ސޮއިކޮށްފައިވާ ޕްރޮޖެކްޓް ތަކަށް ކައުންސިލްތަކުން ބަދަލު ގެނައުމަކީ ކުރަން ބޭނުން ނުވާ ކަމެއް: މިނިސްޓަރު

l_173268440035osAJ.jpeg

އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު މިއަދުގެ މަޖިލީހުގެ ޖަލްސާގައި: ޕްރޮޖެކްޓްތައް ލަސްވާތީ ގިނަ މެންބަރުން ސުވާލުތައް ކުރިމަތި ކުރުވި-- ފޮޓޯ: މަޖިލި

ރަށްރަށުގައި ހިންގުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްޓްތަކަށް ވަކި ހިސާބަކުން ބަދަލު ގެންނަން ކައުންސިލްތަކުން މަސައްކަތް ކުރާކަމަށާއި ވޭރިއޭޝަންތައް ގެނައުމަކީ ހަގީގަތުގައި ސޮއި ކުރުމަށް ފަހު އަޅުގަނޑުމެން ކުރަން ބޭނުން ނުވާ ކަމެއްކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު މުއްތަލިބު ހާޒިރު ކޮށް, މެންބަރުން ވަނީ އެ ދާއިރާތަކުގައި ހިންގަން ފަށާފައިވާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ.

ހދ. ކުރިނބީ ބަނދަރުގެ މަސައްކަތް ނުނިމޭތީ, ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ރަށު ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތީ ކައުންސިލުން އެ ޕްރޮޖެކްޓަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ ކަމަށެވެ.

އެފަދަ މައްސަލަތަކުގެ ތަފުސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮންޓެކްޓަރާއެކު ސޮއިކޮށްފައިވާ ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވުމަށް ކައުންސިލްތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

“އަބަދު ވޭރިއޭޝަންތައް ގެންނަ ކަމަށް ވަންޏާ އެމްޓީސީސީއަށް ވެސް ވަރަށް ބޮޑު ގެއްލުމެއް. ދައުލަތަށް ވެސް ވަރަށް ބޮޑު ގެއްލުމެއް. ބަޖެޓުގައި ޖަހާފައި އިންނަ އަދަދަކަށް ވެސް އެކަމެއް ނުކުރެވޭ. ރަށްރަށުގައި ހިންގުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްޓްތަކަށް ވަކި ހިސާބަކުން ބަދަލު ގެންނަން ކައުންސިލްތަކުން މަސައްކަތް ކުރުމުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ.“ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓްގައި ސޮއިކުރާ ފަހުން މެންބަރުން މެދުވެރިކޮށް އެ ކޮންޓްރެކްޓަށް ބަދަލުތައް ގެންނަން ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“ކައުންސިލްތަކުން ވެސް ކުރިން ކަންތައްތައް ވެފައި ހުރިގޮތުން މި ހައްދަވާ ގޮތަކީ ކޮންމެ އެއްޗެއް ލިބުނަސް ސޮއިކޮށްލަން އެއްބަސްވަނީ. އެޕްރޫވް ކޮށްލަނީ. ދެން ސޮއިކޮށްފަ ބޭނުންވާ ބަދަލުތައް މެންބަރު މެދުވެރިކޮށް ނުވަތަ އެހެން ގޮތްގޮތުން ވެސް ކުރެވޭތޯ ބަލަނީ. އެހެން ކުރެވިފައި ވެސް އެބަހުރި. އެކަންތައް އެހެން ހިނގާތީ އެހެން ވަނީ,“މިނިސްޓަރު ވިދާޅުވިއެވެ.

ކޮންޓްރެކްޓްގައި ސޮއިކޮށް, ހަވާލު ކުރާ ފަހުން ކޮންޓްރެކްޓަށް ބަދަލުތައް ގެނައުމުން ގިނަ ދަތިތަކަކާ ކުރިމަތިވާ ކަމަށާއި އޭގެ ސަބަބުން ބަޖެޓް މެނޭޖު ކުރަން ވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދެވޭނީ އޭރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ކުރިއަށް ނުދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިދިޔަ ސަރުކާރުން ބަޖެޓް ހެދިއިރު ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭ ގޮތަށް ފައިސާގެ އަދަދުތައް ހިމަނާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ކޮންމެ ޕްރޮޖެކްޓަކަށް ވެސް ހިމަނާފައިވަނީ ކުޑަ އަދަދެއް ކަމުން ޕްރޮޖެކްޓްތައް ވަކި ހިސާބަކަށް ގެންގޮސް ހުއްޓެނީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލާފައިވަނީ އެގޮތަށް ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top