ބަރަކާތްތއރި ރަމަޟާން މަހުގެ ފަހުދިހައިގެ މާތްކަން ހެޔޮ ގޮތުގައި ލިބިގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފި އެވެ.
މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ރަމަޟާންމަހުގެ ފަހު ދިހައިގެ މާތްކަމާއި، އެ ދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންމެ ހެޔޮ ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކެވެ. އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ލައިލަތުލްޤަދުރި ހިމެނެއެވެ. ލައިލަތުލްޤަދުރިއަކީ އައްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސް ދުވަހު އަޅުކަމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެ ރޭ ހޯދުމަށް ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް ނަބަވީ އިރުޝާދުތަކުން އެނގޭ ކަމަށް ވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ ރަމަޟާންމަހުގެ ފަހު ދިހައިގައި ހޭދަކުރުމާއި ޞަދަޤާތްކުރުން ގިނަކުރުމަށާއި، ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަން ދިނުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް ދެ ކިލޯ ހަތަރު ސަތޭކަ ގުރާމް ކަމަށާއި، ޢީދު ވިލޭރެއާއި ޢީދު ދުވަހު ޚަރަދުކުރާނެ މިންވަރު ހުރެ އިތުރަށް ހުރި އެއްޗަކުން ތިމާ ބަލަހައްޓާ މީހުންނާއި ތިމާގެ ނަފުސުގެ މަތީން ފިޠުރު ޒަކާތް ނެރުން ވާޖިބުވާ ކަމަށް ބުނެފައިވެއެވެ.
ޚުޠުބާގައި އިސްލާމީ އުންމަތުގެ ޙާލަތަށް ވެސް އަލިއަޅުވާލައި، އުންމަތް އެއްބައިވަންތަވެ ސަފުތައް ބަދަހިކުރުމަށް ގޮވާލާފައިވެއެވެ. އަދި ޒުވާނުންނަށް ޚާއްޞަ އިލްތިމާސެއް ކޮށް، މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނޭއްގާނީ ޢަމަލުތަކުން ދުރުހެލިވެ، ޢިލްމާއި ފަންނިއްޔާތުގައި ކުރިއެރުމަށް މަސައްކަތްކުރުމަށް ބާރުއެޅުއްވި އެވެ.
ޚުތުބާގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުގައި، އިސްލާމީ އުންމަތް މިއަދު ގުނަމުންދަނީ ތާރީޚީ ގޮތުން ނުރައްކާތެރި ދުވަސްތަކެކެވެ. ދުޝްމަނުން ދަނީ އުންމަތް ބައިބައިކޮށް، އިސްލާމީ ޤައުމުތަކުގައި ލޭއޮހޮރުވުންތައް އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ ޙާލަތެއްގައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް، މަތިވެރި އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަދި ބައިބައިވުމަކީ އުންމަތް ބަލިކަށިވާނެ ކަމެއްކަން ހަނދާންކޮށްދީ، މުޞީބާތްތަކުގެ ކުރިމަތީގައި ކެތްތެރިކަމާއި ޙިކުމަތްތެރިކަން އިސްކުރުމަށް ވަނީ ގޮވާލާފައެވެ.





