ރުގިއްޔާ އަލީ : ލާމަސީލު މިސާލެއް

DSCN1837.jpg

“ފަގީރު ކަމަކީ އިންސާނާ އަމިއްލައަށް އުފައްދާ ކަމެކެވެ. އޭގެ ޒާތުގައި އުފެދޭ ކަމެއް ނޫނެވެ. “ދުނިޔެ ދުށް އެންމެ ވަރުގަދަ ޝަޚްސިއްޔަތުންގެ ތެރޭގައި ހިމެނޭ ސައުތު އެފްރިކާގެ ބާނީ ނެލްސަން މަންޑޭލާ ވިދާޅުވެފައިވެއެވެ.

މި ހަގީގަތާ ގުޅުވާލެވެން އެންމެ ކައިރިން ފެންނަންހުރީ އޭދަފުށީގެ އަންހެނެކެވެ. އެކަނިމާއެކަނި އުމުރުން އެންމެ 14 އަހަރުގައި ހުސްއަތާ ދިރިއުޅުމަށް ނުކުތް އޭދަފުށީ އަސަރީގޭ ރުގިއްޔާ އަލީގެ މުޅި ހަޔާތަށް ބަލާލާއިރުވެސް ކިޔައިދެނީ މި ހަގީގަތެވެ.

މަސްވެރި ކެޔޮޅުން ތަކެއްގެ ބޮޑު އާއިލާއަކަށް އުފަންވި ދެ އަންހެނުންގެ ތެރެއިން އެކަކު ކަމުގައިވާ  ރުގިއްޔާ އަލީގެ ތައާރަފެއް އެންމެ ކުރުކޮށް ދޭނަމަ ބުނެވޭނީ އެއީ ބަސްމަދު އަމަލު ގިނަ ރިވެތި އަޚްލާގެއްގެ ވެރި ވަރަށް މުރާލި އަންހެނެއް ކަމުގައެވެ. ދަރިންނާއި ދަނބި ދަރިން ތަފާތު ކުރުމެއްނެތި އެމީހުން ދެކެ ނިހާޔަތަށް ލޯބިވާ މަންމައެކެވެ. ޝަރަފްވެރިކަމުގެ އިނާމަކާއި މަގާމެއް ދޭނަމަ ހައްގު ކަން އެންމެ ބޮޑީ އޭދަފުށީގެ މަޝްހޫރު ފަސްމުގޫ ގްރޫޕްގެ ބާނީ ކަމުގެ ޝަރަފްވެރިކަމުގެ އިނާމެވެ.

އުމުރުން މިހާރު 81 އަހަރު ވިޔަސް އަދިވެސް ރުގިއްޔާ ފެންނަނީ އެންމެ ޒުވާން އިރުވެސް ފެނުނު އުފާވެރި މޫނާ އެކުގައެވެ. އެހިނިތުން ވުމަށް ބަދަލެއް ނާދެއެވެ. ބަދަލެއް އައިނަމަ އައީ އަބަދުވެސް ރީތި ވަރަށް ރީތިކޮށް ނަލަ ހެދިލައިގެން އިންނަ އިނުމަށެވެ. އެހެންވާނެތާއެވެ. އޭނާ މިހާރު އެއިނީ ދިރިއުޅުމުގެ ބުރަ ހުރިހާ ދުވަހެއްގެ ފޮނި އަދި ހިތި ހަނދާންތަކާއެކު ދަރިންނާއި ދަނބިދަރިންނަށް ބަދިގެއާއި ބަނޑަހަގޭގެ ތަޅުދަނޑިފަތި ހަވާލުކޮށްގެންނެވެ. ވިސްނަންޖެހޭ އިތުރު އެއްވެސް ކަމެއް ނެތެވެ.

