ކީރިތި ޣުރްއާނާއެި ރަސޫލާގެ ސުންނަތަކީ ޝަހާދަތުގެ ދެކަލިމަ ފަދައިން ވަކިނުކުރެވޭނެ ދެ މަސްދަރު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ އިސްލާމްދީނުގެ ދެވަނަ މަޞްދަރު ކަމުގައިވާ ރަސޫލާ ﷺ ގެ ސުންނަތުގެ މައްޗަށެވެ.
ޚުޠުބާގައި ބުނި ގޮތުގައި، އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތެވެ. އަދި މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ނުލިބޭނެކަން ވަނީ ފާހަގަކޮށްފައެވެ. ރަސޫލާގެ ޙަދީޘްފުޅެއް ޚުޠުބާގައި ގެނެސްދީފައިވެއެވެ.
“ތިމަންކަލޭގެފާނު މި ވަޑައިގަންނަވަނީ ތިޔަބައިމީހުންގެތެރެއަށް ދެ އެއްޗެއް ދޫކުރައްވައިފައެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން މަގު ފުރެދިގެންނެއް ނުދާނެއެވެ. އެއީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުއްނަތެވެ.”
މީގެ އިތުރުން، ކީރިތި ﷲ އަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާއަށް ކިޔަމަންވުމަށް ޤުރްއާނުގެ އެތައް އާޔަތެއްގައި އަމުރުކުރައްވައިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ރަސޫލާގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ވަނީ ބަޔާންކޮށްފައެވެ.
ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ޝަރުޢީ ކަމެއް ސުންނަތުން ސާބިތުވި ނަމަވެސް ޤުރްއާނުގައި އެކަމެއް ނެތް ނަމަ އެއީ ނުކޮށް ދޫކޮށްލިއަސް ފާފަވެރިނުވާނެ ކަންކަން ކަމަށް ބައެއް މީހުން ދެކެއެވެ.
جَابِر رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. اَلْـمِقْدَامُ بْنُ مَعْدِيْ كَرِب ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. “ޚައިބަރު ހަނގުރާމައިގެ ދުވަހު ރަސޫލު ﷺ ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. ތިޔައިގެ ތެރެއިން، އެބަހީ: މި އުންމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ގާތެވެ. އެ ފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘް އިވޭ ހިނދު، ބޮޑާކަމާ އެކު ދާންމަތީ ލެނގިލައިގެން އިނދެ ބުނާނެއެވެ. އަހަރެމެންނާ ތިޔަބައިމީހުންނާ ދެމެދު މި ވަނީ اللهގެ ފޮތެވެ. ފަހެ ޙަލާލުކަމުގައި މި ފޮތުގައި އައިސްފައިވާ ކަމެއް ނަމަ ޙަލާލުކަމެއްކަމުގައި އަހަރެމެން ބަލައިގަންނަމެވެ. އަދި ޙަރާމްކަމުގައި މި ފޮތުގައި އައިސްފައިވާ ކަމެއް ޙަރާމްކަމެއްކަމުގައި އަހަރެމެން ބަލައިގަންނަމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން اللهގެ ރަސޫލާ ﷺ ޙަރާމްކުރައްވައިފައިވާ ކަންކަމަކީ، މާތް الله ޙަރާމްކުރައްވައިފައިވާ ކަންތައް ފަދަ ކަންކަމެވެ.”
ޤުރްއާނުން ފެންނާން ނެތް ޙަދީޘްތަކެއްކަމަށް ބުނެ މީހަކު ދެކޮޅުހެދުމުން، ޢިމްރާން ބިން ޙުޞައިން ދެއްވި ރައްދު ޚުޠުބާގައި ގެނެސްދީފައިވެއެވެ. ޢިމްރާން ވިދާޅުވި ގޮތުގައި، ފަސްވަގުތު ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި، ޒަކާތް ނެރެންޖެހޭ ވަކި މިންވަރުތަކާއި، ގެފުޅުވަށައިގެން ހަތް ބުރު ޠަވާފުކުރުން ފަދަ ކަންކަމަކީ ޤުރްއާނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ކަންކަމެއް ނޫނެވެ. އެ ކަންކަން އުނގެނުނީ ރަސޫލާގެ އަރިއަހުންކަން ޢިމްރާން ވަނީ ފާހަގަކުރައްވައިފައެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަސޫލާ ޙަރާމްކުރައްވައިފައިވާ ކަންކަމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންތައް ފަދަ ކަންކަމެވެ. ޚުޠުބާ ނިންމާލަމުން ގެނެސްދީފައިވަނީ، ރަސޫލާއަށް ކިޔަމަންވެއްޖެ މީހާ ސުވަރުގެ ވަންނާނެކަމަށާއި، ނުކިޔަމަންތެރިވެއްޖެ މީހާ ދެކޮޅުހަދައިފިކަމަށް ބަޔާންކުރައްވައިފައިވާ ޙަދީޘްފުޅެވެ. އެ ޙަދީޘްގައިވެއެވެ.
”ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުވީ އެއްމެން ވެސް ސުވަރުގެ ވަންނަ ހުއްޓެވެ.“






