ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފިއެވެ.
އެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ މި އަހަރުގެ މެއި މަހުއެވެ.
މިކަމާ ބެހޭ ގޮތުން އައިލެންޑް އޭވިއޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ރޭގަނޑު 23:59 ކަމަށެވެ.
ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ ޕްރޮޖެކްޓެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓްތައް ހިންގާފައިވާ ޕާޓީތަކަށް އިސްކަން ދޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ޕްރޮޕޯސަލްތައް ބަލައިގަންނާނީ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުންނެވެ.
މި މަޝްރޫއު ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.
ދަރަވަންދޫގައި އެއާޕޯޓުގެ ހިދުމަތް ދޭން ފެށިތާ 14 އަހަރު ވެފައިވާ އިރު ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން ދަރަވަންދޫ އެއާޕޯޓް ހަދައި ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.
ދަރަވަންދޫ އެއާޕޯޓް އައިލޭންޑް އޭވިއޭޝަނާއި ހަވާލު ކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވިއިރު، އެ އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލް ބޮޑުކުރުގެ ޑިޒައިން ހެދުމަށާއި ކޮންސަލްޓެންސީ ސާވިސް ފޯރުކޮށްދިނުމަށް އައިލެންޑް އޭވިއޭޝަނުން ހަވާލުކުރީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ދަރަވަންދޫގެ އާ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި 959 އަކަމީޓަރުގެ ޓާމިނަލް 1،874 އަކަމީޓަރަށް ބޮޑުކުރާނެއެވެ. އެއާއެކު ހިދުމަތްދެވޭ ފަސިންޖަރުންގެ އަދަދު 80 އިން 175 އަށް އިތުރުވާނެއެވެ.






