އަންހެނުންނަށް ގާޒީކަން ކުރެވިދާނޭތޯ ނުވަތަ ނޫންތޯ ގެ މައްޗަށް ނަޒަރު ހިންގައިލުމެއް

248150_3_c7e8238c92cf379aa81280362a18a95225c0b6b0_medium.jpg

އަބްދުލް ޣަފޫރު ޢަބްދުއްރަހީމު ގ. މަންޒިލް

ފެށުން

މިއަދުގެ އެންމެ ހޫނު އެއް ވާހަކައަކީ އަންހެނުންނަށް ގާޒީކަން ކުރެވިދާނޭތޯ ނުވަތަ ނޫންތޯގެ މައްސަލައިގެ ވާހަކައެވެ. މި ވާހަކަ ނެގި، ފެތުރެން ދިމާވި ސަބަބަކީ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އިސްކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިކަމުގެ އިއުލާނު ކުރެވުމާއި ވިދިގެންނެވެ. މި މައްސަލައާއި ބެހޭ ގޮތުން އެއްޗެއް ބުނުމަށް ގާތް އެކުވެރިޔަކު އެދިލެއްވުމުން، މި ލިޔުންކޮޅު ލިޔެލަން ގަސްދުކުރީއެވެ.

މި ލިޔުމުގައި ތިން ނުކުތާއެއްގެ މައްޗަށް އަލިއަޅުވާލަން ގަސްދުކުރަމެވެ. ފުރަތަމަ ނުކުތާއަކީ އިސްލާމް ދީނުގައި ހަލާލު-ހަރާމްގެ މާނައަކީ ކޮބައިކަމާއި އަދި ހަލާލު ހަރާމުގެ މަގާމަކީ ކޮބައިކަމާއި އަދި ދީނުގައި ހަލާލު-ހަރާމް ކަނޑައަޅާލެވޭ އާންމު އުސޫލަކީ ކޮބައިކަން ފާހަގަކޮށްލުމެވެ. ދެވަނަ ނުކުތާ ގުޅެނީ ފުރަތަމަ ނުކުތާގެ ފަހު ބަޔާއެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް މައްސަލަ، އަންހެނުންނަށް ގާޒީކަން ކުރެވުމާއި ނުކުރުން، ހުއްދަވުމާއި ނުވުމުގެ އަސްލަކީ، ޝަރުއީ ހެއްކަކީ، ކޮބައިތޯއާއިއެވެ. ތިންވަނަކަމަކީ މި މައްސަލައާ ގުޅޭގޮތުން، އާދެ، އަންހެނުން ގާޒީކަންކުރުމުގެ މައްސަލައާ ގުޅޭގޮތުން، އިހުގެ އިލްމުވެރިންގެ ރައުޔާއި އަދި އަދުގެ އިލްމުވެރިންގެ ރައުޔަކީ ކޮބައިކަމާއި އެ ބޭކަލުންގެ ރައުޔު ބިނާވަނީ ކޮންކަމެއްގެ މައްޗަށްތޯ ކުރުގޮތަކަށް ނަމަވެސް ބަޔާންކޮށްދިނުމެވެ. މި ވާހަކަތައް ހުށަހަޅާލުމުގެ ބޭނުމަކީ މައްސަލައާއި ބެހޭ ގޮތުން ވިސްނުމުގެ ނަޒަރު ހިންގާލާނޭ އިލްމީ މަގެއް ކޮށާލެވޭތޯ މަސައްކަތްކުރުމެވެ. އަދި މައްސަލައާއި ބެހޭ ގޮތުން ފުންކޮށް ވިސްނައި ތިމާ ދެކޭ ގޮތެއް ނިންމުމަށް މަގެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ.

ހަލާލު-ހަރާމުގެ މާނައާއި އެކަން ކަނޑައެޅުމުގެ އިޚްތިޔާރު ލިބިގެންވާ ފަރާތް

އެންމެ ފުރަތަމަ ނުކުތާއަށް ބަލާލަމާތޯއެވެ. ހަލާލު-ހަރާމުގެ މާނައަކީ ދީނުގައި ހުއްދަކުރެވިފައިވާ ކަންތައްތަކާއި ދީނުގައި މަނާކުރެވިފައިވާ ކަންތަކެވެ. އިސްލާމް ދީނުގައި މިކަން ކަނޑައަޅާލެވުމުގެ ހައްގު އޮތީ ‘އައްޝާރިޢު’އަށެވެ. އާދެ، ޝަރުއުކުރައްވާ ފަރާތާއިއެވެ. އެފަރާތަކީ ކީރިތިވަންތަ މާތްﷲއެވެ. އިސްލާމީ ޝަރީއަތް، އެބަހީ، އިސްލާން ދީނުގެ ހުކުމުތަކާއި ތައުލީމާތުތައް، ބަޔާންކޮށްދެއްވައި ހަލާލު-ހަރާމް ކަނޑައެޅުއްވުމުގެ ބާރާއި  އިޚުތިޔާރު ލިބިގެންވަނީ މާތްﷲއަށެވެ. މިކަން، ހަލާލުކަންތަކަކީ ކޮބައިކަމާއި ހަރާންކަންތަކަކީ ކޮބައިކަން، ކަނޑައެޅި ނަންގަނެވިފައިވަނީ ކީރިތި ގުރުއާނުގައެވެ. އަދި ސަލާމާއި ސަލަވާލެއްވި އިތުރު އެކަލޭގެފާނުގެ ސުންނަތުން، އަމަލުކުރެއްވި ގޮތްތަކުން، މިކަމުގެ އިތުރު ތަފްސީލު ލިބެއެވެ.

ހަލާލު-ހަރާމުގެ މި އަސްލާއި ގުޅޭ އިތުރު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. އެއީ މުސްލިމާގެ އަމަލުތަކާއި މި ނަންގަތް އަސްލު ގުޅޭގޮތާއި އަދި އޭގެ ތައުސީރަކީ ކޮބައިކަމެވެ. މުސްލިމާގެ އަމަލުތައް ދެބަޔަކަށް ބަހާލެވެއެވެ. އަޅުކަމުގެ އަމަލުތަކާއި އެކަކު އަނެކަކާއި މުއާމަލާތް ކުރުން ފަދަ ޚާލިސް އަޅުކަންކަމުގެ ތެރޭގައި ނުހިމެނޭ އަމަލުތަކެވެ. އަޅުކަމުގެ އަމަލުތަކުގެ މައްޗަށް ބަލާލާއިރު، ހުއްދަވެގެންވަނީ ޝަރުޢުކުރެއްވި ފަރާތް އަޅުކަމުގެ ގޮތުގައި ކަނޑައެޅުއްވި ކަންކަމެވެ. އޭގެ އިތުރުން އެއްވެސް ކަމެއް، އަޅުކަމުގެ ގޮތުގައި ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރުމަކީ ދީނުގައި ހަރާންކަމެކެވެ. އަޅުކަން ފިޔަވައި އެހެން ކަންކަމުގެ މައްޗަށް ބަލާލާއިރު، ޝަރުޢުކުރެއްވި ފަރާތް ހަރާންކުރެއްވި ކަމެއް ފިޔަވައި އެހެން ހުރިހާ ކަމަކީ ވެސް ހުއްދަކަންކަމެވެ. އަޅުގަނޑުމެންގެ ކުރިމަތީގައިވާ މައްސަލަ ގުޅެނީ ދެންމެ މި ނަންގަތް ދެބައިން ކުރެ ފަހު ބަޔާއިއެވެ. މުއާމަލާތުގެ ބަޔާއިއެވެ. އެހެންވެ، މިކަމުގެ އަސްލަކީ ހުއްދަވުމެވެ. ޝަރުޢުކުރެއްވި ފަރާތް އެކަން ހަރާން ނުކުރައްވާހާ ހިނދެއްގައެވެ.

