މަސްތުވާތަކެއްޗާއެކު ބ. މާޅޮހުން ދަރަވަންދޫ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫ / މެޑޯޒް، މުޙައްމަދު ނިސާތު (41އ) އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މާޅޮހުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާޅޮހު ފުލުހުން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
މި މަހު 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ ރަށު މަގުމަތިން އޭނާ ހުއްޓުވަން އުޅުމުން އަތުގައި އޮތް އެއްޗެއް އެއްލައިލުމުން އެ ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






