ކ. ތުލުސްދޫ، ދިވެހިރާއްޖެ – 12 ސެޕްޓެމްބަރ 2026
ދިވެހި ޒުވާނުންގެ މެދުގައި މޫދާއި ކަނޑުގެ ރައްކާތެރިކަމުގެ ހުނަރުތައް އަށަގަންނުވައި، ކަނޑަށް އޮންނަ އިތުބާރު ބޮޑުކޮށް، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން އިސްނަގައިގެން ކުރިއަށްގެންދާ ”މޯލްޑިވްސް ޖޫނިއަރ ލައިފްގާޑް ޕްރޮގްރާމް“ (އެމް.ޖޭ.އެލް.ޕީ) ތުލުސްދޫގައި ރަސްމީކޮށް ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުދިން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމްގައި މޫދުގެ ރައްކާތެރިކަމާއި، މީހުން ސަލާމަތްކުރުމުގެ ހުނަރުތަކާއި، ފުރަތަމަ އެހީ އަދި ސީ.ޕީ.އާރް އާ ބެހޭ މަޢުލޫމާތާއި، ކަނޑުގެ ދިރުންތަކާއި ތިމާވެއްޓަށް އަހުލުވެރިވުމުގެ އިތުރުން، ގުޅިގެން މަސައްކަތްކުރުމާއި ލީޑަރޝިޕްގެ އަމަލީ ތަމްރީނުތައް ފޯރުކޮށްދެވޭނެއެވެ.
މިއީ އަމްފާގެ އިސްނަގައިގެން އޮސްޓްރޭލިޔާގެ ”ވޯޓަރ ޕެޓްރޯލް އޮސްޓްރޭލިއާ“ އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގެ ކޯސް ޑިރެކްޓަރ އަދި ލީޑް ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މޫދުގެ ރައްކާތެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރ ޕެރީ ހެޗެޓް އެވެ.
މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޝަރަފުވެރި މެހެމާން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ހާނިމް އެވެ. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހާނިމް ވަނީ ޒުވާނުންނަށް މޫދުގެ ރައްކާތެރިކަމާއި ފުރާނަ ސަލާމަތްކުރުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް މިފަދަ ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މަދަނީ ޖަމްޢިއްޔާތަކުން އިސްނަގައިގެން ހިންގާ މިފަދަ ބިނާކުރަނިވި ހަރަކާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
އިފްތިތާޙީ ރަސްމިއްޔާތުގެ ބައިވެރިންނަށާއި މެހެމާނުންނަށް މަރުޙަބާ ދަންނަވަމުން، އަމްފާގެ ރައީސް ޑރ. އިބްރާހީމް ޙަސަން ވަނީ މި ޕްރޮގްރާމަށް ސަރުކާރުން ދެއްވި ޚާއްޞަ އަހައްމިއްޔަތު ކަމަށާއި ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، މި މަސައްކަތް ކާމިޔާބުކަމާއެކު ފެށުމުގައި އެހީތެރިވެދިން ޕާޓްނަރުންނަށާއި، ސްޕޮންސަރުންނަށާއި އަދި ކ.ތުލުސްދޫގެ ކައުންސިލަށާއި ރަށުގެ ރާޅާއެޅުންތެރިންގެ މުޖުތަމަޢަށް އަމްފާގެ ފަރާތުން އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މި ޕްރޮގްރާމް ފެށުމުގެ މައިގަނޑު މަޤްޞަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމް.ޖޭ.އެލް.