ހަލާލު-ހަރާމުގެ ދީނީ މަގާމު

ދެން ހަލާލު-ހަރާމުގެ ދީނީ މަގާމަކީ ކޮބައިކަމާއި މެދު ބަލައިލަމާތޯއެވެ. މިކަން ދެނެގަތުމަށްޓަކައި އިސްލާމީ ހިދާޔަތުގެ، ތެދު މަގުދެއްކުމުގެ، މަގުސަދަކީ ކޮބައިކަން ފާހަގަކޮށްލަންޖެހެއެވެ.

އިސްލާމީ ހިދާޔަތުގެ މަގުސަދު ސާފުވެދިޔުމަށްޓަކައި އެންމެ ފުރަތަމަ އިންސާނީ ދުނިޔަވީ ވުޖޫދުގެ މައްޗަށް ބަލާލަންޖެހެއެވެ. މިކަމުގައި ދެ ބައެއް އެކުލެވިގެން ވެއެވެ. ވަކި ފަރުދެއްގެ ހައިސިއްޔަތުން އިންސާނާ ދުނިޔޭގައިވާވުމާއި އަދި ޖަމާއަތަކަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން ދުނިޔޭގައި ވާވުމެވެ.

އިސްލާމީ ހިދާޔަތުގެ ފުރަތަމަ މަގުސަދު ގުޅެނީ އިންސާނާގެ ފަރުދީ ހައިސިއްޔަތާއިއެވެ. އިންސާނާގެ އިންސާނީ ހާލަތުގެ މައްޗަށް، އެބަހީ، އިންސާނާގެ ކިބައިގައި ލެއްވިފައިވާ ހެޔޮކަންތައް ކުރުމާއި ނުބައި ކަންތައް ކުރުމުގެ އެކަށޭނަކަމުގެ މައްޗަށް ބެލެވި، ހެޔޮކަންތައް ކުރުމަށް ހާނުވައި އޭނާ އިސްލާހުކުރުމާއިއެވެ. އާދެ، މުއުމިނާއަކީ، މާތްﷲއަށް އީމާންވާމީހަކީ، އަޚުލާގީ ގޮތުން ހެޔޮލަފާ އިންސާނަކަށް ހެދުމެވެ. މިލަނޑުދަނޑިއާ ހަމައަށް ވާސިލުވުމަށްޓަކައި ދީނުގައި ހަލާލު-ހަރާމް، އާދެ، ކުރުން އެންމެ ރަނގަޅުކަންތައްތަކަކާއި އެއްގޮތަކަށްވެސް ކޮށްގެން ނުވާނޭ ކަންތައްތަކެއް ކަނޑައަޅާލެވިފައިވެއެވެ.

މިކަމުގެ ހިއްސީ ތަސައްވުރެއް، އަޅުކަމުގެ މަގުސަދުތަކުގެ މައްޗަށް ބަލައިލުމުން ލިބެއެވެ. ނަމާދުގެ މަގުސަދަކީ މާތްﷲ ހަނދުމަކޮށް، ފާހިޝްކަންތައްތަކުންނާއި، އެބަހީ ޒިނޭކުރުންފަދަ އަޚުލާގީގޮތުން ހުތުރުކަންތައްތައް ކުރުމުންނާއި ދޮގުހެދުމާއި ވައްކަންކުރުން ފަދަ މުންކަރާތްތަކުން، އެބަހީ ސަލާމަތް ބުއްދި ވެސް، އެއީ ނުބައި ކަންތައްތައް ކަމުގައި ދެކި، އެކަންކަން އިންކާރުކުރާ ކަންތައްތައް ކުރުމުން ދުރުވުމެވެ. (އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާފަދައިންނެވެ.) އަދި ރޯދައިގެ މަގުސަދަކީ ތަގުވާވެރިވުން ކަމުގައި ބަޤަރާ ސޫރަތުގެ 183ވަނަ އާޔަތުގައި ބަޔާންކުރެވިފައިވެއެވެ. ތަގުވާވެރިވުމުގެ މާނައަކީ މާތްﷲމަތިން ހަނދުމަކޮށް ނުބައިކަންތައްތައް ކުރުމުން ދުރުވެ، ރަނގަޅުކަންތައްތައް ކުރުންމަތީ ދެމިހުރުމެވެ. މީގެ އިތުރު ތަފްސީލު ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ބައެއް ހަދީސްތަކުން ލިބެއެވެ. ރޯދައަށް ހުންނަ ހާލުގައި ވެސް، ހަޑިހުތުރު ވާހަކަ ދައްކައި ހަޑިހުތުރު އަމަލުތައް ކުރާ މީހާ، ކެއުން ބުއިން ދޫކޮށްލައި ބަނޑުހައި ހޫނުކަންމަތީ ހުރުމަކަށް މާތްﷲ ބޭނުންވެވޮޑިގެން ނުވެއެވެ، މިމާނައިގައި އޮންނަ ހަދީސުންނެވެ.

އާދެ! ހަލާލު-ހަރާމުގެ މައްސަލަ ގުޅެނީ ފަރުދީ އިސްލާހާއިއެވެ. އެހެންވެ، ހަލާލު-ހަރާމުގެ މައްސަލަ ވެގެންދަނީ ދީނުގެ ޖައުހަރުކަމުގައެވެ. އިންސާނީ ހާލަތަކީ އެއަށް، ޒަމާނާއި ތަނަށް ނިސްބަތްކޮށް ބަދަލުވާ ކަމަކަށް ނުވާތީ، ހަލާލު-ހަރާމުގެ މައްސަލައަކަށް ވެސް ބަދަލެއްނާދެއެވެ. މިސަބަބަށްޓަކައި، އެއްވެސް އޮޅުމެއް ނާރާ ގޮތެއްގައި، ވަރަށް ސާފު ސީދާގޮތެއްގައި ހަލާލު-ހަރާމު ކަނޑައެޅި ބަޔާންކުރެވިފައި އޮންނަން ޖެހެއެވެ. ޝައްކެއްނެތް ގޮތުގައި ދީނުގެ މިފަދަ ޖައުހަރީ ކަމެއް ކަނޑައަޅާލުން، މީސްތަކުންގެ އަމިއްލަ ރައުޔުގެ މައްޗަށް ބިނާވެފައެއް ނޯންނާނެއެވެ. އަޅުކަމުގެ މައްސަލައެއް ނަމަ، އެކަން ކުރުމުގެ ހެކި، މުއާމަލާތާއި ބެހޭ ކަމެއް ނަމަ، އެކަން ނުކުރެވޭނޭ ކަމުގެ ހެކި، ކީރިތި ގުރުއާނުން، ނޫނީ ކީރތި ރަސޫލާގެ ސުންނަތުން، ވަރަށް ސާފުކޮށް އެނގެން އޮންނަންޖެހެއެވެ. އެހެންވެ، އަޅުގަނޑުމެން އެމައްސަލައަކާ ދޭތެރޭ ބަހުސުކުރަމުންދާ މައްސަލަ، އަންހެނުން ގާޒީކަން ކުރުން ހުއްދަތޯ ނޫންތޯއާއި ބެހޭ މައްސަލަ، މިކަން އޮތީ މިގޮތަށް ސާފުކޮށް ކަނޑައެޅިފައިތޯ ބަލާލަން ޖެހެއެވެ.