ހަވީރުކޮޅު ހޭދަކުރަނީ އޭދަފުށީގެ ބޮޑުމަގުގައި ހުންނަ އަމިއްލަ ގޭގެ ކުރިމަތީގައި އިންނަވައިގެން ވަށައިގެން ހިނގާ ކަންތަކާއި މަންޒަރު ބެލުމުގައެވެ. އޭނާގެ އެންމެ ޒުވާން އުމުރުން ފެށިގެން އަރާމެއްނެތި ކަނޑިކިން ދެ ދަރު ލިބާހުން އެއް ދަރު ބަދެގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އާއެކު މިއަދު އޭނާގެ ހިމޭން ދުނިޔެ ފެންނަނީ ކޮންމެ ވަގުތެއްގައިވެސް ‘ގޮވާލާފާނެ’ ކަމުގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިން ދަތުރުވެރިއެއްގެ ގޮތުގައެވެ.

މި މަންޒަރުން ، އޭނާ ދަންނަ ކޮންމެ މީހަކަށްވެސް ލައްކަ ވާހަކަ ކިޔައިދޭނެއެވެ. އޮއްސެމުންދާ އިރުގެ ރަން ދޯދިތަކާއެކު ދުނިޔެއަށް އަނދިރިކަން ވެރިވަމުން ދުވަހެއް ނިމެމުންދާ މަންޒަރު ބެލުމުގެ ޝައުގުގައި އިންނައިރު ، އޭނާގެވެސް އޮއްސެމުން ނިމެމުންދާ ހަޔާތުގެ ވާހަކަތަކާ އެކު ސިފަވަނީ ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެކަމުގެ ޔަގީން ކަމެވެ.

ރުގިއްޔާ ދުނިޔެއިން ވަކިވެގެން ހިނގައިދާނެއެވެ. އެއީ ދުނިޔޭގެ ސުންނަތެވެ. އެކަން ހިނގަމުން އަންނަ ގޮތެވެ. އެހެންނަމަވެސް އޭނާގެ ތާރީޚް ކިޔައިދޭނެ އެންމެ އިބްރަތްތެރި ރީތި ވާހަކައަކަށް ވާނީ ސުމަކުން ފެށި ދިރިއުޅުން މަލްޓިމިލިޔަން ރުފިޔާގެ ވިޔަފާރިއަކަށް ބަދަލު ކޮށްލި މާސްޓަރ މައިންޑްގެ ގޮތުގައި ދުނިޔެ ދުށް ވަރުގަދަ އަންހެނެއްގެ ގޮތުގައެވެ.

ހިތްވަރާ ކެރުމާ ކެތްތެރިކަމާ ވަރުގަދަ އީމާންތެރިކަމަކާއެކު ދިރިއުޅުމުގެ އެންމެ ތާޒާ ދުވަސްތަކުން ފެށިގެން ދަރިން ބޮޑެތިވުމާ ހަމައަށް ގޯތީގެ ހަތަރު ފާރުން ބޭރުނުވެ 24 ގަޑިއިރު ކުރި މަސައްކަތާ އޭގެ ނަތީޖާ ކިޔާލަމާ ހިނގާށެވެ.

ދުނިޔެ އުޅުމަކީ ކޯއްޗެއްކަން ދެނެގަނެވޭ އުމުރަށް ދިއުމުގެ ކުރިން ކައިވެންޏާ ހަމައަށް ދިއުމަކީ ނަސީބުކަމެއް ނުވަތަ ބަދު ނަސީބުކަމެއް އޭރަކު ރުގިއްޔާއަކަށް ނޭގެއެވެ. އެނގޭ ކަމަކީ މަދަރުސާ ގައި އުޅެނިކޮށް އުމުރުން 14 އަހަރުގައި ކައިވެންޏާ ކުރިމަތިލާން ޖެހުނު ކަމެވެ. ފިރިމީހާ އަކީ ރަށުން ބޭރު މީހެކެވެ. އެ އާއިލާގެ އެހީތެރިކަން ނުލިބުނަސް ފިރިމީހާ ހުރީ ޖާނުން ފިދާ ވާން ތައްޔާރުގައެވެ. އެހެންވީމާ ވިސްނާނެ މާބޮޑު ކަންތައްތަކެއް ނޯވެއެވެ.

