން ބަލާފައި ނުވުމެވެ.

މި ގޮތަށް މި ކޭބަލް އޮތުމުގެ ސަބަބުން ނުރައްކާތެރި ހާދިސާ އެއް މެދުވެރިވެދާނެ ކަމަށްޓަކައި އޭދަފުށީ ކައުންސިލުންވެސް މިކަމުގެ ކަންބޮޑުވުން ވަނީ އޭދަފުށީ އިންޖީނުގެއާ ހިއްސާ ކޮށްފައެވެ.

“އެއީ ވަގުތީ ކޭބަލެއްކަމަށް ވިޔަސް ކޮންމެވެސް ވަރަކަށް ފަސްކޮޅެއް އަޅާފައި ފޮރުވާނުލެވެންވީ ކީއްވެ؟  ކުޑަކުދިން ހެސްކިޔާފައި އުޅޭ ހިސާބު ގަނޑަކަށް ވާތީ އަހަރެމެން ތިބެން މިޖެހެނީ ކުއްޖަކު އެ ކޭބަލާއި ކައިރިވެ ދަނޑިބުރިއަކުން ނުވަތަ ވަޅިއެއް ފަދަ އެއްޗަކުންވެސް ޖަހާފާނެ ކަމަށް ބަލަބަލާ. އެކަހަލަ ގޮތެއް ވުމަކީ ކައިރީގަ އޮތް ކަމެއް. ބޮޑަށް އެކަން އެނގޭނީވެސް އިންޖީނު ގެއަށް.” އެހިސާބުގައި ދިރިއުޅޭ މީހަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.

އަންވަރުގެ ވާހަކައަށް އިތުބާރުކޮށް ހަފްތާއެއްގެ ތެރޭގައި އާކޭބަލް އައުމާއެކު ވަގުތީ ކޭބަލް ނެގޭނެ ކަމަށް ބަލަމާ ހިނގާށެވެ. އެހެންނަމަވެސް ކަން ކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި އެއް ހަފްތާ ކިތައް ހަފްތާއަށް ދެމިގެން ހިނގައިދާނެ ބާއެވެ. އެއަށްވުރެ ކުރިން، މިހާރު ދަމާފައި އޮތް ކޭބަލް ރައްކާތެރި ކުރުމަކީ މިހާރުން މިހާރަށްވެސް ކުރަން ޖެހޭ ކަމެކެވެ. އެހެނީ ކަމެއް ވާނީ ބުނެފައެއް ނޫނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top