އިސްލާމީ ހިދާޔަތުގެ ދެވަނަ މަގުސަދު ގުޅެނީ މުސްލިމުންގެ މުޖުތަމައީ ހަޔާތާއެވެ. މާނައަކީ އެމީހުންގެ މުޖުތަމައު ޖަމާއީ ކަންތައްތައް ހިންގާލުމަށް ކަނޑައެޅިފައިވާ ތައުލީމާތުތަކާއި އަދި އެކަމާ ގުޅޭ ހަލާލު-ހަރާމް ކަންތައްތަކާއިއެވެ. މިކަމުގެ އަސްލަކީ ހަމަހަމަ ކަމާއި އިންސާފުވެރިކަމެވެ. އައްނަހުލު ސޫރަތުގެ 90ވަނަ އާޔަތާއި އަދި އަލްޙުޖުރާތު ސޫރަތުގެ 10ވަނަ އާޔަތާއި އަދި 13ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. މިއާޔަތްތަކުން ދޭހަވާ ގޮތުގައި، އެންމެންނަކީ ވެސް ހަމަހަމަ ބަޔެކެވެ. މުޖުތަމައުގެ އަފުރާދުންނަށް ހަމަހަމަ ގޮތެއްގައި ކަންތައްތައް ކުރެވެންޖެހޭނޭކަމެވެ. އިސްލާމީ ހިދާޔަތުގެ މުޖުތަމައީ ބަޔާއި ގުޅޭ ތައުލީމާތުތަކުގެ މަގުސަދަކީ އަދުލުއިންސާފު ގާއިމުކުރުމެވެ. މީގެ މާނައަކީ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވުމެވެ. މުޖުތަމައުގެ ޖަމާއީ މުއްސަނދިކަން ހަމަހަމަ ގޮތެއްގައި މުޖުތަމައުގެ އަފުރާދުންގެ މެދުގައި ބެހިގެންދިޔުމެވެ. މުޖުތަމައުގައި ދެވޭ ތައުލީމީ، ސިއްހީ، އަދި އިޖުތިމާއީ ޚިދުމަތްތައް ފަދަ ތަފާތު ޚިދުމަތްތައް، އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބެން އޮތުމެވެ. އަދި ވަޒީފާގެ ފުރުސަތުތައް، މީހުންނަށް ލިބިފައިވާ ހުނަރާއި ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށް ހަމަހަމަ ގޮތެއްގައި އެންމެންނަށް ހުޅުވާލެވިފައި އޮތުމެވެ. މުޖުތަމައުގެ އަފުރާދުންގެ މެދުގައި ތަފާތުކޮށް، ހަމުގެ ކުލައަށް ނުވަތަ ނަސަބަށް ރިއާޔަތްކޮށް، ވަކިބަޔަކަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނުމާއި މީސްތަކުންނަށް އަނިޔާވެރިވުމަކީ އިސްލާމް ދީން ހުއްދަކުރާނޭ ކަމެއް ނޫނެވެ. އިސްލާމީ ހިދާޔަތުގެ މި ދެންނެވި ދެ މަގުސަދުގެ މައްޗަށް ބަލައިލުމުން، ކީރިތި ގުރުއާން ބޭނުންވާ މިސާލީ މުޖުތަމައުގެ ސިފަ ފާހަގަކުރެވިގެން ދެއެވެ. އާދެ، އަޚުލާގީ ގޮތުން ރަނގަޅު، ހެޔޮލަފާ ފަރުދުންތަކެއް އެކުލެވޭ އަދި އެ މުޖުތަމައުގެ ޖަމާއީ ކަންކަން ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ މުޖުތަމާއެކެވެ.

މަތީގައި ބަޔާންކުރެވިގެންދިޔަ، އިސްލާމީ ހިދާޔަތުގެ މައިގަނޑު ދެ މަގުސަދު ގުޅޭ އިންސާނީ ވުޖޫދުގެ މައްޗަށް ބަލާލާއިރު، އަޅުގަނޑުމެންގެ ކުރިމަތީގައިވާ މައްސަލަ، އާދެ، އަންހެނުން ގާޒީކަމަށް އިސްކުރުމުގެ މައްސަލަ، ގުޅެނީ މުސްލިމުންގެ މުޖުތަމައީ ހަޔާތާއި އެވެ. މުޖުތަމައުގެ ކަންތައްތައް ރާވައި އިންތިޒާމުކުރުމާއިއެވެ. އެހެންވެ، މިކަމުގައި ބާރު އެޅެން ޖެހޭނީ އަދުލުވެރިވުމަށާއި ހަމަހަމަކޮށް ކަންތައް ކުރުމަށެވެ.

އަންހެނުން ގާޒީކަމަށް އިސްކުރުމާއި އަދި ނުކުރުމާއި ބެހޭ ޝަރުއީ ހެކި

އާދެ، ‘ދަންބެރަށް ވުރެ ތަގުޑި ދިގުވެއްޖެ’އެވެ. ނަމަވެސް މަތީގައި ނަންގަނެވުނު ވާހަކަތަކަކީ އަޅުގަނޑުމެންގެ އަސްލު މައްސަލައިގެ ސިޔާގާއި ނުވަތަ ކޮންޓެކްސްޓާއި ގުޅޭ ކަމަށްވާތީ އެވާހަކަތައް ހުށަހަޅާލަންޖެހުނީއެވެ. ދެން ދެވަނަ ނުކުތާ، އާދެ، އަންހެނުން ގާޒީކަން ކުރުން ހުއްދަވުމާއި ނުވުމުގެ ޝަރުއީ ދަލީލަކީ، ހެއްކަކީ، ކޮބައިތޯ ބަލާލަމާތޯއެވެ. އާދެ، އެކަމުގެ ޝަރުއީ ދަލީލުގެ މައްޗަށް ނަޒަރު ހިންގާލަމާތޯއެވެ.

