އެންޓި ޑިފެކްޝަން ބިލް އޮތްނަމަ ޕީޕީއެމްއަށް މެޖޯރިޓީއެއް ނުލިބުނީސް : އެމްޕީ ސަލީމް

medium_104884-1.jpg

އެންޓި ޑިފެކްޝަން ގާނޫނު މީގެ ކުރިން ފާސްކޮށްފައި އޮތްނަމަ ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުނީސް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް ވިދާޅުވީ ގޮނޑި ގެއްލޭ ގާނޫނު އޮތްނަމަ ޕީޕީއެމްގައި ތިއްބެވީހީ 33 މެންބަރުން ކަމުގައެވެ.

އޭނާ ވިދާޅުވީ، ހަގީގަތް އޮތް ގޮތް ފެންނާނީ ދެކޮޅަށް ވެސް ވާހަކަ ދައްކައިގެން ކަމަށާ ޕިޕީއެމް އަށް މަޖިލީހުގެ މެޖޯރިޓީ ލިބުނީ އެ ބިލު ނެތުމުން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ސަލީމް ވަނީ ގާނޫނުގައިވާ ކަންކަމާމެދު ވެސް ކަނބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކުގެ ލީޑަރުންނަށާއި އިލެކްޝަން ކޮމިޝަނަށް އޮތުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

“އިލެކްޝަންސް ކޮމިޝަނަށް ކޮން ބާރެއްތޯ އޮންނަންވީ އަޅުގަނޑުމެންނާ ބެހޭ ގޮތުން ވާހަކަ ދައްކަން؟ އެއްވެސް ބާރެއް ނޯންނާނެ،” ސަލީމް ވިދާޅުވި އެވެ.

މިހާރު އެންޓި ޑިފެކްޝަން ބިލް އޮތް ގޮތުން ގޮނޑި ގެއްލޭނީ ވަކި ޕާޓީއަކުން އިންތިހާބުވުމަށްފަހު އެ ޕާޓީއަކުން އެ މެންބަރަކު ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅޭ ހާލަތްތަކުގަ އެކަންޏެވެ. މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވާ މެންބަރަކު ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ އެވެ. ނަމަވެސް އެ ޕާޓީއަކުން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭނެ ކަމަށް ބިލްގައިވެ އެވެ.

ސަލީމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަކީ ތަސައްވަރު ފުދޭ، އަމިއްލަ އެދުން އިސް ނުކޮށް، މުޅި ގައުމުގެ މަސްލަހަތަށް ވިސްނައިގެން ކަންކަން ކުރަން ޖެހޭ ބޭފުޅުން ކަމަށްވެސް ވިދާޅުވެފައެވެ.

“އެއްވެސް ސަރުކާރެއް ވައްޓާލުމަކީ ބަޔަކު ގަބޫލުކުރާ ކަމެއް ނޫން . އެކަމަކު ރައީސަކު، ގޯސްކޮށް ކަމެއް ކޮށްފި ނަމަ، އެމަނިކުފާނު މަޖިލީހުން ވަކިކުރެވޭނެ ގޮތް އެބަ އޮތް. ” ސަލީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top