މުއުމިނުންނަކީ ބަސްމަދުކޮށް އަމަލު ގިނަކުރާ މީހުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ހަނުހުރުމުގެ އަޚުލާގާއި ބެހޭގޮތުންނެވެ.
ޚުތުބާގައި ބުނީ އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުން ކަމަށާއި އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށްވާއިރު އޭނާ ވާހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވެ، ހަރުދަނާކަމާއި ދޯހަޅިކަން ފެނިގެންދާނެ ކަމަށެވެ.
”މުއުމިނާއަކީ އޭނާގެ ދުލަށް ރައްކައުތެރިވާ މީހެކެވެ. އަމަލު ގިނަކޮށް ބަސް މަދުކުރާ މީހެކެވެ. މުއުމިނާ ވާހަކަދައްކާނީ އޭނާގެ ނަފްސަށާއި އޭނާގެ މުޖްތަމައަށާއި އޭނާގެ ވަތަނަށް ފައިދާ ހުރި ކަންކަމުގައެވެ،“ ޚުތުބާގައި ބުންޏެވެ.
ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވައުގަނޑެއް ކަމަށާއި ބާތިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށެވެ. އޭނާ ބާތިލު ވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށާނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
”އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލައިފާނެއެވެ. އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލު ނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެއެވެ،“ ޚުތުބާގައި ބުންޏެވެ.
ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސް ބުނުން ކަމަށާއި ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ގިޔާމަތް ދުވަހުން ތިބާއާ ސުވާލު ކުރެވޭނެކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ވާހަކަ ދައްކަންވާނީ މި ކަމަށް ސަމާލުވެގެން ކަމަށްވެސް ބުނެފައިވެ އެވެ.
ޚުތުބާގައި ވަނީ ﷲއާއި އެކަލާނގެ ރަސޫލާ މީސްތަކުންނަށް ހަނުހުރުމަށް ގޮވާލައްވާފައިވާ ކަމަށް ބުނެފައެވެ. އަދި، އަނގަ ގަދަ ނުކުރުމަށާއި ބުއްދިވެރި ގޮތަކީ މަޞްލަޙަތެއް ނެތް ނަމަ، ހަނުހުރުން ކަމަށާއި ބޭކާރު ވާހަކަތައް ނުދެއްކުން ކަމަށް ޚުތުބާގައި ބުންޏެވެ.