އަންހެނުން ގާޒީކަމަށް އިސްކުރެވިދާނޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާލުމުގެ މައްސަލަ ގުޅެނީ ހަދީސަކާއި އެވެ. لن يفلح قوم ولى أمرهم امرأة، މި ހަދީސެވެ. މާނައަކީ ‘އެ ބަޔެއްގެ (ޖަމާއީ) ކަންތައްތައް ހިންގާލުމުގެ މައްޗަށް އަންހެނަކު އިސްކުރާ ބަޔަކަށް ކާމިޔާބީއެއް، ކުރިއެރުމެއް، ދުވަހެއްގައި ވެސް ނުލިބޭނެއެވެ.’ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ މިހެން ވިދާޅުވި ކަމަށް ރިވާކުރެވިގެންވަނީ، ފާރިސްކަރައިގެ ވެރިކަމަށް ކިސްރާގެ އަންހެން ދަރިކަނބަލުން އިސްކުރެވުނު ޚަބަރު، އެކަލޭގެފާނަށް، އެރުވުމާއި ވިދިގެންނެވެ.

މި ހަދީސް ސީދާ ގުޅެނީ އަންހެނުން ވެރިކަމަށް އިސްކުރުމާއިއެވެ. އެހެން ނަމަވެސް، ގިޔާސުގެ އަސްލުގެ މައްޗަށް ބެލެވި، އަންހެނުން ގާޒީކަމަށް އިސްކުރުމުގެ މައްސަލައާއި ވެސް މި ހަދީސް ގުޅުވާލެވެއެވެ. އަދި، އަންހެނުން ގާޒީކަމަށް އިސްކުރުން މަނާކުރާ ބޭކަލުން، އެކަން މަނާކުރުމަށް މި ހަދީސުން ހެކި ލިބިގަނެއެވެ.

ދެން މި ހަދީސްގެ މައްޗަށް ތަންގީދީ ނަޒަރެއް ހިންގާލަމާތޯއެވެ. މި ހަދީސަކީ ‘އާހާދު’ (އެކަހެރި) ހަދީސެކެވެ. މާނައަކީ ‘މަދު ބަޔަކު’ ރިވާކޮށްފައިވާ ހަދީސެކެވެ. މި ހަދީސްގެ ‘މަގުތަކަށް’، ހަދީސް ރިވާކުރެއްވި ރާވީންގެ ސިލްސިލާތަކަށް ބަލާލާއިރު، އެ މަގުތަކުގެ އަދަދު ތިނަކަށް ވުރެ ގިނަނުވާ ހަދީސެކެވެ. އާންމު ގޮތެއްގައި އިއުތިގާދީ މައްސަލަތަކާއި ހަލާލު-ހަރާމުގެ މައްސަލަތައް ދެނެގަތުމުގައި ބޭނުންކުރެވެނީ ‘މުތަވާތިރު’ ހަދީސްތަކެވެ. އެތައް ބަޔަކު ރިވާކޮށް އެތައް މަގުތަކަކުން ރިވާވެގެން އައިސްފައިވާ ހަދީސްތަކެވެ. އާންމު ގޮތެއްގައި، ހަލާލު-ހަރާމް ކަނޑައާޅާލުމަށްޓަކައި، ހެއްކެއްގެ ގޮތުގައި، އާހާދު ހަދީސް ބޭނުން ނުކުރެވޭނޭ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް، މި ހަދީސަކީ އިސްލާމީ އުއްމަތް ‘ބަލައިގެންފައިވާ ހަދީސެއްކަމުން’، ޝަރުއީ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނޭކަމަށް އަނެއްބައި އިލްމުވެރިން ވިދާޅުވެއެވެ.

ދެވަނަ މައްސަލައަކީ މި ހަދީސް ރިވާކުރެވިގެންވާ ދެ މަގުގައި އެކުލެވޭ ރާވީންގެ ސިލްސިލާގައި މައްސަލަތައް ހުރުމެވެ. މި ހަދީސްގެ އެއް ރިވާޔަތް ބިނާވެފައިވަނީ އަބޫ ބަކްރާއޭ ކިޔުނު އަސްހާބު ބޭކަލެއްގެ މައްޗަށެވެ. މިބޭކަލަކީ ގަޒްފުގެ ހައްދު ޖެހިފައިވާ ބޭކަލެއް ކަމުން، އެކަލޭގެފާނުގެ ރިވާޔަތް ގަބޫލުނުކުރެވޭނޭ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް އަނެއްބައި ބޭކަލުން ވިދާޅުވަނީ ހުރިހާ އަސްހާބު ބޭކަލުންނަކީވެސް ‘އަދުލު’ވެރިންކަމެވެ. މާނައަކީ ތެދުވެރި ސާލިހު ބޭކަލުން ކަމެވެ. އަދި، އަބޫ ބަކްރާގެ ހައްދުޖެހުން ބިނާވެފައި އޮތީ އޭނާ ސީދާ ގަޒްފު ކުރައްވައިގެނެއްނޫނެވެ. މީހަކު ޒިނޭކުރިކަމަށް ހެކިބަސްދިނުމާއި، އެކަން ސާބިތުކުރަން ބޭނުންވާ ހަތަރު ހެކިން ފުރިހަމަނުވުމުންނެވެ. އެހެންވެ، އަބޫ ބަކްރާގެ ރިވާޔަތްތައް ވެސް ގަބޫލުކުރެވޭނޭ ކަމަށް ގިނަ އިލްމުވެރިން ވިދާޅުވެއެވެ. ދެވަނަ ރިވާޔަތުގެ ރާވީންގެ ތެރޭގައި ‘ދޮގުވެރިޔަކު’ ހިމެނޭތީ އެ ރިވާޔަތް ބަލައި ނުގަނެވެއެވެ.

ތިންވަނަ މައްސަލައަކީ މި ހަދީސް އަލްޖަމަލުގެ ދާޚިލީ ހަނގުރާމައިގެ ހާދިސާއާއި ގުޅިފައިވުމެވެ. މި ހަދީސްގައި އަބޫ ބަކްރާ ވިދާޅުވާގޮތުގައި، އަލްޖަމަލު ހަނގުރާމައިގައި ބައިވެރިވެލައްވަން އުޅުއްވާފައި މި ހަދީސް ހަނދުމަފުޅުވެ، އެކަން ނުކުރެއްވީއެވެ. މިތާގައި ހަނދާންކޮށްލަން ޖެހެނީ އަލްޖަމަލު ހަނގުރާމައަކީ ހަތަރުވަނަ ޚަލީފާގެ ދުވަސްވަރު މުސްލިމުންގެ މެދުގައި ހިނގި ދާޚިލީ ހަނގުރާމައެކެވެ. އެ ހަނގުރާމައިގެ އެއްކޮޅުގައި ހުންނެވީ ހަތަރުވަނަ ޚަލީފާ އަލީގެފާނެވެ. އަނެއް ކޮޅުގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ ޢާއިޝަތުގެފާނެވެ. އަބޫ ބަކްރާގެ ބަސްފުޅުން، ޢާއިޝަތުގެފާނަށް ކާމިޔާބުނުލިބޭނޭކަމަށް ދެކިލައްވާކަމާއި އަދި އެކަން ބިނާވަނީ އެކަމަނާފާނު އަންހެން ކަނބަލަކަށްވުންކަން، ދޭހަވެއެވެ. މި ދާޚިލީ ފިތުނަވެރި ހަނގުރާމައިގައި އިސްލާމީ އުއްމަތް ދެބައިވެ، އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރިއެވެ. އަދި އެކިއެކި ހުއްޖަތާއި ހެކި، އެބަޔަކުގެ ގޮތް ރަނގަޅު ކުރުމަށް ނުވަތަ އެބަޔަކާއި އިދިކޮޅު ބައި ކުށްވެރިކުރުމަށް ބޭނުންކުރިއެވެ. އާންމު ގޮތެއްގައި ބައެއް ހަދީސް އިލްމުވެރިން މިފަދަ ފިތުނަތަކާއި އަދި ސިޔާސީ ހަމަނުޖެހުންތަކާއި ގުޅުން ހުރި ހަދީސްތައް ސައްހަ ކަމުގައި ބެއްލެވުމުން އެއްކިބާވެލައްވައެވެ.

