ޝާހިރުއާއެކު ބައި ކަޅު: ދެ އަނތްބަށް އިނދެގެން ނޫޅޭނަން – ޝިފާނާ

DSCN7992.jpg

ބ. އަތޮޅު ކައުންސިލަރ ޝިފާނާ އޭދަފުށީ ވޮއިސްއަށް އިންޓަވިއުދެއްވަނީ / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ދޮންފަނު އަންހެނުންގެ މުއްސަނދި ތާރީޚެއް އެބައޮތެވެ. ދިވެހި ރާއްޖޭގައި އުފެދުނު ހަމައެކަނި ފަތްމިނި ‘ދޮންހިޔަލަ” ނިސްބަތް ވަނީ ދޮންފަނަށެވެ. އެ ކަމަނާ، ތާރީޚުން ޖާގަ ހޯދާފައިވަނި ފަތްމިންޏެއްގެ އިތުރުން ލޯތްބަށްޓަކާ ޝަހީދުވެގެން ދިޔަ ބަތަލާއެއްގެ ގޮތުގައެވެ. މުއްސަނދިކަމާއި ޝާހީ ޚާންދާނުގެ އެންމެ މަތީ އިއްޒަތަށްވުރެ އެކަމަނާގެ ލޯބީގެ އަގު މާބޮޑުކަމަށް ދެއްކީ ލެއިން ގުރުބާން ވެގެންނެވެ. މިއީ ހަގިގީ ހާދިސާއެއްތޯ ނުވަތަ ނޫންތޯއަކީ އަޅުގަނޑުގެ މައުޟޫއެއް ނޫނެވެ.

އޭގެ ގިނަ އަހަރުތަކެއް ފަހުން މިއަދު އަނެއްކާވެސް ހަމަ އެބިމުން ދިވެހި ތާޜީޚީ ރެކޯޑު ފޮތުގައި ލިޔެވޭނެ ”ފަތްމިންޏެއް“ އުފަން ވެއްޖެ އެވެ. އައިޝަތު ޝިފާނާ އެވެ. ބުރުސޫރަ ރިވެތި އަންހެނެކެވެ. ބ.އަތޮޅު ކައުންސިލްގެ ފުރަތަމަ އަންހެން މެންބަރެވެ. ބ.އަތޮޅު ކައުންސިލުގެ ކެންދޫ ދާއިރާގެ މެންބަރެވެ. ކެންދޫ ދާއިރާގައި ތިއްބެވި އެތައް ބައެއްގެ ތެރެއިން ފުރޭނިގެން ޝިފާނާ މި މަގާމަށް އެ ދާއިރާގެ ރައްޔިތުން އައްޔަން ކުރާނީ ޝިފާނާއަށް ވުރެ ރަނގަޅު އެހެން މީހަކު ނެތީމައެވެ.

އެހެންނަމަވެސް ޝިފާނާ ސިންގަލް އެއް ނޫނެވެ. ހަތަރު ކުދިންގެ މަންމައެކެވެ. ފުރަތަމަ ކައިވެންޏާއި އެކު ދުނިޔެ އުޅުމުގެ ދަތުރަށް ނިކުންން ޖެހުނީ މަޖުބޫރު ވެގެންނެވެ. ސިންލަކުން މިންގަލަކަށް ބަދަލުވީ އެކަމަށް ތައްޔާރު ނުވެ ހުރެއެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކީ ބަހާރު މޫސުމުގެ ދުވަސްތަކަކަށް ނުވާނެ ކަމާއި އުފަލާއި ހިތާމަ އެކުލެވިގެން ނޫނީ ދިރިއުޅުމުގެ ހަގިގީ ރަހައެއް ނުފެންނާނެ ކަން އެނގޭއިރުވެސް އުފަލަށް ވުނެ ހިތާމަ އޭނާާގެ ދިރިއުޅުމާ މާބޮޑަށް ރައްޓެހިވީ ސަބަބެއް އަދިވެސް އޭނާއަކަށް ނޭނގެ އެވެ. މީހެއްގެ އަނތްބަކަށް ވިޔަސް ފިރިހނުންގެ ނުސީދާ ހަމަލާތަކުން ސަލާމަތްވުމަށް އޭނާ އަންނަނީ މިހާރުވެސް މަސައްކަތް ކުރަމުންނެވެ.

