ތުލުސްދޫ ބިންހިއްކަން ބ. އަތޮޅުން ވެލިނަގާތީ، ކަންބޮޑުވުން ފާޅުކޮށްފި

ބޮސްކާލިސް ކޮންނަބޯޓް ބ. އަތޮޅުން ވެލިހިފައިގެން މިއަދު ތުލުސްދޫއަށް ދަނީ / ފޮޓޯ: އަތޮޅު ކައުންސިލް

ބޮސްކާލިސް ކޮންނަބޯޓް ބ. އަތޮޅުން ވެލިހިފައިގެން މިއަދު ތުލުސްދޫއަށް ދަނީ / ފޮޓޯ: އަތޮޅު ކައުންސިލް

ނެދަލެންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލްގެ ކޮންނަބޯޓު މެދުވެރިކޮށް، ކ. އަތޮޅު ތުލުސްދޫ ބިން ހިއްކުމަށް ބޭނުންވާ ވެލި ބ. އަތޮޅުން ނަގަމުން ދާތީ ބ. އަތޮޅު ކައުންސިލާ، އީޕީއޭ ކަންބޮޑުވެއްޖެއެވެ.

ބޮސްކާލިސްގެ ކޮންނަބޯޓުން އޭދަފުށީ ކައިރި ސަރަހައްދަކުން ވެލިނަގައިގެން ތުލުސްދޫއަށް ގެންދިޔައީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް މިރޭ ވިދާޅުވީ މި އަތޮޅުގެ ކަނޑުގެ އަޑިން ގިނަ އަދަދެއްގެ ވެލި ނަގައިގެން އެހެން އަތޮޅަކަށް ގެންދިއުމަކީ އަތޮޅުގެ ރައްޔިތުން އެއްގޮތަކަށް ވެސް ރުހޭނެ ކަމެއް ނޫން ކަމަށާ އެކަމާމެދު އާންމުންގެ ޝަކުވާ އިންތިހާއަށް ލިބެމުންދާކަމަށެވެ. އަދި މި ކަމުގެ ސަބަބުން ކަނޑު އަޑީގެ ގުދުރަތީ މުއްސަނދިކަން އަދި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ބ. އަތޮޅުގެ ތިމާވެއްޓަށް ލިބިދާނެ ބޮޑު ގެއްލުމަކަށް، އަތޮޅު ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ މިމައްސަލަ މިއަދު އީޕީއޭއާ، އެންވަޔަރުމެންޓަށް ހުށައަޅާފައިވާ ކަމަށާ، އެކަންކަމާމެދު މިދެމުއްސަސާއިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށެވެ.

މިމައްސަލައިގައި އީޕިއޭއިންވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އީޕީއޭއިން މައުލޫމާތުދޭގޮތުގައި އޭދަފުށި ހިއްކުން ފިޔަވައި އެހެންބޭނުމަކަށް ބ. އަތޮޅުން ވެލިނެގުމަށް ހުއްދަދީފައެއްނުވެއެވެ. އަދި މިމައްސަލަ ވަރަށްގާތުން ބަލަމުންދާކަމަށްވެސް އެއިދާރާއިން ބުނެއެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން ވެސް ބުނީ ތުލުސްދޫގެ ބިން ހިއްކުމަށް ބ. އަތޮޅުން ވެލި ނެގުމަށް އެއްވެސް ހުއްދައެއް އެ މިނިސްޓްރީން ނުދޭ ކަމަށެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ އޭދަފުށީ ބިން ހިއްކިއިރު ވެސް ގިނަ އަދަދެއްގެ ވެލި ނެގުމުގެ ސަބަބުން، ފަރުތައް ކިލަނބުވެ، އަތޮޅުގެ ބައެއް ރިސޯޓްތަކުން އެކަމުގެ ޝަކުވާ ކޮށްފައިވާ ކަމަށެވެ.

ޔުނެސްކޯ ބަޔޮސްފިއާ ރިޒާވުގެ ދަށުން ހިމާޔަތް ކޮށްފައިވާ ބ. އަތޮޅުގެ ކަނޑުގެ ދިރުމަށް ނުރައްކަލެއް ކުރިމަތި ވެދާނެ އެއްވެސް ކަމެއް ކުރުމަކީ ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

ދާދިފަހުން ބިންހިއްކި އޭދަފުއްޓަށް ވެލިނެގި ސަރަހައްދުން އޭދަފުށިން 26 ހެކްޓަރު ހިއްކާފައިވާއިރު، މީގެދެދުވަސްކުރިން ބިންހިއްކަންފެށި ތުލުސްދޫއިން 33 ހެކްޓަރު ހިއްކުމަށް އެގްރީމެންޓްކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top