އެންމެ ބޮޑު އުފަލަކީ ފިރިމީހާ ޅަހުއްތު (ބޮއް ޅަހުއްތު ) އަކީ އޭދަފުށީ ޔޫސުފް ކަލޭފާނުގެ ޚާއްސަ މެހްމާނަކަށް ވުމެވެ. އޭގެ އިތުރުން އޭދަފުށީ ރޯޝަނީގޭ ބަޑޭރިއެވެ. ޔޫސުފް ކަލޭފާނަކީ ބ.އަތޮޅު އަތޮޅު ވެރިޔާއެވެ. އޭދަފުށީގެ އެންމެ ގަދަރުވެރި އެންމެ މުއްސަނދި މީހާވެސް މެއެވެ. ޅަހުއްތު އަށް އިތުބާރު ކުރައްވައިގެން ހަމައެކަނި ބަޑޭރިއެއްގެ މަގާމުގައި ބެހެއްޓީއެއް ނޫނެވެ. އޭދަފުށިން ގޯއްޗެއް ދީގެން އޭދަފުށީ ރައްޔިތަކަސްވެސް ހެއްދެވީއެވެ. ޅަހުއްތު އޭދަފުއްޓަށް އައީ އަރުވާލި މީހެއްގެ ގޮތުގައި ނަމަވެސް ނިޔާވުމާ ހަމައަށްވެސް ދިރިއުޅުއްވީ އޭދަފުށީގައެވެ.

“މިހާރު ފެންނަން މިހިރަ ދޭލިޔާގެއިން އިރަށް ބާ އިންޖީނުގޭގެ އިރުމަތީ ކަނާ ހަމައަށް ފުރަތަމަ އެންގީ ސާފުކުރަން. މަންމައާ ދެމީހުން ވެގެން އެތަން ސާފުކުރުމަށް ގިނަ ދުވަސްތަކެއް ނެގި. ވަރަށް ބައިވަރު ކުނި އޮތް ތަނެއް އެއީ. އެހެންވެ ގިނަ ދުވަސްތަކެއް ނެގީ. ސާފުކޮށް ނިމުމާއެކު އެގޯތި ދެއްވައިފި.” ރުގިއްޔާ ކިޔައިދިނެވެ.

އެ ގޯތީގައި މެއްލަ ޖަހައިގެން ފަނުން ގެއަޅައިގެން އެގެއަށް ބަދަލުވީ މަންމަ އާވެސް އެކުގައެވެ.

އޭނާ ބުނީ މިހާރު އެހެރަ ބާ އިންޖީނުގެއަކީވެސް އޭރު އަސަރީގޭގެ ބައެއްކަމާ ނަމަވެސް ޅަހުއްތުގެ އެދުމަށް އެތަން އެހެން އާއިލާއެއް ދިރިއުޅުމަށް ދިނީ ކަމަށެވެ.

އާ ގެއަށް ބަދަލު ވުމާއެކު ދިރިއުޅުމުގެ ހަގީގި ދަތުރު ފެށުނީއެވެ. އެންމެ ފުރަތަމަ ދޮވެ އިސްތިރި ކުރުމެވެ. ޅަހުއްތު ދޮންނަނީއެވެ. ރުގިއްޔާ އިސްތިރި ކުރަނީއެވެ. އޭދަފުއްޓަކީ އަތޮޅު އޮފީހާއި އަތޮޅު ކޯޓުވެސް ހުރި ރަށް ކަމަށް ވެފައި ރަށުން ބޭރު މީހުން ވަޒީފާގައި އުޅޭތީވެ އެމީހުންގެ އަންނައުނު ދޮވުމަކީ ރަނގަޅު އާމްދަނީއެއް ލިބުނު ކަމެކެވެ. ”ގޮއިފުޅަފެހެންދު“އަށް އަރުވާލަން ގެންނަ މީހުން ފުރަތަމަ ގެންނަނީ އޭދަފުއްޓަށް ކަމަށް ވާތީ އެ އެންމެންނަށް ކެއްކުމާ ކާންދިނުމުގެ މަސައްކަތްވެސް ކުރަމުން ދިޔައެވެ. (އޭރު ރާއްޖޭގައި މީހުން އަރުވާލަނީ އާއްމުކޮށް ގޮއިފުޅަފެހެންދުއަށެވެ. )