ދަރިން ލިބުނު ފަހުން ޝިފާނާ ދިރިއުޅެމުން އައީ އޭދަފުށީގައެވެ. ދަރިންނަށް ކިޔަވައިދިމުގެ ބޭނުމުގައެވެ. ޝިފާނާ ބުނާ ގޮތުންނަމަ އެއަށްވުރެ ބޮޑު އިސްކަމެއް ދޭ އެހެން ކަމެއް ނޯންނާނެއެވެ.

އޭދަފުށި ވޮއިސްގެ ފަރާތުން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސް ދޭ ޝާހިރު އާއެކު ބައިކަޅު ސެގް މެންޓްގެ މިފަހަރުގެ ތަރިއަކީ ބ.އަތޮޅު ކައުންސިލުގެ ކެންދާ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ އުމުރުން 36 އަހަރުގެ އައިޝަތު ޝިފާނާއެވެ. ޝިފާނާގެ ވަރަށް އަމިއްލަ ވާހަކަތަކާއި މާޒީ ކޮށްފައިވާ ހިތި އަދި ފޮނި ތަޖްރިބާތަކާ އެކު މުސްތަގްބަލަށް ކުރާ އުއްމީދު ތައްވެސް ވަރަށް ތިލަކޮށް ކިޔައިދެއްވިއެވެ، ކުރިއަށް ދަމާ ހިނގާށެވެ.

 

އަތޮޅު ކައުންސިލަށް ކުރިމަތި ލެއްވީ ކީއްވެގެންތޯ؟

ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން. ހާއްސަކޮށް ގާތް ރައްޓެހިން ތަކެއްގެ އެދުމުގެވެސް މަތިން. ހަމައެއާއެކު އަޅުގަނޑު ތަޖްރިބާ ކޮށްލަން ބޭނުން ވި ކަމަކަށްވެސް ވީތީ.

ވަޒީފާ އަދާކުރަމުން ދާއިރު އަންހެނަކަށްވީތީ ދިމާވާ ގޮން ޖެހުންތަކަކީ؟

އެންމެ ބޮޑު ގޮން ޖެހުމަކި ރަށުން ބޭރުގަ އުޅެން ޖެހިފަ ކުދިން ބަލާނެ ގޮތެއް މިތަނުގަ ގާއިމްވެފައި ނެތުން. މިސާލަކަށް ބުނާނަމަ ފެމިލީއާ ދުރުގައި ދިރިއުޅޭއިރު އެހާބޮޑު އެހީތެރިކަމެއް ނުލިބޭނެ ދެއްތޯ ފެމިލީގެ ފަރާތަކުން. އެހެންވީމާ ގާތް ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރިކަމާއެކު ވަޒީފާގައި މި އުޅެވެނީ. ކުދިން ބަލަން ތަންކޮޅެއް އުނދަގޫ ރަށުން ބޭރުގައި އާއިލާ އާއި ވަކިން އުޅެންޖެހޭތީ.

ވަޒީފާގައި އުޅެން ފެށުމުން ދިރިއުޅުމަށް އައި ކުރިއެރުމަކީ؟

ވަރަށްބޮޑު ކުރިއެރުމެއް ލިބިއްޖެ. ޚާއްސަކޮށް މާލީ ގޮތުން. ވަޒީފާ ލިބުމުގެ ކުރިން ބައްޕަގެ އެހީތެރިކަން ހޯދަން ޖެހޭ ކުލި ދެއްކުމުގައިވެސް. އެކަމަކު މިހާރު ދެމަފިރިންނަށް ލިބޭ އެއްޗެއް މެނޭޖްކޮށްލައިގެން ދިރި އުޅުން ވަރަށް އުފާވެރި .