ހަތަރުވަނަ މައްސަލައަކީ މި ހަދީސާއި ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކުގެ މާނައާއި ފުށުއަރާކަމެވެ. އައްނަމްލު ސޫރަތުގެ 22ވަނަ އާޔަތުން ފެށިގެން 44ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވާ ސަބައުގެ ރާނީ، ބަލްގީސް ރަނިކަމަނާގެ ވާހަކައާއި މިހަދީސް ފުށުއަރައެވެ. މިއާޔަތްތަކުގައި ވަނީ އެކަމަނާއަކީ ހަރުދަނާ ވެރިއެއްކަން ފާހަގަކޮށް އެކަމަނާއަށް ތައުރީފުކުރެވިފައެވެ. އަންހެނުން ވެރިކަމަށް ނުވަތަ ގާޒީކަން ފަދަ އިސް މަގާމަކަށް އައުން އެއީ ހުއްދަނޫން ކަމެއް ކަމަށް ވާނަމަ، މި މަގާމުގައި ކީރިތި ގުރުއާނުގައި އެކަން ފާހަގަކުރެވޭނޭކަމަށް ބެލުމަކީ ބުއްދި ލާޒިމުކުރާކަމެކެވެ. މިއާއި ދިމާ އިދިކޮޅަށް، މި މަގާމުގައި ބަލްގީސް ރަނިކަމަނާއަށް ކީރިތި ގުރުއާނުގައި އޮތީ ތައުރީފުކުރެވިފައެވެ. މިއިން އެނގެނީ އެކަމަނާގެ ވެރިކަމާއި މެދު ކީރިތި ގުރުއާނުގެ އެއްވެސް މައްސަލައެއް ނެތްކަމެވެ. އަދި ކީރިތި ގުރުއާނުގެ ނައްސަކާއި ހަދީސަކާއި ފުށުއަރައިފިނަމަ އިސްކަން ދެވެނީ ކީރިތި ގުރުއާނުގެ ނައްސަށެވެ.

ދެން މި މައްސަލަ، އާދެ، އަންހެނުން ގާޒީކަމަށް އިސްކުރުން ހުއްދަކުރުމާއި ނުކުރުމުގެ މައްސަލަ، ގުޅުވާލެވޭ އަނެއް ހެއްކަކީ ކީރިތި ގުރުއާނުގެ ބަޤަރާ ސޫރަތުގެ 282ވަނަ އާޔަތެވެ. މި އާޔަތުގައި ދެ ފިރިހެނުންގެ ހެކިބަސް ނުލިބިއްޖެނަމަ ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ފުދޭނޭކަމަށް އައިސްފައި އޮންނަ އޮތުމާއިއެވެ. މި އާޔަތް މާނަކުރުމުގައި ފިރިހެނެއްގެ ހެކިބަސް ދެ އަންހެނެއްގެ ހެކި ބަހާއި އެއްވަރު ކުރެވުމުގެ މާނައަކީ، އަންހެނުންނަކީ ‘ސިކުނޑީގެ ގޮތުންނާއި، ވިސްނުމާއި ފިކުރުކުރުމުގެ ގޮތުން’ އުނި ބަޔެއްކަމުގައި ފަޚުރުއްދީން އައްރާޒީ ފަދަ އިހުގެ ބައެއް އިލްމުވެރިންނާއި އަދި މިހާރުގެ ބައެއް ބޭކަލުންވެސް ވިދާޅުވެއެވެ. އަދި އެހެންވެ، އެ ފަދަ ބަޔަކު ވެރިކަމަށާއި ގާޒީކަމަށް އިސްކުރުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ބެލެވެއެވެ. (މިކަމާއި ގުޅޭ ބައެއް ވާހަކަތައް، މި ދުވަސްވަރު، މި މައްސަލައާއި ބެހޭގޮތުން ލިޔެވި، ‘ވަގުތު’އާއި ‘މިހާރު’އާއި އަދި ‘މިއަދު’ ފަދަ އެކިއެކި ދިވެހި ނޫސްތަކުގައި ޝާއިއު ކުރެވިފައިވާ ލިޔުންތަކުން ފެންނާނެއެވެ.)

ބަޤަރާ ސޫރަތުގެ 282ގެ މި ނަންގަތް މާނަކުރުމާއި މެދު ތަންގީދީ ނަޒަރަކުން ބަލާލަން ގަސްދުކުރަމެވެ. އެންމެ ފުރަތަމަ ފާހަގަކޮށްލަންޖެހެނީ މިއާޔަތުގައި ހިމެނޭ ‘ހެކިވެރިކަން’ ގުޅޭ މައްސަލައަކީ ކޮބައިކަމެވެ. އެކަން ގުޅެނީ މުސްތަގުބަލީ ޒިންމާ އެކަމުގައި ހިމެނޭ ވިޔަފާރީގެ މުއާމަލާތްތަކާއިއެވެ. އެއްޗެއް ގަތުމަށް ފައިސާދައްކައި، ކަނޑައެޅިގެންވީ މުއްދަތެއްގެ ތެރޭގައި އެ އެތި ގަތް ފަރާތަށް، އެ އެތި ހަވާލުކުރުމަށް ވެވޭ އެއްބަސްވުމުގެ ވިޔަފާރީގެ މުއާމަލާތްތަކާއިއެވެ. މި ފަދަ ވިޔަފާރިއަކީ، އެދުވަސް ވަރު، އާންމު ގޮތެއްގައި، ހަމައެކަނި ފިރިހެނުން ކޮށް އުޅުނު ވިޔަފާރިއެކެވެ. ދީނީ ގޮތުން އަންހެނުން އެކަން ކުރުން މަނާވެފަ އޮތީމައެއް ނޫނެވެ. މުޖުތަމައުގައި އެގޮތަށް އެކަން ކުރުން ހަމަޖެހިފައި އޮތީމައެވެ. އެހެންވެ، އާންމު ގޮތެއްގައި މިކަމުގެ ހުނަރު ލިބިފައި އޮންނަނީ ފިރިހެނުންނަށެވެ. އަންހެނުން ކޮށް ނޫޅޭ މަސައްކަތަކަށް ވުމުން، އެކަމުގެ ހުނަރު އެކަނބަލުންނަށް ލިބިގެން ނުވެއެވެ. އެހެންވެ، މިފަދަ ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭއިރު، ހެއްކެއްގެ ގޮތުގައި އަންހެނުން ހިމަނާ ނަމަ، އެ ވިޔަފާރީގެ ތަފްސީލުތައް ހަނދާން ނުހުރެދާނެކަމަށް ބެލެވި، އެކަން ހަނދާންނެތިދާނެ ހާލަތެއްގައި، ހަނދާންކޮށްދިނުމުގެ ގޮތުން، ހެއްކެއްގެ ގޮތުގައި ދެވަނަ އަންހެނަކު ބެހެއްޓުމަށް އެއާޔަތުގައި އިރުޝާދުދެވިފައިވަނީއެވެ. ފަހަރެއްގައިވެސް، އަންހެނުންނަކީ އުފެދުމުގައި ސިކުނޑީގެ އުނިކަމެއް ހުންނަ ބަޔަކަށްވާތީ އެ ގޮތަށް ކަންތައް ކުރުމަށް އިރުޝާދުދެވިފައި ވަނީއެއް ނޫނެވެ. އާދެ، މިއީ އުފެދުމާއި ގުޅުން ހުރި ކަމެއް ނޫނެވެ. މުޖުތަމައުގެ ސަގާފަތާއި، އާދަކާދަ ނިޔާކުރާ ގޮތުގެ މަތިން ކަންތައްތައް ކުރުން އޮތް ގޮތާއި، ގުޅިފައިވާ ކަމެކެވެ.