“ދަތުރަކު 40 މީހުން ، 30 މީހުންވެސް ގެނޭ. އެހުރިހާ އެންމެން ގޮއިދުއަށް ގެންދަންދެން އެމީހުންނަށް ކާންދިނުމާއި ބޭސް ފަރުވާއާ ދިވެހި ބޭސް ކުރާ މީހުންނަށް ބޭސް ފުނޑައިދިނުމާ ފެން ހޫނުކޮށްދީ ހަދައިދެން. ހަމަ މި ދެއަތުން ހުރިހާ ކަމެއް ވެސް ކުރީ. އަދި އަތޮޅު ތެރެއިން އޭދަފުއްޓަށް ކިޔަވަން އައިސްތިބޭ ކުދިންވެސް ގޭގައި ބައިތިއްބަން.” އާމްދަނީ އިތުރުކުރަން ކުރިމަސައްކަތްތަކާ ބެހޭ ތަފްސީލަށް ދަމުންރުގިއްޔާ ބުންޏެވެ.

މި ހުރިހާ މަސައްކަތާއެކު އޭދަފުށީ ރައްޔިތުންގެ ފިހާރަ، ރޯޝަނީ ސްޓޯރަށް ފައިސާގެ ބަދަލުގައި އޭރު ގަންނަ ހުރިހާ މަހެއް ހިއްކާ އެމަސްތައް މާލެ ފޮނުވަން ގޯންޏަށް އެޅުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރަމުން ގެންދިޔައީ ރުގިއްޔާ އެވެ.

ދުވާލަކު ގެންނަނީ ކިހާ އަދަދެއްގެ މަހެއް ކަން ރުގިއްޔާ މިނެދިނީ މިގޮތަށެވެ. ” އޭރު ހުންނާނެ ތެޔޮ ފެލަން ގެންގުޅޭ ނިކަން ބޮޑެތި ތަގަރި. އޭގެ ދެ ތަގަރި ދެފަހަރު ކޮންމެ ދުވަހަކުވެސް ގެންނާނެ. އެހެންވީމާ މަސް ހުންނާނެތާ ! އެއީ އަތޮޅު އެންމެން ކިރާ މަސް ވިއްޔަ! ” ރުގިއްޔާ ހިނިތުންވެލަމުން ބުންޏެވެ.

މިހުރިހާ މަސައްކަތެއް ކުރަމުން ދިޔައިރު އޭނާގެ ދީލަތިކަމުގެ އަތް ވެސް އޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައެވެ. އެވާހަކައިގެ ތަފްސީލަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަމަކު އެންމެން ދަންނަ އެއް ކަމެއް ފާހަގަ ވިއެވެ.

“ކޮންމެ ދުވަހަކުވެސް ނުވަގަޑިސަޔާ ހަވީރު ސައި ހަފާދަ ހުންނާނެ ގޭގެ ފެންޑާގައި. އާއްމުކޮށް އޭދަފުށީގައި ވަޒީފާ އަދާކުރާ ރަށުން ބޭރު މީހުންނަށް. ޅަހުއްތަކީ އަތޮޅު އޮފީހުގައި ވަޒީފާ އަދާކުރާ މީހަކަށް ވާތީ އެ ދެ ގަޑީގައިވެސް އެ އެންމެންނަށް ހަމަ ކޮންމެ ދުވަހަކުވެސް ސައި ހަދަން.  ހަމަ ހިލޭ ސާބަހަށް ” ޅަހުއްތުގެ ދީލަތިކަމުގެ ވާހަކަ ދައްކަމުން އޭނާގެ ހަނދާންތައް ރުގިއްޔާ އާކުރިއެވެ.

