ރޯދަމަސް ފެށުމާއެކު އޭދަފުށީގައި ހުރި ބޭކަރީތަކުގެ ވިޔަފާރި ދެގުނަ މައްޗަށް ގޮސްފައިވާކަމަށް ބޭކަރީ ތަކުން ބުނެފިއެވެ.
ރަމަޟާންމަހާ ގުޅިގެން ބޭކަރީ ވިޔަފާރިއަށް އައި ބަދަލުތަކާ ބެހޭގޮތުން އީވީގެ ޓީމުން އޭދަފުށީގައި ހުރި ބޭކަރީތަކާ ވާހަކަ ދައްކާލުމުން ބުނީ ހީކުރިވަރަށްވުރެ ޑިމާންޑް ބޮޑުކަމަށެވެ.
އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ބޭކަރީގެ ހިދްމަތް ދެމުންއަންނަ ޑޭޒީ ބޭކަރީގެ ވެރިޔާ ފަޒީނާ މުހައްމަދު ބުނީ މިދިޔަ އަހަރުގެ ޑިމާންޑަށް ބަލައި ބޭކަރީން ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ. އޭނާ ބުނީ އުއްމީދުކުރި ވަރަށްވުރެ ޑިމާންޑް ބޮޑުކަމަށާ އެހެންނަމަވެސް ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރެވޭނެކަމަށެވެ.
“މިދިޔަ އަހަރު ކަސްޓަމަރުން ބޭނުންވި އަދަދަށް ތަކެތި ފޯރުކޮށްދިނުން ދަތިވި. އޭރުގެ ޑިމާންޑަށް ބަލާފަ މިއަހަރު އިތުރު މެޝިނެއްވެސް ގެނެސްގެން ކުރިޔާލާ ތައްޔާރުވެގެން މިދަނީ. އަތޮޅު ތެރެއަށްވެސް އަތޮޅުފެރީގައި ފޮނުވުމުގެ ހިދުމަތް މިތަނުން މިދަނީ ދެމުން. ހީކުރި ވަރަށްވުރެ ބާރުބޮޑު މިއަހަރު. ބޮޑަށް ހިނގަނީ ޕިއްޒާ ފުއްގަނޑާ، ސަބްމެރިން ފުއްގަނޑު ދެން ޕާން، ހޮޓްޑޯގް.” ފަޒީނާ ބުންޏެވެ.
އޭދަފުށީގައި މިދިޔައަހަރު ހުޅުވައި ހިދުމަތް ދޭންފެށި ތްރީ އެން ބޭކާސްގެ އިސްވެރިޔެއްކަމަށްވާ ހައްވާ ސަމީހާ ބުނީ އެބޭކަރީއަށްވެސް އޭދަފުއްޓާ ބ. އަތޮޅުގެ ރަށްރަށުން ރޯދަމަހު ބޮޑުތަރުހީބެއް ލިބެމުން އަންނަކަމަށެވެ.
“އޭދަފުށި އެކަންޏެއްނޫން. އަތޮޅުގެ ރަށްރަށުންވެސް ޑިމާންޑް ބޮޑު. ރޯދައަށް ދުރާލާ ވިސްނައިގެން ހަދާ ތަކެތިވެސް އިތުރު ކުރިން ދެގުނަ. އެއީ ޑިމާންޑް ބޮޑުވާނެތީ. އެކަމަކުވެސް ބައެއްފަހަރު އޮބިނޯވެގެން ދަނީ. ޕާނާ، ސަބްމެރިން ބަނަހާ، ހޮޓްޑޯގް، ހުރިހާ އެއްޗެއްވެސް ހިނގާ. އަގުތައްވެސް ހަމަ މިހިރީ ވަރަށް ހެޔޮކޮށް” ހައްވަ ބުންޏެވެ.

އޭދަފުށީ ތްރީ އެން ބޭކާސްގެ މުވައްޒަފަކު އެތަނުގެ މަސައްކަތެއްގައި. ރޯދަމަހު ވިޔަފާރި ރަނގަޅުކަމަށް އެބޭކަރީން ބުނޭ / އީވީ ފޮޓޯ: ޝާހިރު އަހްމަދު
ރަމަޟާންމަހުގެ ފުރަތަމަ ދިހަދުވަސް ފާއިތުވެގެން ދިޔައިރު ބ. އަތޮޅުގެ މައި ބާޒާރު އޭދަފުށިީގެ ފިހާރަކަށްވެސް ބާރުބޮޑުކަން ފާހަގަކުރެވެއެވެ. އަދި އާންމު މޭވާއާއި، ތަރުކާރީގެ އަގު ރޯދަމަސް ފެށުނު އިރާ އަޅާބަލާއިރު ދަށަށް ޖެހިފައިވާކަންވެސް ފާހަގަކުރެވެއެވެ.