ކަމަދޫ ކުރީގެ ކައުންސިލުން ހުށަހެޅި މައްސަލަތައް ފައިލްކޮށްފި

b_6tIkBeFP2p0XISQLAt0rsIWCd.jpg

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ--- ފޮޓޯ: މަޖިލިސް އިދާރާ

ބ. ކަމަދޫ ކުރީގެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށައެޅި 10 މައްސަލައެއް ކުރިއަށް ނުގެންދަން ނިންމައި، އެ މައްސަލަތައް ފައިލްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އޮތް ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު ރިޔާސަތުން ވިދާޅުވީ އެ މައްސަލަތަތައް ހުށަހަޅާފައި ވަނީ ކަމަދޫ ކައުންސިލުން އެ ކޮމިޓީއަށް ފޮނުވި ދިހަ ސިޓީއަކުން ކަމަށެވެ.

އޭގެ ތެރޭގައި ކަމަދޫ ކައުންސިލުގެ ހިދުމަތްތައް ހުއްޓިފައިވާތީ އެ މައްސަލަތައް ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކާއި އެ ކައުންސިލުގެ އިދާރީ މުވައްޒަފުން، ކައުންސިލްގެ ރައީސާއި މެންބަރުންނަށް ފުރައްސާރަކޮށް ޖެއްސުން ކުރަމުންދާތީ، ފިޔަވަޅުއަޅައި،ދިނުމަށާއި ކައުންސިލް ހިންގުމަށް ވަގުތީ މުވައްޒަފުން ހޯދައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން އޭރުގެ ކައުންސިލް މެންބަރު އަހުމަދު ސަމީރު ކައުންސިލަށް ހާޒިރު ނުވާތީ ހުށަހަޅާފައިވާ މައްސަލަ އަަކާއި ކައުންސިލުގެ އިދާރާގައި ހުސްކޮށް ހުރި މަގާމުތަކަށް މީހުން އައްޔަންކުރުން އަވަސްކޮށް ދިނުމަށާއި ސިވިލް ސާވިސްގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމުގައި ކައުންސިލްގެ އޭރުގެ ރައީސް އަހުމަދު ސާޖިދު އަމަލު ކުރަމުންދާ މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އަދި އެލްޖީއޭގެ ޑިރެކްޓަރު ލެވެލްގައި މަސައްކަތް ކުރައްވާ ދެ ބޭފުޅުން ކަމަށްވާ އަބްދުﷲ ރަޝީދާއި އާދަމް ޝަރީފް އިސްވެ ތިއްބަވައިގެން އެ ބޭފުޅުންނަށް އިހުތިޔާރު ލިބިފައިނުވާ ގޮތްގޮތަށް ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ތަންތަނާއި ލިބޭ ފައިސާގެ މައުލޫމާތު އޮޅުން ފިލުވައި އަތޮޅު ކައުންސިލަށް ހުރިހާ ބާރުތައް ލިބޭ ގޮތަށް މަގުފަހި ކުރަމުން ގެންދާ މައްސަލަ ވެސް ހުށަހަޅާފައި ވެއެވެ.

މި މައްސަލަތަކާބެހޭ ގޮތުން ކޮމިޓީގެ ރިޔާސަތުގައި އިންނެވި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ކަމަދޫ ކުރީގެ ކައުންސިލަކީ ސިލްސިލާކޮށް ގިނަ މައްސަލަތަކެއް އެ ކޮމިޓީއަށް ހުށަހެޅި ކައުންސިލެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްްކަތްތަކެއް ކޮށް އެ އަތޮޅު، އަތޮޅު ކައުންސިލާއި ލޯކަލް ގަވާމަންޓް އޮތޯރިޓީއާ ވާހަކަ ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލަތަކަކީ ކުރީގައި އޮތް ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތަކެއްކަން ފާހަގަ ކުރައްވައި، ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާއެކު އިންތިހާބުވެފައިވާ އާ ކައުންސިލެއް މިހާރު އޮތުމުން ކުރީގެ ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތައް މިހާރު ހައްލު ކުރެވިފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަތައް ކުރިއަށް ނުގެންދިއުމަށް ނިންމައި ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ ތާއީދާއެކު އެ މައްސަލަތައް ފައިލްކުރަން ނިންމީ ކަމަށް ވައްޑެ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top