ފާޅުގައި ޑްރަގް އެތެރެ ކުރުން ހުއްޓުވުމުގެ ގޮތުން ކޮންމެ ރަށެއްގެ ބަނދަރުތަކުގައި ޔުނީފޯމް އެޅި ފުލުހުން ފާރައަށް ތިބުން މުހިއްމު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.
36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ސީޕީ ޝުޖާއު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މި މުޖުތަމައު ސަލާމަތް ކުރުމަކީ މިއަދު ކޮންމެ ފުލުހަކަށް ވެސް ކުރަން ޖެހިފައިވާ އެންމެ ބޮޑު މަސައްކަތް ކަމަށެވެ.
އެގޮތުން ކޮންމެ ރަށެއްގެ ބަނދަރުގައި ޔުނީފޯމު އެޅި ފުލުސް އޮފިސަރަކު ހުރުމަކީ ރައްޔިތުން ނުހަނު ބޭނުންވާ ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
އޭރުން ފާޅުގައި ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓިގެން ދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
ބަނދަރުތައް ކައިރިއަށް އަންނަ ކޮންމެ ދޯންޏެއް އަދި ކަނޑުގައި ދުއްވާ އުޅަނދަކުން އެ ރަށަކަށް އެތެރެކުރާ މުދަލަކީ ކޮން އެއްޗެއްތޯ ރަނގަޅަށް ބަލައި ފާސްކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
“ކޮންމެ ފުލުހަކު ވެސް މަސައްކަތްކުރަން ޖެހޭ ވަރަށް މަސްތުވާތަކެތީގެ ވަބާ މިވަނީ މި ގައުމުގައި ބޮޑުވެފައި،” ސީޕީ ޝުޖާއު ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އާންމުވެފައި ވާއިރު، އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފައެވެ.