ކިނޮޅޮހަށް ވަންނަ ނެރު ބަންދުވެ ރައްޔިތުން ރަށު ބަންދުގައި

l_1633591631146Yc2.jpg

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި ނެރު ބަންދުވެފައި --- ފޮޓޯ: ކައުންސިލް

ރ.ކިނޮޅޮހު ނެރަށް ވެލި އެރުމުގެ ސަބަބުން ރަށަށް ވަދެ ނުކުމެވާން އުދަގޫވެ ރައްޔިތުން ރަށު ބަންދުގައި ތިބެން ޖެހިއްޖެ އެވެ.

މި މައްސަލަ ބޮޑުވެ، ސަރުކާރުން ހައްލު ނުކޮށްދީގެން އެ ރަށު ރައްޔިތުން އިއްޔެ ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.

ކިނޮޅޮހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ބައެއް މީޑިއާތަކަށް މި ކަމުގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ, 2010 ވަނަ އަހަރު ބަނދަރު ހަދައި ނިމުނު ފަހުން، ޖެހިގެން އައި އަހަރު މި މައްސަލަ ދިމާވާން ފަށައިފި ކަމަށެވެ. އަދި ކޮންމެ ފަހަރަކުވެސް ނެރުމައްޗަށް ވެލިގަނޑު އެރުމުން އެތަންކޮޅު ސާފުކޮށްލަނީ ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ނުގެނައުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަކަމަށާއި ކައުންސިލާއި ރައްޔިތުންގެ ހިޔާލު ހޯދައިގެން ފައިނަލް ޑްރޯވިންއެއް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށް ރައީސް އަހުމަދު ވިދާޅުވިއެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ތިން ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިހާރު އެ އޮތީ ބަނދަރު އެއްކޮށް ކަހަލަ ގޮތަކަށް ބަންދުވެފައި. ބޮޑެތި އެއްވެސް އުޅަނދަކަށް ވަދެ ނުހެދޭ.” ކައުންސިލް ރައީސް ވިދާޅުވިއެވެ.

ބަނދަރު މައްސަލައިގައި އިއްޔެ ހަވީރު ކުރި އެ އިހުތިޖާޖުގައި ކިނޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ. ކައުންސިލުން ބުނީ އިއްޔެ ކުރި އެ އިހުތިޖާޖުގެ ބޭނުމަކީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ. އަދި އެއީ ރައްޔިތުން އިންތިޒާމު ކުރި މުޒާހަރާއެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އީވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކިނޮޅޮހު ނެރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިހާރުވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top