ދިރިއުޅުމުގެ ދަތުރަށް މިހިސާބުން ކުއްލި ލޮޅުމެއް އަރަން މެދުވެރި ކުރުވީ ޅަހުއްތު، ބައްޕައެއްގެ މަގާމު ދީފައިވާ އޭދަފުށީ ޔޫސުފް ކަލޭފާނު ނިޔާވުމެވެ. އެއީ ޅަހުއްތުއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމާއި ވަރަށް ބޮޑު ގެއްލުމެއް ކަމަށް ފުރަތަމަ ގަބޫލު ކުރީ ޔޫސުފްކަލޭފާނުގެ ދޮށީ ދަރިކަލުން ޑރ. އަބްދުއްސައްތާރު ޔޫސުފެވެ. އޭނާ ޅަހުއްތުއަށް މަސްދޯންޏެއް ގަނެދެއްވައި އޭނާގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިވެދެއްވިއެވެ.

3000 ރުފިޔާއަށް ކެންދޫން ގަތް ބާ ދޯންޏެއް ދުއްވުން ރުގިއްޔާއަށް ވީ ފަސޭހަ ކަމަކަށެވެ. އޭނާގެ މުޅި އާއިލާގައި ތިބީ އޭދަފުށީގައި އެންމެ ނަގާކިޔާ ކެޔޮޅުންނެވެ.

އާ ބާބެއް ފެށުނީއެވެ. ކުރިން ކުރަމުން އައި މަސައްކަތުގެ ލިސްޓަށް މަސްދޯނިފަހަރު ދުއްވުން އިތުރުވީއެވެ. އެދޯނިން ލިބުނު ނަފާއިން ގިނަދުވަހެއް ނުވެ ދެވަނަ ދޯންޏެއް އުފައްދައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާން ފެށިއެވެ. ބ.އަތޮޅުގެ މަސްވެރިކަމަށް ތޫނު ދޯނި ފަހަރުގެ ލިސްޓަށް އިތުރުވެގެން ދިޔަ އޭދަފުށީ ރުގިއްޔާ އަލީގެ ’ފެނޭތަ ދޯންޏަކީ އޭރު މާލޭ ރޭޑިއޯއިން ފުރާ ދުއްވާ ތަކެތީގެ ހަރަކާތުން ވެސް އިވޭ މަޝްހޫރު ނަމެކެވެ.

ފަހަރަކު ފިޔަވަޅެއް އަޅަމުން ދިރިއުޅުން ދިޔައީ ކުރިއަށެވެ. އެއީ އޭނާގެ ހިތްވަރެވެ. ފިރިމީހާއާއެކު ކޮންމެ ކަމެއްގައިވެސް މަޝްވަރާކޮށް ދެމީހުންނަށް އެއްބަސްވެވޭ ގޮތަށް ކުރިއަށް ދިއުމުގެ ނަތީޖާ އެވެ. އެއީ ރުގިއްޔާ ގަބޫލު ކުރާ ގޮތެވެ.

“އެއްވެސް ކަމެއް އޭނާ ނުކުރާނެ އަހަރެންގެ މަޝްވަރާ އާނުލާ. އަހަރެން އާނ ބަސް ބުނީމާ އެކަމެއް ކުރާނީ. “ފިރިމީހާގެ އެންމެ ރަނގަޅު ކަމަކީ އެއީކަން ފާހަގަ ކުރަމުން ރުގިއްޔާ ބުނެލިއެވެ.

ގޭތެރޭގެ ކާރޫބާރޫ ބޮޑުވެގެން ދިޔަ މިދުވަސްވަރު އަނެއްކާ ނައިފަރުން ދެ ބަކަރި ގެނެސް އޭދަފުށީގައި ބަކަރި އާލާކޮށް މިމަސައްކަތް ވެސް ކާމިޔާބު ކަމާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުރިއެވެ.

