އަންނަ ޖެނުއަރީ މަހުން ފެށިގެން ރާއްޖެތެރޭގެ މިސްކިތްތަކަށްވެސް ދެ އިމާމުން ލަމުން ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެތެރޭގެ މިސްކިތަތަކަށް އަންނަ އަހރުން ފެށިގެން ދެ އިމާމުން ލާން ނިންމަވާފައިވާއިރު މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި މިހާރުވެސް ދެ އިމާމުން ތިބޭނެ ކަމަށް މިނިސްޓަރުވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު، މި މައުލޫމާތުތައް ހިއްސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންނާ ބައްދަލުކުރުމުގެ ތެރެއިން އެކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ހާފިޒުންގެ އެލަވަންސް އިތުރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން އަންނަ ޖެނުއަރީ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސްވެސް އިތުރު ކުރެވިގެން ދާނެ ކަމަށެވެ.
ހާފިޒުންނަށް މިހާރު ދެމުން އަންނަ 2000 ރުފިޔާގެ އެލަވަންސް، 4000 އަށް ބޮޑު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފުޅެކެވެ.