ޑރ. ޣަަފޫރުގެ ކޮލަމް: ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުއާއެއް

278563219_10160218133930452_8771494791043994862_n.jpg
މިދުއާއަކީ އޭގެ ސިޔާގާ (ކޮންޓެކްސްޓާ) ނުލައި ވަކިން ވެސް، އޭގެ މާނަ ދެނެގަނެވިދާނޭ ދުއާއެކެވެ. ނަމަވެސް، މި ދުއާގެ މާނަ، މި ދުއާ ވާރިދުވެގެންވީ ސޫރަތް ކަމުގައިވާ ބަޤަރާ ސޫރަތާ ގުޅުވާލުމުން މި ދުއާގެ މާނަ އިތުރަށް ފަހުމުވާން މެދުވެރި ވެއެވެ. 
ބަޤަރާ ސޫރަތުގެ މާނަ ކިޔައި، އޭގެ މައްޗަށް ވިސްނާ މީހުންނަށް އެނގޭނޭ ފަދައިން، ބަޤަރާ ސޫރަތުގެ މައިނގަނޑު މައުޟޫއަކީ ހިދާޔަތުގެ މައުޟޫއެވެ. އިލާހީ ތެދުމަގުގެ ވާހަކަތަކެވެ. އިލާހީ ތެދުމަގު ގަބޫލުކޮށްގެން ތިބި މީހުންގެ ސިފަތަކަކީ ކޮބައި ކަމާއި، އިލާހީ ތެދުމަގުގެ ވާހަކައަކީ އިންސާނާ ދުނިޔޭގައި ލެއްވީއްސުރެން އޮތް ވާހަކައެއްކަން އެ ސޫރަތުގެ ފުރަތަމަ ކޮޅުގައި ބަޔާން ކުރެވިފައި ވެއެވެ. އެއަށް ފަހު، އިލާހީ ތެދުމަގު ދެވުނު ބައެއް ކަމުގައިވާ ބަނީ އިސްރާއީލު މީހުންގެ ވާހަކަ ގެނެސްދެވިފައި ވެއެވެ. އެމީހުންގެ ތާރީޚުން ފިލާވަޅު ލިބިގަތުމަށްޓަކައެވެ. ހިތްތިތރި ކަމާއެކު، އިލާހީ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ހަނދާންކޮށް ދިނުމުގެ ގޮތުންނެވެ. އަދި، އިލާހީ ތެދުމަގުންއެމީހުންގެ ފައިތިލަ ކައްސާލައިގެން ދިޔަ ގޮތަށް. މުސްލިމުންގެ ވެސް ފައިތިލަ ކައްސާލައިގެން ނިޔުމަށްޓަކައެވެ. މިއަށްފަހު، ދީނީ އަދި މުޖުތަމައީ ހިލާހީ ހިދާޔަތުގެ ހިއްސީ ބައެއް ވާހަކަތައް ބަޤަރާ ސޫރަތުގައި ގެނެސް ދެވިފައި ވެއެވެ. އިލާހީ ހިދާޔަތުގެ މި ވާހަކަތައް ގެނެސް ދިނުމަށް ފަހު، ބަޤަރާ ސޫރަތް ނިންމާލެވިފައިވަނީ މި ދުއާއިންނެވެ. އާދެ، މި ދުއާގައި މާތްﷲގެ ހަޟުރަތުގައި މުއުމިނާ ދަންނަވަނީ އިލާހީ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށް ދެމި ތިބުމުގެ ތައުފީގު ދެއްވުމަށެވެ. އެގޮތުގައި ދެމި ތިބުމުގެ ހެޔޮ ގޮތް މެދުވެރި ކޮށް ދެއްވުމަށެވެ. އެ ގޮތުގައި ދެމި ތިބުމުގެ ގޮތް ފަސޭހަކޮށް ދެއްވައި، އެކަމަށް ބޭނުންވާ ހަކަތައާއި ބާރު ދެއްވުމަށެވެ. އާދެ، ދެން ދުއާއާއި ތަރުޖަމާ ހުށަހަޅާލަމެވެ.
*****
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ.
އޭ އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެން ހަނދާންނެތިގެން ނުވަތަ އޮޅިގެން، (އަޅަމެންނަށް ކުރެވޭ ކުށްތަކަށް،) އަޅަމެން ހިއްޕަވައި، (އަޅަމެންނަށް އެކަމުގެ އުގޫބާތް) ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވި ފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް (ވެސް) އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް (ކުރަންޖެހޭ ކަމެއް ނުކުރެވިއްޖެ ނަމަ، އެކަން އަޅަމެނަށް) އަފޫ ކުރައްވާނދޭވެ! އަދި، (އަޅަމެން ކޮށްގެން ނުވާނޭ ކަމެއް އަޅަމެނަށް ކުރެވިއްޖެ ނަމަ، އެކަމުން ލިބިގަތް ފާފަ) އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، (ހައްގު އެނގި، އެކަން އިންކާރުކޮށް އެކަމަށް) ކާފިރު ވެގެންވާ މީސްތަކުންގެ މައްޗަށް އަޅަމެންނަށް ކާމިޔާބު ދެއްވާނދޭވެ!

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top