ރުގިއްޔާގެ ކާމިޔާބު ދިރިއުޅުމުގައި ދިމާވި އެންމެ ބޮޑު ޝޮކަކީ ފިރިމީހާ، ޅަހުއްތު މިދުނިޔެއާ ވަކިވެ ދިއުމެވެ. 12 ދަރިންނާ އެކު އޭނާ ދޫކޮށްލާފައި އާޚިރަތަށް ދަތުރު ކުރެއްވުމީ ލިބުނު ފުން ހިތާމައެކެވެ. އެކަމަކު އެކަމުގައިވެސް ލިބިގެން ދިޔައީ އިބްރަތްތެރި ފިލާވަޅެކެވެ. އެއްދޮރު ބަންދުވާއިރަށް އަނެއް ދޮރު ހުޅުވޭނެއޭ ބުނާ ބަހުގެ ތެދު ކަމާއެވެ. ޅަހުއްތު ނިޔާވި ދުވަހަކީ މިހާރު އޭނާގެ ގޭގައި ޝޮޕިންގމޯލް އެއްގެ ގޮތުގައި ފެންނަން މިހިރަ ފަސްމުގޫ ފިހާރަ އުފެދުނު ދުވަހެވެ.

ޅަހުއްތު ނިޔާވިތާ މިހާރު 25 އަހަރުވެގެން ދިޔައިރު އަދިވެސް ރުގިއްޔާގެ ހިތުގެ ކޮންމެވެސް ކޮމްޕާޓްމަންޓެއްގައި އެހަނދާންތައް އެބައޮތެވެ. އެހެންނަމަވެސް ފިރިމީހާ ވަކިވެދިއުމަކީ މަސްއޫލިއްޔަތު އަދާކުރުމަށް ފަސްޖެހެންވީ އުޒުރެއް ކަމަށް ނުދެކޭތީ އެހިސާބުންވެސް އޭނާ ފަހަތަކަށް ނުޖެހެއެވެ. ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް ޝަހީމް ހުރީ މާކުރިންވެސް މިކަމަށް ޓްރޭން ވެފައެވެ. ފިރިމީހާ އަދާކުރަމުން ދިޔަ މަގާމަށް ނުވަތަ އާއިލާ ހިންގުމަށް ދެން އައީ ދޮށީ ދަރިފުޅު އިބްރާހީމް ޝަހީމެވެ.

އިބްރާހީމް އާއި ހަވާލުވީއިރު އާއިލާ އޮތީ ކިހާ ހިސާބެއްގައި ކަމާ މިޙާރު އޮތް ހިސާބު  އޭނާ ސާފުކޮށްދިނެވެ.

“ބައްޕަ ނިޔާވިއިރު ހުރީ ތިން ދޯނި. މިއަދާ ހަމައަށް އައިއިރު 14 ދޯނި ބަނދެ 2 ދޯނި ގަނެ ޖުމްލަ 16 ދޯނި އުފެއްދިއްޖެ.” އިބްރާހީމް ޝަހީމް ބުންޏެވެ.

ރުގިއްޔާގެ 14 ދޯނި ބަނދެ ނިންމާލިއިރު އެހުރިހާ ދޯނި ބަނުމަށް ބޭނުންވާ ހަމައެކަނި ދެލި ފުނޑުމަށް ބަލާލި ނަމަވެސް އެހުރިހާ ދެއްޔެއް ފުނޑީ ރުގިއްޔާއެވެ. އެކަމަކު ދަރިން ބޮޑެތިވުމުން ވަޑިންނަށް ކެއްކުން ފަދަ ކަންކަމުގައި އުޅުނީ ދަރިންނާއި އެމީހުންގެ އަނބިންނެވެ.

ރުގިއްޔާގެ ”ކަނޑިކިން އެއް ދަރު “މޮހާލި ހިސާބަކީ މިއެވެ. ދަރިން ބޮޑެތިވެ ދަރިންގެ އަނބިން އައުމުން މަސައްކަތް ލުއި ކުރުމަށް ސިއްހަތު މަޖްބޫރު ކުރީއެވެ. ދަރިންވެސް އެގޮތް ބޭނުންވީއެވެ. އެހެންވެ ބަދިގެއިން ނުކުމެ ދަރިންނާއި ދަނބި ދަރިންނަށް ތަޅުދަނޑިފަތި ހަވާލު ކުރީއެވެ.

