ބ. ދޮންފަނުގައި މިއަހަރު އެއްވެސް ފަގީރެއް ނެތްކަމަށާ، މިއަހަރުގެ ފިތުރު ޒަކާތް ނެގި ނަމަވެސް، ޒަކާތް ނުބަހާނެކަމަށް ދޮންފަނު ކައުންސިލުން ބުނެފިއެވެ.
ދޮންފަނު ކައުންސިލުން ބުނީ މިދިޔަ އަހަރު 30 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި ނަމަވެސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފިތުރު ޒަކާތް ލިބުނީ 7 މީހަކަށް ކަމަށެވެ. އަދި މިއަހަރު ފަޤީރުން ނަންނޯޓް ކުރުމަށް ހުޅުވާލި ފުރުސަތު ހަމަވެގެން ދެވަނަ ފަހަރަށް އިޢްލާން ކުރުމުންވެސް އެއްވެސް މީހަކު ފަގީރުންގެ ލިސްޓްގައި ނަންނޯޓް ކޮށްފައިނުވާކަމަށެވެ.
ދޮންފަނު ކައުންސިލުން ބުނީ ފުރަތަމަ ފަހަރަށް އެރަށު ކައުންސިލަށް މިމައްސަލަ ދިމާވެފައިވާތީ، ފިތުރު ޒަކާތާމެދު އަމަލުކުރާނޭ ގޮތެއް ސާފުކުރުމަށް އިސްލާމިކް މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށެވެ. ދޮންފަނު ކައުންސިލްގެ ރައީސް ހަނީފު އިބްރާހީމް އީވީއަށް ވިދާޅުވީ މިއީ އިސްލާމިކް މިނިސްޓްރީން އަލަށް އެކުލަވާލި މިންގަނޑުތަަކާ ގުޅިގެން ދިމާވި މައްސަލައެއްކަމަށް ދެކޭ ކަމަށާ، އެމިންގަނޑުތަކަށް ބަލާއިރު ދޮންފަނުގައި ފަގީރުން ނޫޅޭނެކަމަށް ފެންނަ ކަމަށެވެ.
“މިދިޔަ އަހަރުވެސް 30 ހަކަށް މީހުން ނަންނޯޓް ކުރި. އެހެންނަމަވެސް މިނިސްޓްރީން ބަލާ މިންގަނޑުތަކަށް މިފެތުނީ 7 މީހުން. އަޅުގަނޑަށް ހީވަނީ މިނިސްޓްރީގެ މިންގަނޑުތަކަށް ނުފެތިދާނެތީ އެއްވެސް މީހަކު ނަންނޯޓް ނުކުރީކަމަށް. އިޢްލާން ނުފެނިގެން ނަންނޯޓް ނުކުރީ ކަމަށް ހީކޮށް 2 ފަހަރެއްގެ މަތީން އިޢްލާންވެސް ބެހެއްޓުނު” ހަނީފް ވިދާޅުވިއެވެ.
ހަނީފް ވިދާޅުވީ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް އެކައުންސިލުން ކުރިޔަށް ގެންދާ ކަމަށާ، ނަމަވެސް ފަގީރަކު ނެތުމުން ޒަކާތް ނުބަހާނެ ކަމަށެވެ. އަދި ޒަކާތު ފައިސާއާމެދު އަމަލުކުރާނޭގޮތުގެ ލަފައަކަށް އިސްލާމިކް މިނިސްޓްރީގައި ދަންނަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
500 އާ ގާތްކުރާ އަދަދެއްގެ މީހުން ދިރިއުޅޭ ދޮންފަނުގައި ފަގީރަކު މިއަހަރު ނެތްކަމަށް ކަނޑައެޅިއިރު މިއީ ބ. އަތޮޅުގެ ރަށެއްގައި މިފަދަ މައްސަލައެއް ކުރިމަތިވީ ފުރަތަމަ ފަހަރުކަމަށް ވެއެވެ.