ޕީ ގެ ޕްރޮޖެކްޓް ލީޑް އާމިނަތު ޞަލާޙް ވިދާޅުވީ، ޖަޒީރާ ޤައުމެއްގެ ޒުވާނުންނަށް މޫދުގެ ރައްކާތެރިކަމުގެ ހުނަރުތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. “ދިވެހިރާއްޖެއަކީ ކަނޑާއި މޫދަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައިވާ ޤައުމެއް. އެހެންނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަނީ ކަނޑުތައް ރަނގަޅަށް ދެނެގަނެ، އަމިއްލަ ރައްކާތެރިކަން ދަމަހައްޓައި، އަދި އެހެން މީހުންނަށް އެހީތެރިވެވޭނެ ފަދަ ޢަމަލީ ހުނަރުތައް އިތުރު ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރުޞަތު އެބައޮތް ކަމަށް” އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ތުލުސްދޫ ޚިޔާރުކުރި ސަބަބު ބަޔާންކުރައްވަމުން އާމިނަތު ޞަލާޙް ވިދާޅުވީ:”މި ޕްރޮގްރާމް ފެށުމަށް ތުލުސްދޫ ވެގެންދިޔައީ ވަރަށް އެކަށޭނަ ތަނަކަށް. އެއީ އެ ރަށަކީ ރާޅާއެޅުމުގެ ވަރުގަދަ މާޙައުލެއް އޮތް، ކަނޑާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށަކަށް ވާތީ. އަޅުގަނޑުމެންގެ އުއްމީދަކީ މި ފަށާ ދެ ޕައިލެޓް ޕްރޮގްރާމަށްވުރެ ފުޅާވެ، މުޅި ރާއްޖޭގެ އެކި ރަށްރަށުގެ ޒުވާނުންނާ ހަމައަށް މި ޕްރޮގްރާމް ވާސިލުވެގެން ދިއުން.“
މޫދުގެ ރައްކާތެރިކަމަކީ ކަނޑުގެ ދިރުންތަކާއި ތިމާވެށި ދެނެގަނެ، އެ ތަންތަން ޙިމާޔަތްކުރުމާ ވެސް ގުޅިފައިވާ ކަމެއްކަން މި ޕްރޮގްރާމުން ބަލައިގަނެއެވެ. އެގޮތުން، މި ޕްރޮގްރާމްގެ މެރިން ކޮންޒަވޭޝަން ޕާޓްނަރ ކަމަށްވާ “ރީފްސްކޭޕަރސް” އިން، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ރަށްރަށުގެ ވަށައިގެންވާ ނާޒުކު ފަރުތަކުގެ ނިޒާމު ޙިމާޔަތްކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދޭނެއެވެ.
ސެޕްޓެމްބަރ 12 އިން 14 އަށް ތުލުސްދޫގައި ކުރިއަށްދާ ޕްރޮގްރާމަށްފަހު، މި އަހަރުގެ ޕައިލެޓް ޕްރޮގްރާމްގެ ދެވަނަ މަރުޙަލާ ކުރިއަށްދާނީ ސެޕްޓެމްބަރ 16 އިން 18 އަށް ފުވައްމުލަކުގައެވެ.
މި ޕްރޮގްރާމްގެ ދިގު މުއްދަތުގެ ތަޞައްވުރަކީ އެހެން ރަށްރަށަށްވެސް ތަޢާރަފުކުރެވޭނެ ފަދަ ދެމެހެއްޓެނިވި އޮނިގަނޑެއް އެކުލަވާލައި، އަމިއްލަ މުޖުތަމަޢުގައި މޫދުގެ ރައްކާތެރިކަމުގެ މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދެވޭނެ ފަދަ ލޯކަލް ޓްރެއިނަރުން އުފެއްދުމެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފެށިގެން ދިޔައީ ސަރުކާރާއި، ރަށު ކައުންސިލް، މަދަނީ ޖަމްޢިއްޔާތައް، ތަމްރީނު އަދި ތިމާވެށީގެ ޕާޓްނަރުން، އަދި ރާއްޖޭގެ ދީލަތި ސްޕޮންސަރުންނާއި އެހީތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުންނެވެ.
”މިއީ ހަމައެކަނި ފެށުމެއް“ ޞަލާޙް އިތުރަށް ވިދާޅުވިއެވެ.
”މި ޕްރޮގްރާމް ނިމިގެންދާއިރު، މި ކުދިންނަކީ މޫދަށް އިތުރަށް އަހުލުވެރިވެ އިތުބާރު ބޮޑުވެފައިވާ، ވަށައިގެންވާ އެހެން މީހުންނާ މެދު ވިސްނާ، އަދި ތިމާވެށި ރައްކާތެރިކުރުމަށް އިސްނަގާ ކުދިންތަކަކަށް ވެއްޖެނަމަ، އަޅުގަނޑުމެންނަށް މި ޙާޞިލުކުރެވުނީ އަގުހުރި ކާމިޔާބީއެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ރާއްޖޭގައި މޫދާއި ކަނޑުގެ ރައްކާތެރިކަމަށް އިސްނަގާ އައު ޖީލެއްގެ ފެށުން ކަމުގައި ވެގެންދިއުން.“ޞަލާޙް ވިދާޅުވިއެވެ.