ޝިފާނާ އަކީ ވަޒީފާ އަދާކުރެއްވުމުގެ ކުރިންވެސް އޭދަފުށީގައި މަޝްހޫރު ނަމެއް. އެއީ ރީތި ކުއްޖަކަށް ވީމާކަން ގަބޫލު ކުރެވޭތޯ ؟

ތިޔަކަމަށް ޖަޖްކުރައްވާނީ އެހެން ބޭފުޅުން ދެއްތޯ.

ހަތަރު ކުދިން ލިބި، އުމުރުން 36 އަހަރުގައި ވެސް ޝިފާނާ ފެންނަނީ ވަރަށް ރީތިކޮށް އުމުރަށްވުރެ ޅަ ކޮށް. ސިއްރަކީ ކޮބައިތޯ؟

ރީތިވުމަށޭ ކިޔާފަ ހާއްސަ ކަންތައް ތަކެއް ނުކުރަން. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްވެސް ކަސްރަތުވެސް ނުކުރަން. އެކަމަކު ވަރަށް ބިޒީކޮށް ދުވަސް ތައް މިދަނީ. ވަގުތު ނުލިބޭތީ ގިނަ ފަހަރު ކެއިން ބުއިމުގެ ކަންތަކުގައިވެސް ފަރުވާ ކުޑަ ކުރެވޭ. ބަނޑުހައިކަން އިހްސާސްވުން ވަރަށް ގިނައިން ކުރެވޭ. އެހެންވެ ކަންނޭގެ ހަށިގަނޑު ފަލަވެގެން ނުގޮސް މިހުންނަނީ.

ރަނގަޅު ފިރިއެއްގެ ކިބައިގާ ހުންނަން ޖެހޭނެކަމަށް ޝިފާނާ ގަބޫލުކުރާ ސިފަތަކަކީ ؟

އަލާލުމާ ލޯތްބާ އޯގާތެރިކަން އެއީ އެންމެ ފުރަތަމަ ޝަރުތު. ބަލިވީމާ ޚާއްސަކޮށް. ހަމައެއާއެކު މިއީ ދެމީހުންކަން ގަބޫލު ކުރެވެން ޖެހޭނެ. އޭގެ މާނައަކީ ދެމީހުންގެ މިޒާޖާއި ޚިޔާލު ކޮންމެ ކަމެއްގައި އެއްގޮތް ނުވާނެކަން ދަންނަން ޖެހޭނެ.

އެންމެ ބޭނުންވި މީހާއާތޯ ކައިވެނި ކުރައްވައިގެން ތިޔަ އުޅުއްވަނީ؟

ނޯކޮމެންޓް.

އެންމެ ހިތް ކިޔަނީ ކޮންކަހަލަ ފިރިހެނުންނަކާ؟

ހިކިކޮށް އިސްކޮޅުން ދިގު ކޮންމެވެސް ވަރަކަށް ތުނބުޅިލާފަ ހުންނަ ފިރިހެނުން އަޅުގަނޑަށް ވަރަށް ރީތި.

ވަޒީފާ އަދާކުރަމުން ފިރިމިހާއާއި އާއިލާއަށް ވަގުތު ދެވޭތޯ ؟

އެކަށީގެންވާ ވަގުތެއްނުދެވޭ، އޭގެ ސަބަބުން ބައެއް ފަހަރު މައްސަލަތަކާވެސް ކުރިމަތި ލާން ޖެހޭ. ބޮޑަށް ދަރިންގެ ފަރާތުން

އިތުރު ކައިވެންޏެއް ކޮށްފާނަންތަ؟

ފަހަރެއްގަ

ދެ އަނތްބަށް މީހަކާ އިނދެގެން އުޅެފާނަންތަ؟

ނޫން.

