ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ބޭސް ވިއްކާނަމަ ޖުރިމަނާ ކުރަނީ!

11215160_10206675259032191_2763665738753480419_n.jpg

ސަރުކާރުން ކަނޑައަޅާފައިވާ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރުޕީ) ކަނޑައެޅުމުން އެ އަގަށްވުރެ އަގުބޮޑުކޮށް ބޭސް ވިއްކައިފިނަމަ 100،000ރ. އާ ހަމައަށް އެ ބޭސްފިހާރައެއް ޖޫރިމަނާކުރެވޭ ގޮތަށް، ގަވައިދެއް އެކުލަވާލައި އެގަވާއިދު އާއްމުކޮށްފި އެވެ.

އެމްއާރުޕީގެ ގަވާއިދު ގެޒެޓްކުރުމުގެ ކުރިން ހެލްތު މިނިސްޓްރީން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ވިއްކާ އަސާސީ ބޭސްތައް ވިއްކޭނީ ފައިދާގެ ގޮތުގައި އެންމެ ބޮޑުވެގެން 100 ޕަސެންޓުގެ މާކަޕެއް ލައިގެން ކަމަށް އިއުލާނު ކޮށްފައެވެ.

އެ މިނިސްޓްރީން ރޭ ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން އެމްއާރުޕީ ތަންފީޒު ކުރަން ފެށުމަށް ފަހު، އެ ގަވާއިދާ ހިލާފަށް ބޭސް ވިއްކާނަމަ އެ ތަނެއް އެންމެ ފުރަތަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުވެއްޖެނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެވެ.

އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000 ރުފިޔާ އިން ފެށިގެން އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިގެންދާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.

މި ގަވައިދަށް އަމަލު ކުރަން ފެށުމުން ބޭސް ފިހާރަ ތަކުގައި ވިއްކާ ބޭހުގެ އެމްއާރުޕީ، ހިދުމަތް ހޯދަންދާ މީހުންނަށް ފެންނަން ހުންނަން ޖެހޭނެއެވެ. އެގޮތަށް ފެންނަން ނުހުންނަ ނަމަ އެ ފަދަ ތަންތަނާ މެދުވެސް ފިޔަވަޅު އެޅޭނެއެވެ.

އެގޮތުން، ކަނޑައެޅިފައިވާ އެމްއާރުޕީ ނުފެންނަ ގޮތަށް ހުންނަ ފާމަސީތައް ނުވަތަ ތަންތަން އެންމެ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރާނީ 10،000 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް ތަކުރާރު ވެއްޖެނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތިން ފަހަރަށްވުރެ ގިނައިން މިކަންތައް ތަކުރާރުވާނަމަ 50،000 އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފައެވެ.

މި ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.

އެންމެ ފުރަތަމަ އަގު ކަނޑައަޅަން ނިންމާފައި ވަނީ އެމްއެފްޑީއޭގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހަކަށެވެ. އެ ބަދަލާއެކު ބޭހަށް ކުރާ ހޭދައިން 205 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top