މިއަދު ރުގިއްޔާއަކީ 12 ކުދިންގެ ފަޚްރުވެރި މަންމައެވެ. ސުމަކުން ފަށައިގެން ބިނާ ކުރި ފަސްމުގޫ އާއިލާ އަކީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މަޝްހޫރު ބްރޭންޑެކެވެ. ބ.އަތޮޅުގެ މުޅި ވިޔަފާރި ކޮންޓްރޯލް ކުރަނީ އެ ގްރޫޕެވެ. 16 ދޯނި އުފައްދައި މިހާރުވެސް 6 ދޯނި ފަސްމުގޫ ގްރޫޕުން ވިޔަފާރީގައި ރާއްޖޭގެ ކަނޑުތަކުގައި ހަރަކާތް ތެރިވަމުން އެބަދެއެވެ.

ކާމިޔާބާއެކު ހިތްހަމަޖެހިލައިގެން މިއަދު ރުގިއްޔާ އިންކަމަށްވިޔަސް އޭނާގެ ހަޔާތުގައި ޚަރީފު މޫސުމާވެސް ކުރިމަތިލާން ޖެހުނެވެ. އެގޮތުން އޭނާގެ ’ފެނޭތަ‘ މަސް ދޯނި މަސްވެރި ކަމުގައި އުޅެނިކޮށް ކަނޑަށް ބަންޑުން ޖަހާލި ދުވަސް އެއީ ހަނދާނުން އަދިވެސް ނުފިލާ އޮތް ހާދިސާ އެކެވެ. އެދުވަހު އެދޯނި އިންޖީނާއެކު ބަންޑުން ޖަހާލިއިރު ހުރިހާ ވާވެލާވެލިވެސް ނެތިވެ ދިޔައެވެ. އެހެންނަމަވެސް ﷲގެ ހެޔޮ ރަހުމަތާއެކު އެއަޑިގަނޑުން އަރައިގަތުމަށް ފިރިމީހާއާއި ދަރިފުޅު އިބްރާހީމް ޝަހީމް ކުރިމަސައްކަތުން މާގިނަ ދުވަހެއް ނުވެ ކުރީގެ ދިރިއުޅުމަށް އެނބުރި އާދެވުނެވެ.

ރުގިއްޔާ އެންމެ އުފާވަނީ އޭނާގެ މިންނެތް މަސައްކަތުން ރަނގަޅު އާއިލާ އެއް ބިނާކުރެވުނީތީ އެވެ. އޭނާގެ ގިނަ ދަރިންނާއި މާމަ ދަރިންނާއި މުނިމާމަ ދަރިންވެސް ދިރިއުޅެނީ އެންމެން އެކުގައި އެއް ގެއެއްގައެވެ. އެ ދަރިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ މިއީއެވެ.

“އެއްވެސް ކުއްޖަކު ދެކޮޅުވެރި ނުވާތި. އެއްބައެއްގެ ގޮތުގައި އުޅޭތި. އަހަރެން އެއްވެސް ދަރިއަކު ތަފާތެއް ނުކުރަން. ދަރިއަކަށް އަދަބު ދީފައެއް ނޯންނާނެ. ވަރަށް ލޯބިން ގެންގުޅުނީ. އެކަން ތިޔަ ކުދިންގެ ދިރިއުޅުމުން ވެސް ދައްކަން ޖެހޭނެ.” ދެފަހަރު ހައްޖުވެ ދެ އުމުރާގެ އަޅުކަންވެސް އަދާކޮށްފައިވާ 12 ކުދިންގެ މަންމަ، ވަރަށް އަސަރާއެކު އޭނާގެ ދަރިންނަށް ދޭ ނަސޭހަތެއްގެ ގޮތުން މި ބަސްކޮޅުގެ ބޭނުންކުރިއެވެ.

 

 

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top