ދެ އަހަރު ތެރޭގައި، ސަތޭކައެއްހާ ރަށުގެ ކައުންސިލް އިދާރާތައް އާ އިމާރާތްތަކަށް ބަދަލުވާނެ: ރައީސް

c4f581c9-dc16-4608-b286-2013ec9df17b-scaled.jpg

ރައީސް ކުރިއަށް ގެންދަވާ ޕޮޑްކާސްޓްގެ ތެރެއިން

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، ސަތޭކައެއްހާ ރަށުގެ ކައުންސިލް އިދާރާތައް އައު އިމާރާތްތަކަށް ބަދަލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހިފައި އޮތީ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި އެކަމުން އަރައިގަނެވި، މާލަސްތަކެއްނުވެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް އަލުން ފެށިގެން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަރައްޤީގެ ރޭހުގައި މިހާރު ކުރިއަށްދާ މުހިންމު، ގިނަ މަޝްރޫޢުތަކެއްގެ އަދާހަމަ ހިއްސާކުރައްވާފައެވެ. އެގޮތުން، އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލެއްގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރިއަށްގެންދަވާ މަޝްރޫޢުގެ މަސައްކަތްތައް ނިންމާ، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި މި އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އޮތްކަން ހާމަކުރަށްވާފައެވެ.

މީގެ އިތުރުންވެސް ކައުންސިލް އިދާރާތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިނގާކަމަށާ، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު، ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތްކަން ފާހަގަކުރަށްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކަކީވެސް އެކަމުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް އެކުލެވޭ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ރަނގަޅު ގޮތެއްގައި ކުރެވިއްޖެކަމުގައި ވަނީނަމަ، މިއީވެސް ދެކޮޅުޖެހޭނެ މަޝްރޫޢުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫއުއަކީ ކުރީ ސަރުކާރުގައި ހަމަޖެހި ފެށުނު މަޝްރޫއުއެއް ނަމަވެސް ދެ އަހަރު ފާއިތުވެދިޔައިރު އެކަށީގެންވާވަރުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ.

އަދި މާޒީ ބަލާލުމުން ފެންނަން އޮތް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް މި މަޝްރޫއުގެ މަސައްކަތް ކުރަން ހަވާލުވެގެން ދިޔައިރު, މާލެއާ ވިލިގިއްޔާ ދޭތެރޭ މިސާލަކަށް ހަމަ ގާތްގަނޑަކަށް އެއްވެސް ކަމެއް ނެތޭ ދެންނެވިދާނެ. ވަރަށް މަދު މަސައްކަތްތަކެއް ހުރީ [ކުރެވިފައި] ތަނބުތަކެއް ޖެހި އެކަހަލަ ކަންތައްތަކެއްވެސް ކުރެވިފައެއް ނެތް,” ރައީސް ވިދާޅުވި އެވެ.

”ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއުއެކޭ ވެސް ދެންނެވިދާނެ, އަމަލީ މަސައްކަތް,“

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީއެންމެ އަވަހަކަށް އެ މަޝްރޫއު ނިންމުން ކަމަށެވެ. އެކަމަށް އިންޑިއާގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާ ކަމަށާ ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއެކު ތިލަމާލެ ބްރިޖް މަޝްރޫއު ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫއުގައި މާލެއިން ގުޅީފަޅަށް އަޅާ ބްރިޖުގެ މަސައްކަތް ނިމޭ ތާރީހަކަށް މީގެ ކުރިން ދީފައި އޮތީ 31 މާޗް 2026 އެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް އެ މަސައްކަތް ނިމޭނެ ތާރީހަކަށް ދީފައި އޮތީ 30 ސެޕްޓެމްބަރ 2026 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top