ބ. ކަމަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޢަލީ ޝުޖާއު އާއި ކަމަދޫ ކައުންސިލުގެ ރައީސް ހަސަން ޒަރީރެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން ބ. އަތޮޅު ކައުންސިލު ރައީސް އާއި ކަމަދޫގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައެއް ރައްޔިތުން ބައިވެރިވެވަޑައިގެންނެވި އެވެ. .
ކަމަދޫ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ކަމަދޫގައި ޕޮލިސް ޕޯސްޓް ގާއިމް ކުރެވިގެން ދިޔައީ ކަމަދުއާއި އެރަަށަށް ޒިޔާރާތްކުރާ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.
ކަމަދު އަކީ އިޖުތިމާއީ ގުޅުން ގާއިމު، ކުށްމަދު ރަށެއްކަން ސުޖާއު ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ކަމަދޫގައި ފުލުހުން ޚިދުމަތްދޭން ފެށުމަކީ އިތުރަށް ކުށް މަދުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށެވެ.
”މި ރަށުގައި ތިބޭ ފުލުހުންނަށް އަޅުގަނޑު ދަންނަވައިލާނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނޫނު ތަންފީޒުކުރުމާއި، ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ތިޔައިން އެއްވެސް ފުލުހެއް ފަހަތަށް ނުޖެހުމަށް“ ކޮމިޝަނަރ ވިދާޅުވިއެވެ.
ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ ތަން ކަމަދޫން ފެނިގެން ދިއުން އުންމީދު ކުރައްވާ ކަމަށާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރެއްވުމަށް ފުލުހުންގެ ކިބައިން ޝުޖާ އެދިވަޑައިގެންނެވި އެވެ.