ދެވަނައަށް ފާހަގަކޮށްލަން ޖެހެނީ ބަޤަރާ ސޫރަތުގެ 282ގައި ނަންގަނެވިފައިވާ ހެކިވެރިކަމުގެ ބާވަތެވެ. މި ހެކިވެރިކަން ގުޅެނީ ހެކި ބަލައިގަތުމާއިއެވެ. ހެކި ދިނުމަކާއި ނޫނެވެ. ހެކި ބަލައިގަތުމަކީ ކަމެއް ހިނގައި ދިޔަކަން އެނގިހުރިކަން ހިތަށްނަގައި ހަރުކޮށްލުމެވެ. މިސާލަކަށް ކައިވެންޏެއް ކުރެވޭއިރު، ކައިވެނީގެ މަޖުލިހުގައި ތިބޭ ހެކީންނަކީ ހެކި ބަލައިގަންނަ ބައެކެވެ. ކައިވެންޏެއް ވެއްޖެކަން ދެނެގަނެ އެކަން ހިތަށް ނަގަން ތިބޭ ބައެކެވެ. ހެކި ދިނުމަކީ ޝަރީއަތުގެ މަޖިލިހުގައި ގާޒީއެއްގެ ކުރިމަތީގައި ކަމެއް ހިނގިގޮތް ބަޔާންކުރުމެވެ. ހެކިވެރިޔާ ހެކި ބަލައިގަނެ، އެކަން އޭނާގެ ހިތަށް ނެގިފައިވާ ގޮތަށް، ތެދުވެރިކަމާއިއެކު، ޝަރީއަތުގެ މަޖުލިހުގައި ބަޔާންކޮށް، ބުނުމެވެ. ބަޤަރާ ސޫރަތުގެ 282ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ހެކީގެ ބާވަތް ގުޅެނީ ހެކި ބަލައިގަތުމާއިއެވެ. އެހެންވެ، އަންހެނަކު، އޭނާ ހެކި ބަލައިގަތް ކަންތައް ރަނގަޅަށް ހަނދާންހުރެއްޖެ ނަމަ، އޭނާ އެކަނި، އެހެން އަންހެނަކާއި ނުލައި، ޝަރިއަތުގެ މަޖުލިހެއްގައި، ހެކިބަސް ދެވިދާނެކަމަށް އިބްނު އަލްގައްޔިމު އޭނާގެ ‘އިޢުލާމު އަލްމުޥައްޤިޢީން’ގައި ބަޔާންކުރައްވާފައިވެއެވެ. މިކަމުން ވެސް ދޭހަވަނީ ބަގަރާ ސޫރަތުގެ 282ވަނަ އާޔަތުގައި ހެކިންގެ ގޮތުންގައި ފިރިހެނެއްގެ ބަދަލުގައި ދެ އަންހެނުން ތިބުން އޮތުމަކީ އަންހެނުންގެ އުފެދުމާއި ގުޅިފައި އޮތް ކަމެއް ނޫންކަމެވެ. އެއީ މުޖުތަމައުގެ ސަގާފަތާއި ގުޅޭކަމެއް ކަމެވެ. ކީރިތި ގުރުއާނުގައި އަންހެނާގެ ހެކިބަހާއި ފިރިހެނާގެ ހެކިބަސް ހަމަހަމަ ގޮތެއްގައި ބެލެވިފައިވާ އާޔަތްތައް ވެސް އެބަ ހުއްޓެވެ. މިސާލެއްގެ ގޮތުން ލިޢާނުގެ މައްސަލައިގައި އަންހެނާގެ ހެކި ބަހާއި ފިރިހެނާގެ ހެކި ބަސް ހަމަ ހަމަ ކަމުގައި ނޫރު ސޫރަތުގެ ހަވަނަ އާޔަތުން ފެށިގެން ނުވަވަނަ އާޔާތުގެ ނިޔަލަށް ކަނޑައެޅިފައިވެއެވެ. ބަގަރާ ސޫރަތުގެ 282ގައި އައިސްފައިވާ އަންހެނުންގެ ހެކީގެ މައްސަލަ އެކަނބަލުންގެ އަންހެންވަންތަ ކަމާއި ގުޅޭ ނަމަ، ނޫރު ސޫރަތުގެ ލިއާނުގެ ހެކީގެ މައްސަލަ ހަމަހަމަ ގޮތެއްގައި ކަނޑައެޅިފައެއް ނުއޮތީހެވެ.

މި މަގާމުގައި ބަޤަރާ ސޫރަތުގެ 282ވަނަ އާޔަތުގެ ވާހަކަ ނަންގަންނަން ޖެހޭ ސަބަބަކީ، އަންހެނުން ގާޒީކަން ނުކުރެވޭނޭ ކަމަށް ވާހަކަ ދައްކާއިރު، އެކަމުގެ ސަބަބު ބަޔާންކޮށް ދިނުމުގެ ގޮތުން މިއާޔަތުގެ ވާހަކަ ނަންގަނެވޭތީ އެވެ. އަދި، އެކަން މަނާކުރާ ސަބަބަކީ އަންހެނުންނަކީ ސިކުނޑީގެ ގޮތުން އުނި ބަޔެއް ކަމުގައި މި އާޔަތުން، އެ ގޮތަށް ޒުވާބު ދެއްވާ ބޭކަލުން، ހެކިލިބިގަތުމަށް މަސައްކަތްކުރައްވާތީއެވެ. މިއީ އެކަން އޮތް ގޮތް ނޫންކަން ދެންމެ ބަޔާންކުރެވިއްޖެއެވެ.

މައްސަލައިގައި އިލްމުވެރިންގެ ރައުޔު

ދެން، ތިންވަނަ ނުކުތާއަށް އެނބުރިލަމާތޯއެވެ. އަންހެނުން ގާޒީކަންކުރުމުގެ މައްސަލައިގައި އިހުގެ އިލްމުވެރިންގެ ރައުޔާއި އަދި މިހާރުގެ އިލްމުވެރިންގެ ރައުޔު ބަޔާންކުރުމުގެ ނުކުތާއެވެ.

