ބޮޑު މިސްކިތު ކާޕެޓް ގަތުމަށް ރައްޔިތުންގެ މާލިއްޔާއިން 289000ރ ނެގުމަށް ފާސްކޮށްފި

miskiy-1.jpeg

މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީންގައި ބަޔަކު ނަމާދު ކުރަނީ. ފޮޓޯ: އޭދަފުށި ވޮއިސް

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން މިސްކިތުގެ ކާޕެޓް އާކުރުމަށް ރައްޔިތުންގެ މާލިއްޔާއިން 289000 ރުފިޔާ ނެގުމަށް އޭދަފުށީ ކައުންސިލުން ފާސްކޮށްފިއެވެ

އޭދަފުށީ ކައުންސިލުން މިގޮތަށް ފާސްކުރީ 10 މެއި 2017 ވަނަ ދުވަހު އެކައުންސިލުން ބޭއްވި މިއަހަރުގެ 19 ވަނަ އާންމު ޖަލްސާގައެވެ. 5 މެމްބަރުން ބައިވެރިވި މިޖަލްސާގައި ކާޕެޓް ގަތުމަށް ހުށައަޅައި ފާސްކުރީ 3 މެމްބަރުންގެ އިއްތިފާގުންނެވެ.

ކައުންސިލުން ހުށައަޅާ މައްސަލައެއްގެ ގޮތުގައި އެޖެންޑާކުރި މިމައްސަލާގައި ކައުންސިލަރ މުހައްމަދު ރިޒާ ހުށައެޅުއްވީ ހުކުރު މިސްކިތުގެ ކާޕެޓް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، އެމިސްކިތުގެ ކާޕެޓް ބަދަލުކުރުމަށް ކައުންސިލްގެ އާމްދަނީން 289610 ރުފިޔާ ހަރަދުކުރުމަށް ފެންނަކަމަށެވެ. މިހުށައެޅުމަށް ތާއީދު ކުރެއްވީ މެމްބަރ ނައުޝާދު އަހްމަދެވެ. ހުށައެޅުން ފާސްކުރުމަށް ވޯޓް ދެއްވީ ރިޒާއާ، ނައުޝާދުގެ އިތުރުން ކައުންސިލަރ މުހައްމަދު ރާމިޒެވެ. ރިޔާސަތުގައި އިންނެވީ ރައީސާ ނާޒްނީނާ ޔޫސުފެވެ. ހުށައެޅުމަށް ވޯޓް ނުދެނީ ކައުންސިލަރ އަހްމަދު އަފްސަލް ކަމަށް އޭދަފުށީ ކައުންސިލުން އާންމުކޮށްފައިވާ ޔައުމިއްޔާގައި ވެއެވެ.

އޭދަފުށީ ހުކުރު މިސްކިތުގެ ކާޕެޓް އާކުރުމަށް ރައްޔިތުންގެ މާލިއްޔާއިން 289610 ރުފިޔާ ނެގުމަށް ފާސްކުރިއިރު، 1995 ވަނަ އަހަރު އެމިސްކިތް ހުޅުވިއިރު އެޅި ކާޕެޓަކީ އޭދަފުށި އަމިއްލަ ފަރާތަކުން ހަދިޔާކުރި ކާޕެޓެކެވެ. 12 އަހަރަށްފަހު 2007 ވަނަ އަހަރު ކާޕެޓް އާކުރީވެސް އޭދަފުށި އަމިއްލަ ފަރާތެއްގެ އެހީގައެވެ. މިހާރު މިސްކިތުގައި އަޅާފައި ވާ ކާޕެޓަކީ އޭރު އަޅާފައިވާ ކާޕެޓެވެ.

އޭދަފުށި ރައްޔިތުންގެ މާލިއްޔާއިން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރުމަށް ފާސްކުރީ 2009 ވަނަ އަހަރު އިރުމަތީ ހުރަސް ވާޓަރުގައި ޝީޓް ޕައިލް ޖެހުމަށެވެ. އެފަހަރު 480،000 ރުފިޔާއަށްވުރެ ބޮޑުއަދަދެއް ނެގުމަށް ފާސްކުރީ ރައްޔިތުންގެ ވޯޓަކުންނެވެ. މިސްކިތު ކާޕެޓް އާކުރުމަށް 289610ރ ނެގުމަށް ކައުންސިލުން ފާސްކުރުމާއެކު، މިއަދަދު ވެގެން ދާނީ އޭގެ ފަހުން އެންމެ ބޮޑު އަދަދެއް އެއްފަހަރާ މާލިއްޔާއިން ނެގުމަށް ފާސްކުރި ފުރަތަމަ ފަހަރު ކަމަށެވެ.

ހުކުރު މިސްކިތު ކާޕެޓް އާކުރުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، މީގެ ދެމަސްކުރިން އަނަންތަރާ ރިސޯޓަށް އައި ސައުދީ ފަތުރުވެރިޔަކު ހުކުރު މިސްކިތަށް އެހީދޭން މަސައްކަތް ކުރިއެވެ. ނަމަވެސް މިސްކިތުގެ ބައެއް މައުލޫމާތު ލިބުމުގައި ދަތިތަކެއް ދިމާވެގެން، އެކަން ހަމަނުޖެހުނީކަމަށް މިކަމުގައި އުޅުއްވި ބޭފުޅަކު ވިދާޅުވިއެވެ. އޭދަފުށީގެ އެހީ ހަމަނުޖެހުނު ނަމަވެސް ސައުދީ ފަތުރުވެރިޔާ މިއަތޮޅު ކެންދޫ މިސްކިތަށް ކާޕެޓާއި، އެއާކޯން ހަދިޔާކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top