ތިޔައީ ލަވް މެރިޖެއްތަ. ނޫނީ އެރޭންޖް މެރިޖެއްތަ؟

އެރޭންޖް މެރިޖެއް

އެންމެ ދާހިތްވާ ގައުމަކީ؟

އޮސްޓްރޭލިއާ

އިތުރު ދައުރަކަށް ކުރިމަތިލުމުގެ ޚިޔާލު އެބައޮތްތޯ

ނޫން. ޚިޔާލެއް ނުކުރަން. އަޅުގަނޑު އޭދަފުއްޓަށް އައީ ދަރިންނަށް ކިޔަވައިދޭން. އަންނަ އަހަރު ދޮށީ ދަރިފުޅު ގްރޭޑް 12 ނިމޭނެ. ދެވަނަ ދަރިފުޅު 10 ނިމޭނެ. އެހެންވީމާ ދެން އަނެއްކާވެސް ދަރިންނަށް ޓަކާ ދާން ޖެހޭނީ މިއަށް ވުރެ ރަނގަޅު އެހެން ތަނަކަށް. އެހެންވީމާ އަޅުގަނޑުގެ ދިރިއުޅުން އެހެން މަންޒިލަކަށް ބަދަލު ކުރުމުގެ ވިސްނުން ހުރީ. އަޅުގަނޑުގެ ހުރިހާވެސް އެއްޗަކީ ދަރިން. އެދަރިން ބ. އަތޮޅުގެ ނަން ހުރި ދަރިންނަށް ހެދުމަށް ވަރަށް ބުރަ މަސައްކަތް ތަކެއް އަދިވެސް ކުރަން ޖެހޭ.

ތިޔައީ އަންހެނުންނަށް އަދާކުރެވިދާނެ ރަނގަޅުވަޒީފާ އެއްކަމަށް ގަބޫލު ކުރަންތޯ ؟

އަދާކުރެވިދާނެ. އެކަމަކު ވަރަށް ހިތްވަރާއެކު ނޫނީ ނުކުރެވޭނެ. މިސާލަކަށް އާއިލާގެ އެހީތެރިކަން ނުލިބި މިފަދަ ވަޒީފާއެއް އަދާ ކުރުމަކީ ވަރަށް ބައިވަރު ގޮން ޖެހުންތަކަކާ ކުރިމަތި ލާން ޖެހޭ ކަމެއް. އެގޮތުން އަޅުގަނޑު މިހާރު ތަހައްމަލު ކުރަމުން މި ގެންދަނި ވަރަށް އުނދަގޫ ދުވަސް ތަކެއް. އެކަމަކު ކުރެވޭނެ. އަންހެނަކަށްވީތީ ނުކުރެވޭނެ އެއްވެސް ކަމެއް އޮންނާނެ އެކޭ އަޅުގަނޑު ނުބުނާނަން.

ދިރިއުޅުމުގައި ބޭނުންވާ ހުރިހާ ކަމެއް ހާސިލް ވެއްޖެތޯ. ނޫނީ އިތުރަށް  ބޭނުންވަނީ ކޮންކަމެއް؟

އަޅުގަނޑު މިހާތަނަށް ކުރިމަތި ލީ އެއްވެސް ކަމެއް ނާކާމިޔާބު ވެފައެއް ނެތް. ﷲއަށް ޝުކުރު ކުރަން. އަލްޙަމްދު ލިއްލާހް. އަޅުގަނޑަށް ފުރިހަމަ ނުވެވި އޮތް ކަމަކީ ކުރިންވެސް ދެންނެވިހެން ދަރިން ބ.އަތޮޅުގެ ނަން ހުރި ދަރިންނަށް ހެދުން. އެކަން ފުރިހަމަ ކުރުމަށް އަދިވެސް ކުރަން ޖެހިފައި އޮތް މަސައްކަތް ބުރަ. ﷲ ގެ ރަހުމަތާއެކު އެކަންވެސް ކާމިޔާބު ކުރާނަން.

މަރުވުމުގެ ކުރިން ކޮށްލަން ބޭނުންވާ ކަމަކީ؟

އަޅުގަނޑުގެ މައިދައިތަ އާއި ބަފައިބޭ ޙައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތް މިންވަރުކުރެއްވުން. ﷲގެ ތަނަވަސް ރަޙުމަތުން އަޅުގަނޑުގެ ބައްޕަވަނީ މިއަޅުކަން އަދާކޮށްފަ. ދެން ބޭނުންވަނީ އަޅުގަނޑުގެ ދަރިން އަޅުގަނޑުގެ ދަރިން އެކަތި ގަނޑަކަށް ވެގެން އެއްބައި ވަންތަކަމާއެކު ދިރިއުޅޭތަން ފެނުން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top