އިހުގެ އިލްމުވެރިންގެ ގިނަ ބޭކަލުން ދެކިލައްވަނީ އަންހެނުންނަށް ގާޒީކަން ނުކުރެވޭނޭ ކަމަށެވެ. މީގެ ތެރޭގައި މާލިކީ އަދި ޝާފިޢީ އަދި ހަނަފީ މަޒްހަބުގެ އިމާމުވެރި ބޭކަލުންނާއި އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ. އަބޫ ހަނީފާގެ ރައުޔު ދެ ގޮތަކަށް މާނަކުރެވެއެވެ. އެކަން ހުއްދަކުރައްވާ ކަމަށާއި އަދި އެކަން ހުއްދަ ނުކުރައްވާ ކަމަށެވެ. އަދި ފަހުގެ ރައުޔަކީ އެންމެ ސައްހަކަން ބޮޑު ރައުޔު ކަމުގައިވެސް ބުނެވެއެވެ. މި ބޭކަލުންގެ ހެއްކަކީ ކުރިން ބަޔާން ކުރެވި ދިޔަ ހަދީސެވެ. ބަޔެއްގެ ވެރިކަމަށް އަންހެނަކު އިސްކުރެވިއްޖެ ނަމަ، އެ ބަޔަކަށް ފަލާހު، ކާމިޔާބީއާއި ކުރިއެރުން، ނުލިބޭނެކަމަށް އޮންނަ ހަދީސެވެ.

އިހުގެ އިލްމުވެރިންގެ ތެރޭގައި، ޒާހިރީ މަޒުހަބުގެ މުއައްސިސު، އިމާމު އިބްނު ހަޒްމު، އަންހެނުން ގާޒީކަމަށް އިސްކުރުން ހުއްދަކުރައްވައެވެ. މި ރައުޔު އިމާމު ތަބަރީއަށް ވެސް ނިސްބަތް ކުރެވެއެވެ. މި ރައުޔު ބިނާވަނީ، މިބޭކަލުންގެ ނަޒަރުގައި، މިކަން މަނާކުރާވަރުގެ ހެއްކެއް ނެތުމާއިއެވެ.

އިހުގެ އިލްމުވެރިންގެ ތެރޭގައި ތިންވަނަ ރައުޔެއްގެ ބޭކަލުން ވެސް ހިމެނެއެވެ. އެ ބޭކަލުންގެ ރައުޔުއަކީ ވަކި ކަހަލަ މައްސަލަތަކެއް ބަލައި ހުކުމް ކުރުމަށް އަންހެނުން ގާޒީކަމަށް އިސްކުރެވިދާނޭކަމެވެ. އެއީ ކައިވެންޏާއި ވަރިއާއި މުދަލާއި ފައިސާއާއި ބެހޭ ފަދަ ބައެއް ކަހަލަ މައްސަލަތަކެވެ. ނަމަވެސް، ހުދޫދާއި ގިސާސާއި ބެހޭ ފަދަ މައްސަލަތައް ބެލުމަށްޓަކައި އަންހެނުން ގާޒީކަމަށް އިސްނުކުރެވޭނޭކަމަށް މި ރައުޔުގެ ބޭކަލުން ވިދާޅުވެއެވެ. މި ރައުޔު ބިނާވެފައިވަނީ ކުރިން ނަންގަނެވި ދިޔަ އަންހެނުން ވެރިކަމަށް އިސްކުރުން މަނާކުރާ ހަދީސްއާއި އަދި ބަޤަރާ ސޫރަތުގެ އަންހެނުންގެ ހެކިބަސް ގަބޫލުކުރުން މާނަ ކުރުމާއި ބެހޭ 282 ވަނަ އާޔަތާއިއެވެ.

މިހާރުގެ ދީނީ ގިނަ އިލްމުވެރިންނާއި އަދި ދީނީ ތައުލީމުގެ ބައެއް ބޭކަލުން ވެސް ދެންމެ މި ނަންގަތް އިހުގެ އިލްމުވެރިންގެ ރައުޔުގައި ހިއްޕަވައި، އެ ރައުޔުތަކަށް ތަބާވެ ވަޑައިގަންނަވައެވެ. އަދި ވެރިކަމަށާއި ގާޒީކަމަށް އަންހެނުން އިސްކުރުމަކީ ހުއްދަނޫން ކަމެއްކަމުގައި ދެކެވަޑައިގަންނަވައެވެ.

މިއާއި ޚިލާފަށް މިހާރުގެ ބައެއް އިލްމުވެރިން މިކަން ހުއްދަ ވެސް ކުރައްވައެވެ. އެފަދަ ބޭކަލުންގެ ރައުޔު ބިނާވަނީ އަންހެނުން ވެރިކަމަށާއި ގާޒީކަމަށް އިސްކުރުން މަނާކުރާވަރުގެ ވަރުގަދަ ހެއްކެއް ނެތްކަމެވެ. އަންހެނުން ވެރިކަމަށާއި ގާޒީކަމަށް އިސްކުރުން މަނާކުރުމަށް ގެނެވޭ ހަދީސްއަކީ ތަފާތު މައްސަލަތައް ހުރި ހަދީސްއަކަށް ވުމެވެ. އާހާދު ހަދީސަކަށްވުމާއި އަދި ކީރިތި ޤުރުއާނުގެ ނައްސާއި ފުށުއަރާ ހަދީސަކަށް ވުމެވެ. އަދި، މި ހަދީސްގެ މާނަ އާންމުކޮށް ދުނިޔޭގައި ކަން ހިނގާގޮތާއި ވެސް ފުށުއެރުމެވެ. އަންހެނުން ވެރިންނަށް ތިބި އެތައް ގައުމަކަށް ކާމިޔާބާއި ކުރިއެރުން ލިބިފައިވުމެވެ. އަދި ހަމަ އެހެންމެ، ބޮޑެތި ކުންފުނިތަކުގެ އެންމެ އިސްމަގާމުތަކުގައި އަންހެނުން މިއަދު ތިބިކަން އަންގައިދެނީ އެކަނބަލުންގެ އުފެދުމުގައި އެއްވެސް އުނިކަމެއް ނެތްކަމެވެ. އެހެންވެ، މި ބޭކަލުން ދެކިލައްވާ ގޮތުގައި، އަންހެނުންނަކީ ފިކުރީގޮތުން އުނިބަޔެއްކަމުގެ ރައުޔު، ބިނާވެފައި އޮތީ އެއްވެސް އިލްމީ ހަގިގަތެއްގެ މައްޗަކަށް ނޫނެވެ. އެކަން ބިނާވެފައި އޮތީ ވަކި ދުވަސްވަރެއްގެ އިޖުތިމާއީ-ސަގާފީ ހާލަތު އޮތް ގޮތުގެ މައްޗަށްކަމެވެ. އެދުވަސްވަރަކީ އާންމު ގޮތެއްގައި މުޖުތަމައުގައި އަންހެނުންގެ ދައުރު ހަނިގޮތަކަށް ކަނޑައެޅިފައި އޮތް ދުވަސްވަރެކެވެ. އެދުވަސްވަރުގައި އެކަނބަލުންގެ ވާޖިބަކީ ގޭތެރެ ބެލެހެއްޓުމާއި ދަރިން ތަރުބިއްޔަތުކުރުމެވެ. އުނގެނުމުގެ ފުރުސަތު އެކަނބަލުންނަށް، އާންމު ގޮތެއްގައި، ހުޅުވާލެވިފައި ނެތުމެވެ. އެހެންވެ، މިކަމަކީ ދީނީ ތައުލީމުގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ނޫންކަމެވެ. އިޖުތިމާއީ-ސަގާފީ ހާލަތުގެ މައްޗަށް ބިނާވެފައި އޮތް ކަމެކެވެ. މި ހާލަތު ބަދަލުވުމުން، މަސައްކަތްކުރުމާއި އަދި ތަފާތު ވަޒީފާތައް އަދާކުރުމުގެ ފުރުސަތު އެކަނބަލުންނަށް ވެސް ލިބިދޭން ޖެހޭކަމެވެ. އެކަނބަލުންނަށް ލިބިފައިވާ ހުނަރަކާއި ގާބިލިއްޔަތެއްގެ މައްޗަށް ރިއާޔަތް ކުރެވިގެންނެވެ. އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި، ޝިފާ ބިންތު އަބްދުއްލާ، އެކަމާނާގެ ހުނަރާއި ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށް، މާރުކޭޓުގެ ކަންތައްތައް ބެލެހެއްޓެވުމުގެ އިސްވެރިއެއްގެ ގޮތުގައި އިސްކުރެވުނުކަމަށް ބުނެވޭ ބުނުމުން އެނގޭ ފަދައިންނެވެ.

