ކްލަބް ވެލެންސިއާގެ މަޝްހޫރު ޑިފެންޑަރ، ފުޓްބޯޅަ ކުޅުންތެރިޔާ އޭދަފުށީ ނޫރާނީމާގެ ޝާފިއު އަހްމަދު ރޭ ކައިވެނި ކޮށްފިއެވެ. ކައިވެނީގެ ގޮށް ޖަހާފައިވަނީ އޭދަފުށީ “ރެޑްލީފް ” މަރްޔަމް ނަޝާ އާއެވެ.
އިއްޔެ ހަވީރު މާލޭގެ ބޭވޮޗް ރެސްޓޯރެންޓްގައި އޮތް ކައިވެނީގެ ވާލީމާގައި ދެފަރާތުގެ އާއިލާގެ އިތުރުން ޚާއްސަ ރައްޓެހިންވެސް ބައިވެރި ވިއެވެ.
ކްލަބް ވެލެންސިއާގެ ޑިފެންސްލައިން ދިފާއުކޮށްދޭ ޝާފީ ވަނީ މިދިޔަ ސީޒަންގައި ވެލެންސިއާގެ ކެޕްޓަން ބޭންޑްގައި ހުރެގެން އެޓީމަށް އެފްއޭކަޕް ކާމިޔާބު ކޮށްދީފައެވެ.
ޝާފިއުގެ ކާމިޔާބީއާއިއެކު ވެލެންސިޔާއަށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފް ކުޅުމުގެ ފުރުސަތު ވަނީ ލިބިފައެވެ.
ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝާފީ ހިމެނެނީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް އަޚްލާގު ރަނގަޅު ކުޅުން ތެރިއެއްގެ ގޮތުގައެވެ.
އޭދަފުށި ވޮއިސްގެ ފަރާތުން ޝާފީގެ ދެކަނބަލުންނަށް ވަރަށް އުފާވެރި ދިރި އުޅުމަކަށް އެދި ޝާދީ މުބާރަކް ކިޔަމެވެ. އުއްމީދުކުރަނީ ފުޓްބޯޅަ ދަނޑުގައި ޑިފެންޑަރެއްގެ ގޮތުގައި ހުރެގެން ދެއްކި ފަދަ ކާމިޔާބު މޮޅު ކުޅުމެއް ދިރިއުޅުމުގެ ދަނޑުންވެސް ފެންނާނޭ ކަމުގައެވެ.