ނޫސްތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގެ ދަށުން ނޫސްތައް އަލުން ރަޖިސްޓަރީވުމަށް ހުޅުވައިލި މުއްދަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން އިތުރުކޮށްފިއެވެ.
އެމްއެމްބީސީން ނެރުނު އިއުލާނެއްގައި ވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ނޫސްތައް އަލުން ރަޖިސްޓްރީކުރުމަށް ދީފައިވާ ހަ މަސްދުވަހުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.
ނަމަވެސް އެ މުއްދަތަށް ތިން މަސްދުވަސް އިތުރުކުރަން ކޮމިޝަނުން ނިންމައިފައިވާ ކަން އެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.
އެހެންކަމުން ހުރިހާ ނޫސްތައް އަލުން ރަޖިސްޓްރީވާން ޖެހޭ އެންމެ ފަހު ވަގުތަކީ އަންނަ ޖަނަވަރީ މަހުގެ 28ވަނަ ދުވަހުގެރޭ 11:59 ކަމަށް، ކޮމިޝަންގެ އިއުލާނުގައިވެއެވެ.
ރާއްޖޭގައި ހިންގާ ނޫސްތައް މީގެ ކުރިން ރަޖިސްޓަރީވާން ޖެހެނީ ޔޫތު މިނިސްޓްރީގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން ވުޖޫދުވުމަށްފަހު އެ ޒިންމާ ހަވާލުވެފައި އޮންނަނީ އެ ކޮމިޝަނާއެވެ.