އާދެ، ނިންމާލަމުން، އަޅުގަނޑުގެ ނަޒަރުގައި، މި މައްސަލައާއި ބެހޭ ގޮތުން، ގޮތެއް ކަނޑައަޅާލުމައްޓަކައި ބަލާލަން ޖެހޭ، އެންމެ މުހިއްމު ނުކުތާ ފާހަގަކޮށްލާނަމެވެ. ފުރަތަމަ ނުކުތާގައި ބަޔާންވެދިޔަ ފަދައިން، އިސްލާމް ދީނުގައި ކަމެއް ހަރާންކުރުން ބިނާވާން ޖެހެނީ ވަރުގަދަ ހެއްކެއްގެ މައްޗަށެވެ. މި މައްސަލައާއި ސީދާ ގުޅުން ހުރި ހަމަ އެކަނި ހެއްކަކީ މަތީގައި ބަޔާންކުރެވިދިޔަ، ބަޔަކު، އަންހެނަކު ވެރިކަމަށް އިސްކުރެވިއްޖެނަމަ، އެބަޔަކަށް ކާމިޔާބީ ނުލިބޭނޭކަމަށް އޮންނަ ހަދީސެވެ. މި ހަދީސްގައި ތަފާތު މައްސަލަތައް ހުރިކަން މަތީގައި ބަޔާންކުރެވުނެވެ. އެއީ މި ހަދީސަކީ އާހާދު ހަދީސަކަށް ވުމާއި، މި ހަދީސްގެ ރާވީންގެ ބަސް ގަބޫލުކުރުމުގެ މައްސަލައާއި އަދި ހަދީސްގެ މާނަ ކީރިތި ގުރުއާނުގެ ނައްސާއި އަދި ދުނިޔޭގައި ކަން ހިނގާ ގޮތާއި ފުށުއެރުމެވެ. މިވެނި ކަމަކީ ކަނޑައެޅިގެން ހަރާން ކަމެއްކަމަށްވާ ނަމަ، އެކަން އޮންނަން ޖެހޭނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެވިފައިކަން، ހަލާލު-ހަރާމް ކަނޑައެޅުމުގެ އުސޫލުތަކުން އެނގެއެވެ. މި މައްސަލައާއި ބެހޭގޮތުން ތަފާތު ތިން ރައުޔު އޮތްކަން ދޭހަކޮށްދެނީ މި މައްސަލައާއި ބެހޭ ގޮތުން އެފަދަ ވަރުގަދަ ހެއްކެއް ޝަރުއީ ނައްސުތަކަން ލިބެން ނެތް ކަމެވެ. އާދެ، އަންހެނުން ވެރިކަމަށާއި އަދި ގާޒީކަމަށް އިސްކުރުން މަނާކުރާ ‘އެއް މާނަ ދޭހަކުރެވޭ’ (އަންއިކުވިވޯކަލް) އެއްވެސް ހެއްކެއް ނެތްކަމެވެ. އެ ފަދަ ހެއްކެތް ނެތުމުގެ މާނައަކީ އަންހެނުން ވެރިކަމަށާއި ގާޒީކަމަށް އިސްކުރެވިދާނޭކަމެވެ. މުއުމިނާގެ އަމަލުތަކުގެ މުއާމަލާތްތަކާއި ބެހޭ އަސްލަކީ، މަތީގައި ބަޔާންކުރެވިދިޔަފަދައިން، އެކަންކަން މަނާކުރާ ޝަރުއީ ހެއްކެއް ނެތްނަމަ، ހުއްދަވުންކަމަށްވާތީއެވެ. އަދި، މިފަދަ މަގާމުތަކަށް މީހުން އިސްކުރުން ބިނާވަނީ ތަނާއި ޒަމާނުގެ އިޖުތިމާއީ-ސަގާފީ ހާލަތުގެ މައްޗަށް ބެލެވިގެންކަމެވެ. މުޖުތަމައުގައި، އެމުޖުތަމައެއްގެ އަފުރާދުން، އަންހެނުންނާއި ދޭތެރޭ ދެކޭ ގޮތުގެ މައްޗަށް ބެލެވިގެން ކަމެވެ. އެކަނބަލުންގެ ބޭނުންތެރިކަން ކަނޑައަޅާލަނީ ހަމައެކަނި އެކަނބަލުންގެ ޖިންސު ނިޔާކުރާ ދައުރާއި ގުޅުވައިގެން ނޫންކަމަށް ބަލައި، އުނގެނުމާއި ހުނަރުތައް ލިބިގަތުމުގެ ފުރުސަތު އޮވެ، އެ ފުރުސަތު ބޭނުންކޮށް، އެކަނބަލުންގެ ވިސްނުމާއި ފިކުރުކުރުން ތަރައްގީކޮށް، ތަފާތު ހުނަރުތައް ލިބިގަނެ، ކަންކަން ކުރުމުގެ އެކަށޭނެކަމުގެ މައްޗަށެވެ. އެފަދަ ގާބިލުކަން ލިބިގެންވާ ނަމަ، އިބުނު ހަޒްމު ދެކެވަޑައިގަންނަވާ ފަދައިން، އަންހެނުން ވެސް ވެރިކަމަށާއި ގާޒީކަމަށް ވެސް އިސްކުރެވިދާނެއެވެ. މިކަން މަނާ ކުރާވަރުގެ ސީދާ، ސަރީހަ، ސައްހަ، އެއްވެސް ޝަރުޢީ ހެއްކެއް ނެތުމުންނެވެ.(ނިމުނީ )

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top