މަޑުމައިތިރިކަމާއި އޯގާތެރިކަމަކީ ސުވަރުގެ ލިއްބައިދޭ ސިފަތަކެއްކަމާއި، ބޮޑާވުމާއި، ހިތްހަރުކަމާއި، ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމަށާއި، އެންމެހައި ކަންކަމުގައި ރަސޫލާ ﷺ ގެ ރިވެތި އަޚުލާޤުން ނަމޫނާ ލިބިގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.
“މަޑުމައިތިރިކަން އިސްކުރުން” މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ގިނަ ބަޔަކަށް ހީވެފައިވަނީ ނަމާދާއި، ރޯދައާއި، ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށެވެ. ނަމަވެސް، މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ ދީނުގެ ފުރިހަމަކަމާ ގުޅިފައިވާ ކަންތަކެއްކަން ދަންނަ މީހުން މަދުކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
ޚުތުބާގައި ބުނީ، ފަރުޟުތަކާއި ސުންނަތް އަޅުކަންތަކަށް ރައްކާތެރިވާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އަދި އެހެން މީހުންގެ ކުށްތަކަށް މާފުނުކުރުން ފަދަ ނުބައި ސިފަތައް ހުންނަކަމީ ހިތާމަހުރި ކަމެއް ކަމަށެވެ. ޚާއްޞަކޮށް ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައިދިއުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަން މުޖުތަމަޢުން ފެންނަމުންދާކަން ޚުތުބާގައި ފާހަގަކުރިއެވެ.
ކީރިތި ރަސޫލާ ﷺ ގެ ސީރަތުން މިސާލު ދައްކަވަމުން ޚުތުބާގައި ބުނެފައިވަނީ، އެކަލޭގެފާނު އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށެވެ. އަދި މީސްތަކުންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ސިފައެއްކަން ބަޔާންކުރައްވައި، އޯގާތެރިކަމަށް މާތްﷲ ދެއްވާ ދަރުމަ ހަރުކަށިކަމަށް ނުދެއްވާކަން ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ހާމަކޮށްދިނެވެ.
އަދި ބޮޑު ކާފިރެއް ކަމުގައިވާ ފިރުޢައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވި ހިނދު ވެސް، މާތް الله އަމުރުކުރެއްވީ މަޑުމައިތިރި ބަހުން މުޚާޠަބުކުރެއްވުމަށް ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
ޚުތުބާ ނިންމާލާފައިވަނީ، ޙަޤީޤީ މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމަށާއި، މަޑުމައިތިރިކަމާއި އޯގާތެރިކަމަކީ ސުވަރުގެ ލިއްބައިދޭ ސިފަތަކެއްކަން ހަނދާންކޮށްދެމުންނެވެ. އަދި ބޮޑާވުމާއި، ހިތްހަރުކަމާއި، ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމަށާއި، އެންމެހައި ކަންކަމުގައި ރަސޫލާ ﷺ ގެ ރިވެތި އަޚުލާޤުން ނަމޫނާ ލިބިގަތުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.





