ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް

disposable_general.webp

ރާއްޖޭގައި މަނާކޮށްފައިވާ އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްގެ ބާވަތްތައް ބޭނުންކުރާ ނަމަ، އެ ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށްދީ އާންމު ފަރުދުންނާއި ވިޔަފާރިތައް ޖޫރިމަނާ ކުރުމުގެ ބާރު ގަވާއިދަކުން ދީފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި އެ ގަވާއިދުގައިވާ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާއެކު ބޭނުން ކުރުމަށް އުފައްދާފައިވާ އެއްޗެއް ބޭނުންކޮށްފިނަމަ ނުވަތަ އަތުގައި އޮތްނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް އޮންނާނެ އެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ އެފަދަ އެއްޗެއް ފެނިއްޖެނަމަ، އެ ތަކެތި އަތުލެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި އެ މީހަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށް، އެކަމާ ގުޅިގެން ފުލުހުން އަންގާ އެންގުމަކާ ޚިލާފު ވެއްޖެ ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވައިދުގައިވެއެވެ. މިގޮތަށް އަތުލެވޭ ތަކެތި މި ގަވާއިދުގެ ދަށުން ހިފެހެއްޓުމަށްފަހު އަނބުރާ ނުދެވޭނެ ކަމަށާއި އަދި އެ ތަކެތި ނައްތާލެވޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، އެންގުމާ ޚިލާފުވަނީ ވިޔަފާރި ކުރާ ގާނޫނީ ޝަޚުސަކުން ނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ބާތިލުކުރުމަށް ހުށަހެޅޭނެ ކަމަށް ގަވައިދުގައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކޮށް، މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މަނާކުރި ވޭޕްގެ ބާވަތްތައް އަތުލުމަށްފަހު ނައްތާލަން ވާނެ ކަމަށް ގަވައިދުގައިވެއެވެ.

އެ ތަކެތި ނައްތާލަންވާނީ ތިމާވެއްޓަށް ގެއްލުން ލިބުން ކުޑަކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށް ގަވައިދުގައި ފާހަގަކޮށްފައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ވޭޕް ބޭނުން ކުރުން ރާއްޖޭގައި ވަނީ މަނާވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top